ހދ ނޮޅިވަރަންފަރު ސްކޫލު ދަރިވަރުން ތިން ޓަނުގެ ޕްލާސްޓިކް ހޮވައި މުޅި ރަށް ޕްލާސްޓިކުން ސާފުކޮށްލައިފި އެވެ.
ޕާލޭ މޯލްޑިވްސް އާއި އެރަށުގައި ހިންގަމުންދާ ގެސްޓްހައުސް ނޮޅި އެސްކޭޕާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ އެއްމަސްދުވަހުގެ މުއްދަތަށެވެ.
"އިންޓަރ ކުލާސް ޕްލާސްޓިކް ކަލެކްޓިންގ ކޮމްޕެޓިޝަން ނަމުގައި" ގުރޭޑް 1 ން ފެށިގެން 9 ގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާއި ގިނަ އަދަދެއްގެ ޕްލާސްޓިކް އެއްމަސްތެރޭގައި ދަރިވަރުން އެއްކޮށްފައިވެ އެވެ.
އެގޮތުން 3.3 ޓަނަށްވުރެ ގިނަ ޕްލާސްޓިކް ދަރިވަރުން އެއްކޮށްފައިވެ އެވެ. ވަރަށް ފޯރީގައި ކުރިއަށްދިޔަ މި ހަރަކާތުގައި ދަރިވަރުން ޕްލާސްޓިކް ހޮވުމަށް ރަށުގެ އެކި ސަރަހައްދުތައް ސާފުކޮށްފައިވެ އެވެ. އެގޮތުން ރަށުގެ ގޮނޑުދޮށް ފާހަގަކުރެވެ އެވެ. މުޅި ރަށް އެއްކޮށް ޕްލާސްޓިކުން ވަނީ ސާފުކޮށްލާފަ އެވެ.
ކާމިޔާބު މި ހަރަކާތާ ބެހޭގޮތުން ކޭއޯއަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަންފަރު ސްކޫލުގެ ޕްރިންސިޕަލް އަލީ އަހުމަދު ވިދާޅުވީ، އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް ކުނިން ރަށް އެއްކޮށް ސާފުވެފައިވާ ކަމަށެވެ.
ހިތްގައިމު ރީތި ގޮނޑުދޮށެއް ލިބިފައިވާ ނޮޅިވަރަންފަރަކީ ގިނަ އަތޮޅުގެ ގިނަ ބަޔަކު ދަތުރުދާ ރަށެކެވެ. ގޮނޑުދޮށް މިހާރު ވަރަށް ރީތިވާނެ ކަމަށާ އެފަދަ އެންމެ ކުނިކޮޅެއްވެސް ނެތް ކަމަށެވެ.
އަލީ ވިދާޅުވީ، މިހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށްދެވުނީ ބެލެނިވެރިންނާއި ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމުގެ ސަބަބުން ކަމަށެވެ. މި މުބާރާތުގައި ވަނަ ހޮވައި އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު އިނާމުގެ ގޮތުގައި ދޭން ނިންމާފައިވަނީވެސް ތިމާވެއްޓާ ގުޅުން ހުރި ތަކެއްޗެއްވެ.
ދަރިވަރު އެއްކުރި މި ޕްލާސްޓިކް ކުނިތައް 50 އަށްވުރެ ގިނަ ޖަމްބޯ ބޭގަށް އަޅާފައިވާއިރު އެތަކެތި ރީ-ސައިކަލްކުރުމަށް ޕާލޭއިން ހަވާލުވާނެ އެވެ. މިހަރަކާތުގައި އެންމެ ގިނައިން ހޮވާފައިވަނީ ހުސް ފުޅިކަން ފާހަގަކުރެވެ އެވެ.