ކުޅުދުއްފުށީ އެއާޕޯޓް ވަޒީފާއަށް ކުރިމަތިލީ ފަރާތް ތަކާއި އިންޓަވިއު ކުރުން މިމަހު ނަވާވީސްވާ ބުރާސްފަތު ދުވަހު ކުޅުދުއްފުށީގައި ކުރިއަށްދާނެކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނެފި އެވެ.
ކޭއޯއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރީޖަނަލް އެއާޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމް ވިދާޅުވީ މިހަފްތާގެ ބުރާސްފަތި ދުވަހު ކުޅުދުއްފުށީ އެއާޕޯޓަށް ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވުނު ފަރާތްތަކާއި އިންޓަވިއުކުރަން ކުޅުދުއްފުށީގައި ކުރިއަށްދާނެ ކަމަށެވެ.
"މިވީކެންޑުގެ ބުރާސްފަތީގައި މިބަލަނީ އިންޓަވިއު ކުޅުދުއްފުށީ ކުރިއަށް ގެންދެވޭތޯ. ވަޒީފާއަށްއެދި ހަތަރު ސަތޭކައަށްވުރެންގިނަ ފޯމް ހުށައަޅާފައިވޭ. އޭގެ ތެރެއިން ޝަރުތުހަމަވާ ދުއިސައްތަ ހަތް ފޯމް އެބައިން." ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމް ވިދާޅުވި އެވެ
އަޙްމަދު ޝަމީމް ވިދާޅުވީ އެވަޒީފާތަކަށް ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުނަމަ ތައުލީމާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓްކޮށް އިންޓަވިއު ކުރެވޭނެކަމަށެވެ.
"މިއަދުން ފެށިގެން އެލިޖިބަލްވި ފަރާތްތަކަށް އިންޓަވިއުއަށް ކިޔޭތޯ މިބަލަނީ. އެލިޖިބަލް ނުވި މީހުންނަށް އޮންނާނެ އަޅުގަނޑުމެން ވަގުތުން ރިޕްލައިކޮށްފަ." އަޙްމަދު ޝަމީމް ވިދާޅުވި އެވެ.
ކުޅުދުއްފުށީ އެއާޕޯޓްގެ 13 ދާއިރާއަކަށް 25 މީހުން ހޯދަން އިއުލާންކޮށްފައިވާއިރު ބައެއް ވަޒީފާތަކަށް އެކަކަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފަ އެވެ.