އިބްރާހިމް ހަމީދު
އެސްޓީއޯއިން ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ ބޭސްފިހާރަ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ގޯތިތެރޭގައި އެޅުމަށް ހަމަޖެހިފައިވާ ބޭސްފިހާރަ އާއިބެހޭގޮތުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ މެނޭޖަރ ޝީޒާ އިބްރާހިމް ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގޯތި ތެރޭގައި ބޭސްފިހާރައެއް 2010 ވަނަ އަހަރު އާއްމުކޮށް އިއުލާނު ކުރުމުން އެސްޓިއޯއިން މިކަމަށް ކުރިމަތިލައި ބިޑް ކާމިޔާބު ކޮށްފައި ވުމުން މިއަހަރު ޖެނުއަރީ 26 ގައި އެސްޓީއޯއާ ބިން ހަވާލު ކުރެވިފައިވާކަމަށެވެ.
1200 އަކަފޫޓުގެ މިބިން އެސްޓީއޯއަށް ދޫކޮށްފައިވަނީ 15 އަހަރުގެ މުއްދަތަކަށެވެ.
އިތުރަށް މައުލޫމަތު ދެއްވަމުން ޝީޒާ ވިދާޅުވީ ބިން ހަވާލުކުރާތާ 06 މަސްދުވަހުގެ ތެރޭގައި ބޭސްފިހާރަ ނިންމާ ހިދުމަތް ދެވެންޖެހޭނެ ކަމަށް އެސްޓީއޯއާއެކު ވެވިފައިވާ އެއްބަސްވުމުގައި ވާނެއެވެ.
އިމާރާތް ކުރުމުގެ މަސައްކަތް އެސްޓީއޯއިން ހަވާލު ކޮށްގެން ކުރިއަށް ގެންދާ އެސްޖޭ ކޮންސްޓްރަކުޝަންގެ ސައިޓް ސްޕަވައިޒަރ އަބްދުﷲ ޒުހުރީ ކުޅުދުއްފުށީ އޮންލައިނަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ އެސްޓީއޯއިން އެސްޖޭ ކޮންސްޓްރަކްޝަން އާއެކު އެގްރީމެންޓް ކުރެވިފައިވަނީ ތިންމަސްދުވަހުގެ ތެރޭގައި ބޭސްފިހާރާގެ އިމާރާތް ކޮމްޕްލީޓް ކުރުމަށްފަހު އެސްޓީއޯއަށް އިމާރާތް ހަވާލުކުރުމަށެވެ އަދި މޫސުން ތަންދޭނަމަ އެސްޓީއޯއިން ދީފައިވާ މުއްދަތަށް މަސައްކަތް ނިންމުމަށްފަހު އެސްޓީއޯއާއި އިމާރާތް ހަވާލު ކުރެވޭނެކަމަށް އަބްދުﷲ ޒުހުރީ ބުންޏެވެ.