twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޒުވާން މަސްވެރިޔާއަށް އުތުރުން ފެނުނީ މަސްވެރިންނަށްވެފައިވާ އިހްމާލު

އަބްދުލް ވާހިދު ޙަސަން
Oct 6, 2019
3

ޒުވާން މަސްވެރިޔާ، ހަސަން ސާޖިން (21އ) އާ މިދިޔަ ހޮނިހިރު ދުވަހު ކުޅުދުއްފުށިން ބައްދަލުވި އެވެ. ބައްދަލުވުމާއެކު މުޅިންވެސް އޮއްސާލީ ޝަކުވާ އެވެ. ބަންޑުކޮށްލީ މިސަރަހައްދުގެ މަސްވެރިކަމުގެ ހާލަތެވެ. ގއ. ގެމަނަފުށިން ފުރައިގެން މަސްވެރިކަމުގެ ސާޖިން މެންގެ ދޯނި އެންމެ އުތުރުން، ބޮޑުތިލަދުންމަތީގައި މަސްވެރިކަމުގައި އުޅޭތާ ހަފްތާއެއް ވަނީ އެވެ.

މަސްވެރިކަމުގައި ބޮޑުތިލަދުންމައްޗަށް އައިމަ މިސަރަހައްދުގެ މަސްވެރިންގެ އުޅޭ ހާލު ފެނިފައި ސާޖިން ހަގީގަތުގައިވެސް ވަރަށް ކަންބޮޑުވި އެވެ. ސާޖިން ބުނީ މިސަރަހައްދުން މުޅިންވެސް ފެނިގެންދިޔައީ މަސްވެރިންނަށް ސަރުކާރުތަކުން ވެފައިވާ އިހުމާލު ކަމަށެވެ.

އުތުރާއި ދެކުނާ އަޅައި ބަލާއިރު ދެކުނު މަސް ދޯނިފަހަރު ބޮޑެތިވެފައި ފުރިހަމަ އެވެ. ޒަމާނީ ވަސީލަތް ގާއިމްކޮށްފައި ހުރެ، މަސްވެރިންވެސް ތަނަވަހެވެ. މިހެން މިވަނީ ކީއްވެ ހެއްޔެވެ. ސާޖިންއަށް މީގެ ޖަވާބު ވަރަށް ފަސޭހަ އެވެ. މުޅި ރާއްޖެއަށް ބެލިނަމަވެސް މަސްވެރިކަމަށް ސަރުކާރުތަކުން މާބޮޑު ސަމާލުތަކެއް ދީފައެއް ނުވެ އެވެ. އެކަމަކު ދެކުނުގައި އުތުރަށްވުރެ މަސްވެރިކަމުގެ ވަސީލަތްތައް ސަރުކާރުތަކުން ގާއިމުކޮށްފައިވެ އެވެ.

އެގޮތުން ބާނާ މަސްކޮޅު ކިރާލެވެއެވެ. ކުއްޑޫ އާއި ފެލިވަރުގައި ކިޔޫ ހަދައިގެން ވިޔަސް ބާނާ މަސްކޮޅު ހަފުތާއެއް ފަހުންވެސް ކިރާލެވެއެވެ. އައިސް ލިބޭނެ އިންތިޒާމުތައް ދެކުނުގައި އުތުރަށްވުރެ ފަސޭހަ އެވެ. އެ ފަސޭހަތައް އަދި ލިބޭ އާމްދަނީ އިތުރުވުމާއިއެކު މަސްދޯނިފަހަރު ސައިޒް ބޮޑުވެ ފެންވަރު ރަނގަޅީ އެވެ. ލިބޭ އާމުދަނީވެސް ރަނގަޅުވުމުން ޒުވާނުން މަސްވެރިކަމުގައި އުޅޭލެން ގިނައީއެވެ. ސާޖިންގެ އުތުރުގައި މިއުޅުނު ދުވަސްތަކުގައި މަސްވެރިންނާ ބައްދަލުކޮށް އެމީހުންގެ ވާހަކަތައް އަޑުއެހި އެވެ.

އޭނާ ބުނީ މިސަރަހައްދުގައި ބޮޑެތި މަސްދޯނިފަހަރު ހަދަން އިންވެސްޓްކުރާވަރުގެ ކެޔޮޅު އެބަތި ކަމަށެވެ. ނަމަވެސް އެހާ ބޮޑު އިންވެސްޓެއް ނުކުރަނީ ލިބޭ އާމުދަނީ ކުޑަވުމުންނެވެ.

ސާޖިން ބުނާގޮތުގައި ދެކުނުގެ މަސްވެރިންނަށް އެއް ކިލޯގެ މަހަށް 20ރ ލިބޭއިރު މެދު ރާއްޖެތެރޭ މަސްވެރިންނަށް މަސްކިލޯއެއް 16ރ އަށް ވިއްކާލެވޭ ކަމަށެވެ. ނަމަވެސް އުތުރުގެ މަސްވެރިންނަށް ލިބެނީ ކިލޯއަކަށް އެންމެ 5ރ ކަމަށެވެ. އަދި އުތުރުގެ މެސްވެރިންނާއި ހަވާލާދީ ސާޖިން ބުނަނީ އުތުރުގެ މަސްވެރިންނަށް މަސްކިރާ ބޯޓެއްވެސް ފެންނަނީ ގާތްގަނޑަކަށް އަހަރަކު ތިންފަހަރު ކަމަށެވެ. އަދި މިއީ ސަރުކާރުތަކުގެ ވަރަށް ބޮޑު އިހުމާލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

" މިހެން މިދިމާވަނީ ކީއްވެހެއްޔެވެ؟ އުތުރަކު ނެތް މަސް ކިރޭނެ އެއްވެސް ގޮތެއް. އައިސް ލިބޭނެ ފަސޭހަ ގޮތެއް ނެތް. މަސް ކިރާ ބޯޓެއް ނެތް. ހަމައެކަނި މި ޖެހެނީ ރަށަށް ގޮސް ވިއްކާލަން." މަސްވެރިކަން ކުރިއަރުވަން މަސައްކަތްކުރާ ޒުވާން މަސްވެރިޔާ ބުންޏެވެ.

އުތުރުން މަސްބާނައިގެން ދެކުނާއި މެދު ރާއްޖެއަށް މަސް ކިރުވުމަށް ދިޔުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއް ކަން ފާހަގަކުރަމުން ސާޖިން ބުނީ އެއީ ގިނަ އަދަދެއްގެ ތެޔޮ އަނދާނެ ކަމެއް ކަމަށާއި އެގޮތަށް އެކަން ނުވާނެ ކަމަށެވެ. ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާޔަތް ކުރިއަރުވާ މަސްވެރިކަމަށް ޒުވާނުން ނެރެން އެއްވެސް ވަރަށް ނޫޅެކަމަށާއި ހަމައެކަނި އިވެނީ ވާހަކަތަކެއް ކަމަށެވެ.

އެގޮތުން ފާހަގަކުރަމުން އޭނާ ބުނީ ށ. އަތޮޅު ކީކިމިރީގައި އުތުރުގެ މަސްވެރިކަމަށް ބޭނުންވާ އައިސް އަދި އެހެނިހެން ވަސީލަތްތައް ލިބޭގޮތަށް ހާއްސަކޮށް ތަރައްގީކުރާ ވާހަކަތަކަކީ އަބަދުވެސް ދައްކާ ބާވެފައިވާ ވާހަކަތަކެއް ކަމަށާއި މިސަރުކާރުންވެސް އެވާހަކަތައް ތަކުރާރުން ފިޔަވާ އިތުރުކަމެއް ކުރާތަން ނުފެންނަ ކަމަށެވެ.

ސާޖިން އުތުރަށް ކުރި މިދަތުރުން އުތުރުގެ މަސްވެރިން އުޅެމުންދާ ހާލަތު ފެނި ވަރަށް ބޮޑަށް ކަންބޮޑުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355