ކުޅުދުއްފުށީ އެއާޕޯޓަށް މިމަހު ނުވަނަދުވަހުން ފެށިގެން ޝެޑިއުލް ފުލައިޓްތައް އޮޕަރޭޓްކުރަން ފެށިގެންދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ޒުހެއިރު ވިދާޅުވެއްޖެ އެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ޒުހެއިރު ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ފުލައިޓްތައް މިމަހުގެ ނުވަނަ ދުވަހުން ފެށިގެން އޮޕަރޭޓްކުރަން ފެށޭނެކަމަށެވެ.
"ސަރުކާރުން ނިންމާފައިވާ ގޮތަށް ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ފުލައިޓް މިމަހު ނުވަނަ ދުވަހުން ފެށިގެން ހުޅުވާލަނީ. މިއަދު ނޫނީ މިރޭ އައިލެންޑް އޭވިއޭޝަނުން ޓިކެޓް ވިއްކަމުންދާނެ." ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރު ޒުހެއިރު ވިދާޅުވީ މިމަހުގެ ނުވައެއްވާ ހުކުރު ދުވަހު ކުޅުދުއްފުށީ އެއާޕޯޓްގެ ޝެޑިއުލް ފުލައިޓްތައް ފެށުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ބައިވެރިވަޑައިގަންނަވާނެކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިޙު މިދިޔަ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ވިދާޅުވެފައިވަނީ ބޮޑު އީދަށް އެއާޕޯޓްގެ ދަތުރުތައް ފެށޭތޯ މަސައްކަތްކުރާނެ ކަމަށެވެ. އަދި ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީކޮށްދިނުމުގެ ވައުދަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ވެސް ވައުދެކެވެ.
ކުޅުދުއްފުށީ އެއާޕޯޓަކީ ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގެ މަޝްރޫއެކެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި ހަމައެކަނި ރަންވޭ ނިންމާ ވަނީ ހުޅުވާފަ އެވެ.
މިސަރުކާރުންވެސް ހުކުރު ދުވަހު ޝެޑިއުލް ފުލައިޓްގެ ހިދުމަތް ކުޅުދުއްފުށީ އެއާޕޯޓަށް ފެށިގެންދާއިރު ހަމައެކަނި ނިމިފައިވަނީ ޓާމިނަލްގެ މަސައްކަތް އެކަނިކަން ފާހަގަކޮށްލެވެ އެވެ.