twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް މެސީ ހޯދައިފި

ނަބީލާ އިސްމާޢީލް
Sep 24, 2019

ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަވަނަ ފަހަރަށް އާޖެންޓީނާ އަދި ބާސެލޯނާގެ ތަރި ލޮއޮނަލް މެސީ ހޯދައިފި އެވެ.

އިޓަލީގެ މިލާނުގައި ކުރިއަށްދިޔަ މި ހަފުލާގައި އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމު އިއުލާނުކޮށްދެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ. އުމުރުން 32 އަހަރުގެ މެސީ މި މަގާމު ހަވަނަ ފަހަރަށް ހޯދިއިރު މި އެވޯޑަށް ވާދަކުރީ ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް އާއި ޔުވެންޓަސްގެ ޕޯޗުގަލް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯއަށް މި އެވޯޑު ފަސް ފަހަރު ހާސިލް ކުރެވިފައިވެ އެވެ.

މިދިޔަ ސީޒަނުގައި މެސީ ވަނީ ސްޕެއިންގެ ބާސެލޯނާއާއެކު ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި މެސީ ވަނީ މިދިޔަ ސީޒަނުގައި ކުޅުނު 50 މެޗުގައި 51 ގޯލު ކާމިޔާބުކޮށްފައެވެ. އަދި 22 އެސިސްޓު ވަނީ ހަދާފައެވެ.

މީގެ ކުރިން އޭނާ މި އެވޯޑް ހޯދާފައިވަނީ 2009، 2010، 2011، 2012 އަދި 2015 ވަނަ އަހަރު އެވެ. ފީފާއިން ދޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް 2010 އިން 2015 ވަނަ އަހަރާ ހަމައަށް ދެމުން އައީ ފްރާންސް ފުޓްބޯލްގެ ބެލޮންޑިއޯ އެވޯޑާ އެއްކޮށްލައިގެންނެވެ. ފީފާ ބެސްޓް އެވޯޑްސް ދޭން ފެށީ 2016 ވަނަ އަހަރު އެވެ. މިއީ އެ ނަމުގައި ދޭން ފެށި ފަހުން މެސީ އަށް ލިބުނު ފުރަތަމަ ފަހަރެވެ.

މިފަހަރުގެ އެންމެ މޮޅު ފިރިހެން 11 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ކްރިސްޓިއާނޯ ރޮނާލްޑޯ، ލިއޮނެލް މެސީ، ކިލިއަން އެމްބާޕޭ، އެޑެން ހަޒާޑް، ފްރެންކީ ޑި ޔޮން، ލޫކާ މޮޑްރިޗް، މާސެލޯ، ވާޖިލް ވެން ޑައިކް، ސާޖިއޯ ރާމޯސްގެ އިތުރުން މަތެއުސް ޑި ލީޓް އަދި އެލިސަން ބެކާ އެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހޯދީ އެމެރިކާ އާއެކު ވޯލްޑް ކަޕް މިފަހަރު ކާމިޔާބުކުރި މެގަން ރެޕީނޯ އެވެ. އޭނާއާ ދެން ވާދަކޮށްފައިވަނީ އެމެރިކާގެ އެލެކްސް މޯގަންގެ އިތުރުން އިންގްލޭންޑުގެ ލޫސީ ބްރޯންޒް އެވެ.

އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް ހާސިލުކުރީ ހަންގޭރީގެ ކުޅުންތެރިޔާ އުމުރުން 18 އަހަރުގެ ޑެނިއަލް ޒޫރީ އެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމު ހޯދީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްއެވެ. އޭނާ އެެވޯޑް ހޯދީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާގެ އިތުރުން ޓޮޓެންހަމްގެ މައުރީސިއޯ ޕޮޗެޓީނޯއާ ވާދަކޮށްގެންނެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ އެމެރިކާ ގައުމީ އަންހެން ޓީމުގެ ކޯޗު ޖިލް އެލިސް އެވެ.

އެންމެ މޮޅު އަންހެން ގޯލްކީޕަރުގެ މަގާމު ހޯދީ ނެދަލެންޑްސްގެ ގޯލްކީޕަރު ސަރީ ވޭން ވީނެންޑާލްއެވެ. މި މަގާމަކީ މިއަހަރު އަލަށް ތައާރަފުކުރިމަގާމެކެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ގޯލްކީޕަރުގެ މަގާމު ހޯދީ ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355