ދަރިވަރުންނަށް ބޭނުންވާ ވަސީލަތް ދެ ސްކޫލުގައިވެސް ގާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ދެއްވާފައިވާކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.
ސާނަވީ އަދި މަތީ ސާނަވީއަށް ކިޔަވައިދެމުންދާ ޖަލާލުއްދީން ސްކޫލާއި ޕްރައިމަރީ ގުރޭޑްތަކަށް ކިޔަވައިދޭ ހދ އަތޮޅު ތައުލީމީ މަރުކަޒު އެއްދަންފަޅިއަށް ބަދަލުކުރުމަށް، އަންނަ އަހަރުން ފެށިގެން ޖަލާލުއްދީން ސްކޫލުގައި ގުރޭޑް 1 ން 12 އަށް ކިޔަވައިދީ، އޭއީސީގައި 9 އަކަށް ކިޔަވައިދިނުމަށް މިނިސްޓްރީ ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް އެކަމުގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުމަކީ އެ ގުރޭޑްތައް އުފައްދާއިރު ދަރިވަރުންނަށް ބޭނުންވާނެ ވަސީލަތްތައް ގާއިމުވެނެތުމެވެ.
ރައްޔިތުން މަޖިލީހުގެ މަސައްކަތްތަކާއި ރަށުގައި ކުރިއަށްދަން ނިންމާފައިވާ ބައެއް މަޝްރޫއުތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުންގެ ޝަކުވާތައް އަޑުއެއްސެވުމަށް ބުދަ ދުވަހު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވީ ދެ ސްކޫލަށް ގެންނަ ބަދަލަކީ ދަރިވަރުންނަށް އެންމެ ރަނގަޅު ބަދަލެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެބަދަލާ މެދު ރައްޔިތުންގެވެސް އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި ނަމަވެސް ރައްޔިތުންނާއި ސްކޫލްތަކުގެ ކަންބޮޑުވުމަކީ ވަސީލަތް ގާއިމްނުކޮށް އެ ބަދަލު ގެނެސްދާނެތީ އޮތް ނުތަނަވަސް ކަން ކަމަށެވެ.
ކުރީގެ ސަރުކާރުތަކުން ކަންތައްތައް ކުރި ގޮތުން ސަރުކާރާ މެދު ރައްޔިތުންގެ އިތުބާރު ވަރަށް ކުޑަވެފައިވާކަން ފާހަގަކުރައްވަމުން ޔާސިރު ވިދާޅުވީ އަބަދު އެއްގޮތަކަށް ކަންތައްތައް ނުވާނެ ކަމަށާއި އެއީ މާޒީ ކަމަށެވެ. އަދި މިއީ އާ ސަރުކާރެއް ކަމަށާއި ސަރުކާރުން ކުރާނަމޭ ބުނިކަމެއްވިއްޔާ މިހާތަނަށް ކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މިއަންނަ ބަދަލާއެކު ގެންނަށް ޖެހޭނެ ބަދަލުތަކަށް ވާނީ' މިސާލަކަށް މޭޒާއި ލައިބްރަރީއާއި ލެބޯޓްރީ އާއި މުށި ޖެހުމާއި މިހުރިހާ ކަމެއް މިގޮތަށް އެބަހުރި. އެކަންތައްތައް ފުރިހަމަ ކުރުމަށްޓަކާ އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެބަ ކުރަން. އެގޮތުން އަޅުގަނޑު ފާހަގަކުރަން މިއަދުވެސް ވާނީ އެޑިއުކޭޝަން މިނިސްޓަރާއި ނައިބު ރައީސް ފައިސަލް ނަސީމާއި އަޅުގަނޑު ވާނީ ވާހަކަ ދެއްކެވިފަ ވާނީ. މިނިސްޓަރު އެ ޔަގީންކަން އަޅުގަނޑަށް އެބަދެއްވާ. އެކަންތައްތައް(ވަސީލަތްތައް) ފުރިހަމަ ނުކޮށް އެކަންތައް(ބަދަލު) ނުކުރާނެކަމަށް". ޔާސިރު ވިދާޅުވި އެވެ.