އިބްރާހިމް ހަމީދު
ކުޅުދުއްފުށީގައި ޑިޕްލޮމާ ކޯސްތައް ހިންގާ އާދިލް ސެންޓަރ ފޮރ އެމްޕަވަރމަންޓުން 2010 ގައި ހިންގި ކޯސްތައް ނިންމި ދަސްވެނިންނަށް ރޭ ސެޓްފިކެޓް ހަވާލުކޮށްފިއެވެ. 28 ދަރިވަރަކު ސެޓްފިކެޓް ހާސިލްކުރި ރޭގެ ހަފްލާ ޝަރަފްވެރި ކޮށްދެއްވީ މަތިއުތުރުޕްރޮވިންސްގެ އެމްޑީޕީގެ ރައީސް މުހައްމަދު ޒާހިރުއެވެ.
ރޭގެ ހަފްލާގައި ޝަރަފްވެރި މެހެމާނު ދަރިވަރުންނާއި މުހާތަބްކޮށް ދެއްކެވި ވާހަކައިގައި އުނގެނުމަކީ އެއާނުލާ އިންސާނަކަށް ކުރިއަށް ދެވޭނެކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަ ދެއްކެވިއެވެ.
“މިއަދު ކޮމްޕިއުޓަރު ލާނިންގ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީއަކީ ދިރިއުޅުމާއި ގުޅިފައި ހުރިއެއްޗެއް. އެއްވެސް މީހަކަށް މިއަދު ބޭނުމެއް ނުވާނެ ކަލްކިއުލޭޓަރެއްގައި އަކުރު ޖަހާލާކަށް، އެއްވެސް މީހެއްގެ ކައިރީގައި އަހާކަށް، އަމިއްލައަށް ހުންނަނީ އެނގިފައި.” ޝަރަފްވެރި މެހެމާން މުހައްމަދު ޒާހިރު ވިދާޅުވިއެވެ. “އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން ކަހަލަ ދުވަސްވީ މީހުންނަށާއި ޒުވާން ޖީލަށްވެސް ކޮމްޕިއުޓަރާއި ނުލާ މަސައްކަތް ނުކުރެވޭނެ.”
ޒާހިރުގެ ވާހަކަ ކުރިޔަށް ގެންދަވަމުން މައިން ބަފައިން ކައިރީގައި ތިބެގެން ދުނިޔެ ގަބޫލު ކުރާ ސެޓްފިކެޓަށް ކިޔަވާ ދިނުމުގެ ފުރުސަތު އާދިލްސެންޓަރުގެ ފަރާތުން ދެއްވީތީ އާދިލަށް ޝުކުރު ދެންނެވިއެވެ. އަދި ކޮންމެ ކުއްޖަކީ ވެސް އިލްމުވެރި ހުނަރުވެރި ކުއްޖަކަށްވުމަށް ނަސޭހަތް ތެރިވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ސެންޓަރުގެ ވެރިޔާ އަހްމަދު އާދިލް ދެއްކެވި ވާހަކައިގައި އެސެންޓަރުން ހިންގުނު ތިން ކޯހުގެ ސެޓްފިކެޓްތަކަކީވެސް އެމްއޭބީ އެޕްރޫވް ކުރެވިފައިވާ ސެޓްފިކެޓްތަކެއްކަމަށާއި މިއީ އައިބީއެސްގެ އޮފް ކެމްޕަހެއްގެ ގޮތުގައި ކުރިއަށްދާ ސެންޓަރެއްކަމަށާއި ޑިޕޮލޮމާއިން އައިޓީގެ ކޯސްތަކަކާއި އިންފޮމޭޝަންގެ އިތުރު ބެޗެއް މިހާރު ކުރިއަށްދާކަމަށާއި ޖުލައި މަހު މެނޭޖްމަންޓް ކޯސްތަކެއް ބޭއްވުމަށް ތައްޔާރު ވަމުންދާ ކަމަށް އާދިލް ވިދާޅުވިއެވެ.
މިދިޔަ އަހަރު ހިންގުނު ކޯސްތަކުން ގުރެފިކްސް ސްޕެޝަލިސްޓު ކޯހުގައި 20 ކުދިން ބައިވެރިވެފައިވާއިރު 10 ކުދިން ވަނީ ސެޓްފިކެޓް ހާސިލް ކޮށްފައެވެ. އިންފޮމޭޝަން ޓެކްނޮލޮޖީ ކޯހުން ބައިވެރިވި 20 ދަރިވަރުންގެ ތެރެއިން ސެޓްފިކެޓް ހާޞިލުކޮށްފައިވަނީ 18 ދަރިވަރުންނެވެ. އެ ކޯސްތަކަކީ ޑިޕްލޮމާ ފެންވަރުގެ ދެ ކޯހެވެ.