ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ހަދަމުންދާ ލޯކަލް ބަނދަރުގެ ސާޅީސް ތިން ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
ކޭއޯއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕްރޮޖެކެޓް އޮފިޝަލް ވިދާޅުވީ ބަނދަރުގެ ނެރާއި ޕުލެޓް ފޯމެއްގެ ވާހަކަ ދެކެވުމުންދާކަމަށާއި ނެރު ބަދަލުކުރުމަށްވެސް އަގެއް އެމްޓީސީސީއިން މިނިސްޓްރީއަށް ދީފައިވާނެކަމަށެވެ. އަދި އެކަންކަން ނިންމާނީ ޕްލޭނިންގ މިނިސްޓްރީން ކަމަށާއި މިހާ ހިސާބަށް ދިޔައިރު އެކަން ބަދަލު ގެނައުމަށް އަންގާފައިނުވާ ކަމަށެވެ.
"ކުޅުދުއްފުށީ އޮޑިވެރިންގެ މީޓިންގ ބޭއްވުމަށްފަހު އެބުނާ ޗޭންޖެއް ގެނައުމަށް ސަރުކާރުން އަންގައިގެން އަޅުގަނޑުމެން ވާނީ އެ ބަދަލުތައް ގެނައުމަށްދާނެ ހަރަދެއްގެ ސަރުކާރަށް ފޮނުވާފަ." ޕްރޮޖެކެޓް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ ކުޅުދުއްފުށީ ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން 43 ޕަސެންޓްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި ބަނދަރު ކޮނެ ފުން ކުރުމުގެ މަސައްކަތުގެ ވެސް 98 ޕަސެންޓް ނިމި، މިހާރު ކުރިއަށްދަނީ ކީވޯލާއި ބޭރުތޮށިލުމުގެ މަސައްކަތުގެ އިތުރުން މަސްމާރުކޭޓްގެ މަސައްކަތެވެ.
"ވަރަށް އަވަހަށް ޓާމިނަލް ހެދުމުގެ މަސައްކަތް ފެށިގެންދާނެ. އަޅުގަނޑުމެން މަސައްކަތް ކުރިއަށް އެދަނީ މިހާރު އޮތް ޕްލޭނާއި އެއްގޮތަށް." އޮފިޝަލް ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ އޮޑިވެރިންވަނީ ބަނދަރުގެ މަސައްކަތް ކުރިއަށް ދަނީ އެންމެ ބޭނުންވާ ގޮތަށް ނޫންކަމަށް ބުނެ އޮޑިވެރީންނާއި ރައްޔިތުންވަނީ އެމީހުން އެބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ މަޢުލޫމާތު ކައުންސިލަރުންނާއެކު ސަރުކާރުގެ ނައިބް ރައީސް ފައިސަލް ނަސީމް އާއި ބައްދަލުކޮށް ދަންނަވާފަ އެވެ.
އެހެންނަމަވެސް މިއަދާއި ހަމައަށް އޮޑިވެރީންނާއި ރައްޔިތުން އެދުނު އެއްވެސް ބަދަލެއް ބަނދަރަށް ނައިސް އެމަސައްކަތް ނިމެމުންދާތީ ރައްޔިތުން ދަނީ ކަންބޮޑުވުމެއްގެ ތެރޭގައި އެވެ.
އޭޑީބީގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރާ މި ބަނދަރަކީ 1100 ފޫޓް ދިގު 500 ފޫޓް ފުޅާ ބަނދަރެއް މިމަޝްރޫއުއަކީ 126.9 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށާއި ފެރީ ޓާމިނަލް އިމާރާތަކާއި ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް ޓިކެޓް ކައުންޓަރުތައް ހެދުމާއި، އޮފީސްތަކާއި ރީޓެއިން ފިހާރައެއްގެ އިތުރުން ކޮންވޭނިއަންސް ސްޓޯރު ކެފޭއާއި މައިންނަށް ހާއްސަ ސަރަހައްދެއް ތަރައްޤީ މި މަޝްރޫއުގެ ތެރެއިން ކުރެވިގެންދާނެ އެވެ.