twitterviber whatsapp telegramfacebookyoutube instagram
28th March 2024

ބޮޑު ޓީޗަރުގެ ކުއްލި މަރުން ފުން ހިތާމައެއް، އެންމެ ރޮއްވާލައިފި

ނަބީލާ އިސްމާޢީލް
Aug 29, 2019
1

ނޮޅިވަރަމްފަރު ސްކޫލުގައި އެންމެ ފުރަތަމަ ތަމްރީން ލިބިގެން ކިޔަވާދޭން ފެށި ޓީޗަރަކީ ހުސެން އަބްދުﷲ އެވެ. އެ ރަށު ނަމުން ނަމަ ބޮޑު ޓީޗަރެވެ. އެންމެ ގެ ލޯތްބާއި ގަދަރު ލިބިފައިވާ ބޭފުޅެކެވެ. މިއަދު 10 މީހުންނާއެކު ހަނިމާދޫ އަށް ދަތުރުކުރި ލޯންޗް ބަނޑުން ޖަހާލައި ހިނގި ހިތާމަވެރި ހާދިސާގައި ހުސެން މި ފަނާކުރަނިވި ދުނިޔެއާ ވަކިވެގެން ހިނގައްޖެވެ.

ނަމަވެސް މި ހާދިސާގައި ބޮޑު ޓީޗަރުގެ މަރާއެކު މުޅި ނޮޅިވަރަމްފަރު ރޮއްވާލައިފިއެވެ. ގެއްލި ދިޔައީ ވަރަށް ވެސް ހިތްހެޔޮ މީހުންނާ ގުޅޭ ހިންގުން ތެރި ބޭފުޅެކެވެ. އެ ރަށު މީހުން ސިފަކުރާ ގޮތުން ނަމަ ވަރަށް ބޮޑު ގެއްލުމެކެވެ. ފޫ ނުބެއްދޭނެ ވަރުގެ ގެއްލުމެކެވެ. ބޮޑު ޓީޗަރު ވަނީ 35 އަހަރު ވަންދެން އެރަށު ސްކޫލަށް ހިދުމަތް ކުރައްވާފައެވެ.

ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫ އަށް ކުރި ދަތުރުގައި މޫސުން ގޯސްވެ ލޯންޗް ބަންޑުން ޖަހާލައި ހުސެއިނާއެކު އޭނާގެ އަންހެނުން މަރިޔަމް މަނިކެ އާއި އެ ދެމަފިރިންގެ ހަމައެކަނި އަންހެން ދަރިފުޅު ގުރައިޝާ އަބްދުﷲ އަދި ގުރެއިޝާގެ ތިން އަހަރުގެ އަންހެން ދަރިފުޅު ވެސް މި ދުނިޔެއާ ވަކިވީއެވެ. އޭގެ އިތުރުން އެ ހާދިިސާގައި މިދުނިޔެއާ ވަކިވެގެން ދިޔައީ އެ ރަށުގައި ދެން އެންމެ ގިނަ ދުވަސްވީ ޓީޗަރު ޝުކޫރުގެ ލޮބުވެތި އަނބިކަނބަލުންނެވެ. ޓީޗަރު ޝުކޫރުއާއި އަންހެނުން ހަނިމާދޫ އަށް ދަތުރުކުރަމުން ދިޔައީ އިންޑިއާއަށް ދިއުމަށެވެ.

ހާދިސާ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްފައި ވަނީ އެ ލޯންޗު ދުއްވަން ހުރި މީހާއާއި އިތުރު މީހަކު ފަތާފައި ގޮސް ހަނިމާދޫއަށް އެރުމަށްފަހު އެވެ. މީހުން ހޯދުމުގެ މަސައްކަތް ފެށުނީ އެ ހިސާބުންނެވެ.

ޓީޗަރު ހުސެއިން އާއި އާއިލާގެ އިތުރުން ޝުކޫރުގެ އަންހެނުން ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ މި ދެ އާއިލާއަށް ކެތްތެރިކަން މިންވަރު ކޮށްދެއްވާށިއެވެ. އާމީން

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355