twitterviber whatsapp telegramfacebookyoutube instagram
25th April 2024

ތުއްތު ލުހްޔާ އެތަކެއް ވޭނުގައި، އެދެނީ ދީލަތި އެހީއަށް

ޚަދީޖާ އާދަމް
Aug 27, 2019
1

"ހުރިހާ ޑޮކްޓަރުން ވަނީ އުންމީދު ކަނޑާލާފަ، އެކަމަކު މަޔަކަށް އުންމީދު ކަނޑައެއް ނުލެވޭނެ" މިއީ ކުޑަކުޑަ ލުހްޔާގެ ހާލަތު ބަޔާން ކުރުމަށްފަހު ލަހުޔާގެ މަންމަ މަރިޔަމް އަވްލީން ބޭރުކޮށްލި ހިތުގެ އުދާހެވެ.

އުމުރުން ހަތަރު އަހަރުގެ ލުހްޔާ މުހައްމަދަކީ ކާޑްރަލް ސިންޑްރޮމްގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ. އުފަންވީ އިރުވެސް ލުހްޔާގެ މައިބަދައިގެ ކަށިގަނޑުގެ އެއްބައި އަދި އުނަގަނޑުން ތިރި ވަނީ ފުރިހަމައަށް ނުއުފެދި އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ލުހްޔާގެ މަންމަ އަވްލީން ބުނީ ކުޑަކަމުދިއުމާއި، ބޮޑުކަމުދިއުމުގެ ނިޒާމްވެސް އުފެދިފައި ނެތުމުން އުފަންވިއިރު ކުއްޖާގެ ޖިންސްވެސް ވަކިކުރަން ނޭގޭކަމަށާއި ފައިވެސް އެއްކޮށް އުފެދިފައި ނެތުމުން ލުހްޔާއަށް ނުވެސް ހިނގޭކަމަށެވެ.

އުފަންވިތާ ހަތް ދުވަސްވެސް ނުވަނީ ރާއްޖޭން ބޭރަށްގޮސް ބޮޑުކަމު ދިއުމަށް ގޮހޮރުން ބައެއްނެރެ ކުޑަކަމު ދިއުމަށް ފޫޅާ ދިމާލުން ލޯވަޅެއް ހަދައި ހޮޅިއެއް ގުޅާފައިވާކަމަށް އަވްލީން ބުންޏެވެ. ނަަމަވެސް ލޯވަޅުގައި އިންފެކްޝަން އުދެފި ދުވަސް ދުވަހުން ހުން އައިސް ފިޓް ޖެހުމުގެ މައްސަލަވެސް ލުހްޔާއަށް ދިމާވެއެވެ.

އެހެންކަމުން ހުރިހާ ޑޮކްޓަރުންވެސް ވަނީ އުންމީދު ކަނޑާލާފައި ކަމަށާއި އެހެންނަމަވެސް ދުނިޔޭގައި ހުންނާނީ ކިހާދުވަހަކު ކަމުގައި ނޭގުނަސް ލުހްޔާ ފަރުވާ ހޯދުމަށް ބޭނުންވާކަމަށް އަވްލީން ބުންޏެވެ. ލަންކާއާއި އިންޑިޔާއަށް ވެސް ފަރުވާހޯދުމަށް ހަތް ވަރަކަށް ފަހަރު ދެވިއްޖެ ކަމަށާއި މިހާރު ބޭނުންވަނީ އެއަށްވުރެ ފެންވަރު ރަނގަޅު ތަނަކަށް ދާންކަމަށް އަވްލީން ބުންޏެވެ.

ރާއްޖޭގެ ފެންވަރު އެންމެ ރަނގަޅުއެއް ހޮސްޕިޓަލްކަމަށް ވާ ޓްރީޓޮޕް ހޮސްޕިޓަލަށް ލުހްޔާ ދެއްކުމުން ވެސް އެ ހޮސްޕިޓަލުންވެސް ލަފާ ދިނީ ލުހްޔާ ފުރަތަމަ އޮޕަރޭޝަން ކުރި ޑޮކްޓަރަށް ދައްކާ އެފަރާތުން ބުނާގޮތަކަށް ކަންކަން ކުރުމަށެވެ.

އެހެން ނަމަވެސް ރާއްޖޭން ބޭރަށް ދައްކާ ކޮންމެ ފަހަރަކުވެސް ކުޑަކަމުދިއުމަށް ތޮރުފާފައިވާ ލޯވަޅު ބޮޑުކޮށްދިނުމުގެ އިތުރުން އެހެން އެއްވެސް ފަރުވާއެއް ނުދޭކަމަށް އަވްލީން ބުންޏެވެ.

ލުހްޔާއަށް ނުހިނގުނު ކަމަށް ވިއަަސް ބޭނުންވަނީ ކުޑަކަމު ދިއުމަށާއި ބޮޑުކަމުދިއުމަށް ފަސޭހަވާނެ ހެން އެކަމަށް ދާއިމީ ހައްލެ ހޯދުމަށް އޮޕަރޭޝަން ކުރުމަށްކަމަށް އެ އާއިލާއިން ބުނެއެވެ. އަދި އެކަމަށް އެ އާއިލާއަށް އެދެނީ އެންމެހާ ބޭފުޅުންގެ ދީލަތި އެހީއަށެވެ.

ލުޔްހާގެ މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ލުހްޔާގެ މަންމަ މަރިޔަމް އަވްލީން ގެ ނަންބަރު 7878226 ގުޅުއްވާ ސާފުކުރެވޭނެ އެވެ. އަދި އެހީތެރިކަން ފޯރިކޮށްދޭން ބޭނުންވާ ފަރާތްތަކުން އަވްލީން ގެ ބީއެމްއެލް އެކައުންޓު ނަންބަރު 7715505470101 އަދި ލުހްޔާ ބައްޕަ މުހައްމަދު އިޝާންގެ ބީއެމްއެލް ޑޮަލަރު އެކައުންޓް 7730000030936 އަށް ފައިސާ ފޮނުވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355