ލިޔުނީ: ހާޝިމް އަބޫބަކުރު
ކުޅުދުއްފުއްޓަށް ހާއްސަ ސަގާފަތްތަކަކާއި އާދަކާދަތަކެއް އޮންނައޮތުމަކީ، އަދި އެއާ ގުޅިގެން ހަމައެކަނި މި ރަށަށް ހާއްސަ ސަގާފީ ކުޅިވަރުތަކެއް އޮންނަކަމީ، ކުޅުދުއްފުށީގައި ވަރުގަދަ ތާރީހަކާއި ޙަޟާރަތެއް އޮތްކަމުގެ އަލިގަދަ ހެއްކެކެެވެ. ކޮންމެ އަޟްހާ އީދަކާއި ގުޅުވައިގެން ބޭއްވޭ ދަމުހިނގުމުގެ ހަރަކާތަކީ މިފަދަ އެންމެ ގަދީމީއެއް ހަރަކާތްކަމާ މެދަކު ޝައްކެއްނެތެވެ. މިއީ ކުޅުދުއްފުށީގެ ކުޅިވަރުތަކުގެ ކުރިބޯއްޓެވެ. ރަށުގެ ފަހުރުވެސްމެ އެވެ.
ދަމުހިނގުމުގައި ބެރުވެރިން އެ ޖަހާ ހާއްސަ ލަވަތަކާއި، ބެރުވެރީންގެ ވަށައިގެން ހަމައަށް ކަދާޖަހަމުން ނަށާ ކަދާ މާލިތަކުގެ ކަދާ ޖެހުމުގެ އަޑުން، މުޅި މާހައުލަށް އެ ގެނުވާ އިހުސާސަކީ ހިތް އުތުރި އަރައިގެން ދާފަދަ ފުން އިހުސާސެކެވެ. އަދި ހަމަ މިއާއެކު، ފައިގައި ގުނގުރު އަޅައިގެން ނަށަމުންދާ މުގުރުގަނޑު މާލިތަކާއި ކޯރިގަނޑު މާލިތަކުގެ ފަރި އަދި އެހާމެ އާދަޔާ ހިލާފު ނެށުމުން، ވެށީގައި އެ އުފައްދާ އަބުއިކަމާއި ނާޒުކުކަމަކީ ގައިން ހީބިހި ނަގައިގެން ދާފަދަ ބިރުވެރިކަމެއް ވެސް އުފައްދާ އިހުސާސްތަކެކެވެ.
ދަމުހިނގުމުގެ އެންމެ ހާއްސަ މި މާލިތަކުން އެކަނިވެސް މި ކަމަކީ އާދައިގެ ކުޅިވަރެއް ނޫންކަމާއި، އެއީ އެ ހަރަކާތެއްގައި އާދަކާދައާ ގުޅިފައިވާ ދިގު ތާރީހެއް އޮންނަ ހަރަކާތެއްކަން ރަމްޒުކޮށްދެއެވެ.
އަދިތޯ އެވެ. ކަވި އަތްތެރި މަސައްކަތުގެ ފުންނާބު އުސްކަން ހާމަވާ، އެކި ވަރުވަރުގެ ފަންމާލިތަކާއި ހުއި މާލި، ކަހަނބާއި ދޫނިގަނޑު މާލި އަދި އަށްބޭބެ އަދި ހަނޑި ގަނޑާރަ އަކީ މި ހަރަކާތުން ފެނިގެންދާ ރަށުގެ މައުނަވީ ތަރިކައެވެ. އަވަލަވައިގެން އުޅޭ ޖިންނި ނެގެސް އަންދާލުމާއި، ބޮޑުމަސް ބޭނުމާއި، އަންހެނަކު ނުވިހައިގެން އެކިޔަވާ ކިޔެވެލިތަކާއި، މަސްފިހުމާއި، އެދުރު ދައިތަމެން ކުދީންނަށް ނަގައިދޭ ފިލާވަޅުތައް ފަދަ އިހުގެ ދިރިއުޅުމުގެ އެތަށް އެތަށް ކަންކަމެއް ތަމުސީލުވެގެން ދާދިއުމަކީ މި ކުޅިވަރުގެ ހައިބަތު ދައްކައިދޭކަމެކެވެ. އެހެންނަމަވެސް ހިތާމައަކީ މިއަދު މި ކުޅިވަރުގެ އަސްލު ގެއްލިގެން ދާތަން ފެންނަމުންދިއުމެވެ.
ޒަމާނީ ތަހުޒީބުގެ އޮއިވަރުގައި ޖެހި މާލިތަކުގެ ފެންވަރު ވަނީ ވަރަށްބޮޑަށް ދަށްވެފައެވެ. ފަނުންވިޔެފައިވާ މާއްޔެއް ފެނުން ހަނދާނެއްވެސް ވޭތުވެދިޔަ ކައިރި މާޒީއަކުން ނުވެއެވެ. ދޫނިމާލިވެސް ނުފެންނަތާ ދެތިން އަހަރުވެއްޖެއެވެ. މިހާރު ކަހަނބެއް އަށްބޭބޭއެއް ނުނެރެ އެވެ. ކުރީން ދެންނެވުނު އެއްވެސް ތަމުސީލުތަކެއްވެސް ނެތެވެ. މައިދާން އޮންނަނީ މުޅީންވެސް 'ކުނި' މާލިތަކުން 'ފުޅަ' އަޅާފައެވެ.
ހަމަ މިއާއެކު ބެރުވެރީންގެ ބުރު އެދަނީ އަހަރަކަށްވުރެ އަހަރެއް ކުަޑަވަމުންނެވެ. ރޭވެސް ފެނުނީ ހަމަ މި ހިތްދަތި މަންޒަރެވެ. ޒުވާން ބެރުވެރީން މި ލަވަތައް ދަސްކޮށް، މި ކުޅިވަރުގައި ބައިވެރިވާން މާލަސްވެއްޖެއެވެ. ރޭ ފެނުނީ ކަދާމާލީގެވެސް އެންމެ ތިން މާއްޔެވެ. ހަމައަށް ކަދާޖަހަން އިތުރަށް ދަސްކުރާންވެސް ވަނީ ޖެހިފަ އެވެ. ޒުވާން މުގުރުގަނޑު މާލިތަކާއި ކޯރިގަނޑު މާލިތައް ފެނުނު ނަމަވެސް، ހަމައަށް ނަށަން އެހީތެރިކަން ވަނީ ބޭނުންވެފަ އެވެ. މި ހާައްސަ މާލިތަކުގެ އަދަދު އިތުރުކުރާންވެސް މި ވަނީ ޖެހިފަ އެވެ.
މިފަދަ ބޮޑު ކުޅިވަރެއް މަރުތަންމަތީގައި އެކަނި އޮވެ ނެތިދިޔުމަކީ ގަދީމީ ސަގާފަތެއްގެ ނިމުމެވެ. މައުނަވީ ތަރިކައެއް ގެއްލިގެން ދިއުމެވެ. ކުޅުދުއްފުށި ކުޅުދުއްފުއްޓަށް ހަދައިދޭ މަދު ކަންތައްތަކެއް ހުރިއިރު، ފަހަރަކު ކަމެއް ނެތިގެން މި ދާދިއުމަށް އިތުރުވާ ކަރުނައިގެ ބޮޅެކެވެ. މިއީ ރަށު ވަންތަކަމާއި އަމިއްލަވަންތަކަން ގެއްލި، މާލެފަދަ ކޮންކުރެޓް ޖަންގައްޔަކަށް، ދޭދޭ ފަރުދުން ނޭނގޭ ކޮތަރު ކޮށްޓަކަށް ވެގެން ދިއުމުގެ މަލަމައްޗެވެ.
އެހެންނަމަވެސް ރޭ ފެނުނު މަންޒަރުތަކަށް ބަލައިލާއިރު، ހާލަތު ބަދަލުކުރެވޭނެ ކަމުގެ ފެހި ސިގުނަލު ފެނުންވެސްމެވެ. މާލިތައް ތައްޔާރުކުރުމަށާއި ހަމަ ކިޔައިދިނުމަށް އިސް ރަށްވެހީންގެ ދެތިން ބޭފުޅުން ހަރަކާތްތެރިވި ތަން ފެނުނުކަމީ އުންމީދުތައް އައުކުރުވިކަމެވެ. ފަނުން މާލިވިޔަން ދަސްކޮށްދޭންވެސް އެފަދަ ބޭފުޅުން ތިއްބަވާނީ އަތުކުރި އޮޅާލައްވައިގެންކަން ޔަގީނެވެ. އޮތީ އެބޭފުޅުންގެ އަރިހުން އެދުރުވުމެވެ. ޒުވާނުން ކެރިގެން ނުކުތުމެވެ. ފަނުން މާލި ވިޔުމާއި ބެރުޖެހުން ފަދަ ކަންކަން ދަސްކޮށްދިނުން އިންތިޒާމުކޮށް ރޭވިގެން ކުރުމެވެ. ކުލަބު ޖަމްއިއްޔާތަކަކީ ހަމައެކަނި ފުޓްބޯޅަ ކުޅޭން އޮންނަ ބަޔަކަށްނުވެ، ނެތެމުން މިދާ ރަށުގެ ސަގާފީ ކުޅިވަރުތައް އިއާދަކޮށް ކުރިއަރުވާ ބަޔަކަށް ވުމެވެ.
މި ކުޅިވަރާއި އަދިވެސް ކުލަފަނޑުވަމުންދާ ދަފިނެގުމާއި ކުރުފަލި ޖެހުމާއި ކޯޑި ނެގުންފަދަ ކުޅިވަރުތައް ދިރުވާ އާލާކުރަމާ ބަހީއެވެ. ޒުވާނުންނަކީ ލާޗާރުބިޗާރުވެގެން ކަންމަތީ ތިބޭ ބަޔަކަށް، ނޫނީ ހަމައެކަނި ފިނި ކޮޓަރީގައި ޓައީ އަޅައިގެން ތިބޭ ބަޔަކަށް ނުވެ، މިފަދަ އިޖުތިމާއީ ކަންކަމުގައި އުޅެމާ ބަހީ އެވެ. ބަވަނަވަމުން މިދާ ދުނިޔޭގައި ކުޅުދުއްފުއްޓަކީ ނަންކިޔާ ރަށަކަށް ހެދުމަށާއި އަންނަން އޮތް ޖީލަށް ފޯރުކޮށްދޭން ޖެހޭ އަހަރެމެންގެ މައުނަވީ ތަރިކަ ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރަމާ ބަހީއެވެ. ދަމުހިނގުމުގެ އަސްލަށް ރުޖޫއަވެ މި ކުޅިވަރު ފުރިހަމަކުރަމާ ބަހީ އެވެ.