ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފަށައިފި އެވެ. މިކަމަށްޓަކާ މިއަދު ހެނދުނު ކުޅުދުއްފުށީ އެއާޕޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝެޑިއުލް ދަތުރުތައް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހެއިރެވެ.
ކުރިން މި ރަސްމިއްޔާތު އިފްތިތާހުކުރެއްވުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. ނަމަވެސް އެކަމަނާ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވެން ނެތްކަން ކައުންސިލަށް އެނގީ މިއަދު ހެނދުނު އެވެ.
ޝެޑިއުލް ފުލައިޓްގެ ހިދުމަތް ފެއްޓުމުގެ ގޮތުން މޯލްޑިވިއަންގެ ޕްލައިޓް ޖެއްސުމާއެކު އާންމު ދަތުރުތަކަށް މިވަނީ ހުޅުވާލެވި އެވެ. މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ދެ ދާއިރާގެ މެމްބަރުން، ޔާސިރު އަބުދުލް ލަތީފާއި ޖަމްޝީދު މުހައްމަދު އަދި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީވެސް ވަނީ ބައިވެރިވެޑައިގަންނަވާފަ އެވެ. އަދި ކައުންސިލް މެމްބަރުންނާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓެއް ތަރައްގީކުރަން ފަށާފައިވަނީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްވަރު ހަމައެކަނި ރަންވޭގެ މަސައްކަތް ނިންމާ ވަނީ ރަސްމީކޮށް ހުޅުވައިދެއްވާފަ އެވެ.