އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ތުހުމަތު ކުރެވޭ ފުލުހުންގެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާއިރު އެ ހިޔާނާތުގައި ފައިސާ ނެގިކަމަށް ދެކެވޭ ވާހަކަތައް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދަށް ކުރި ތުހުމަތު އޭނާ ދޮގުކޮށްފި އެވެ.
ހިޔާނާތާ ގުޅިގެން މައުލޫމާތު ދިނުމަށް ފުލުހުންނާއި އޭސީސީ އަދި އެސެޓްރިކަވަރީ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޕޮލިސް ކޮމިޝަނަރަކު ތަކުރާރުކޮށް ފައިސާ ނެންގެވި ކަމުގެ ތުހުމަތު ކުރައްވާފައެވެ. އަދި މި ހިޔާނާތުގައި ފުލުހުންގެ ބައެއް އިސް އޮފިސަރުންވެސް ހިމެނޭކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ހުސެއިން ވަހީދަށް ތުހުމަތުކޮށްފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގި އިރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ތަކުރާރުކޮށް ފައިސާ ނެންގެވި ކަމަށެވެ. މި ތުހުމަތު ދޮގުކޮށް ހުސެއިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ކިޔާނެ އިތުރު އެއްޗެއް ނެތިއްޔާ އެމްޑީއެން މަނާކުރަން ވާހަކަ ލިއުނިއްޔާ ރައްޔިތުން މާ އުފާވާނެކަމަށާއި، މާތް ﷲ ގަންދީ ކުރި ހުވާ މަތީ އަބަދުމެ ހުންނާނެ ކަމަށެވެ.
"ބޭކާރު ވާހަކަ ނުއްދައްކާ، ލިޔަން ބޭނުން މީހަކު ލިޔާނެ އެއްޗެއް ލިޔަން ބޭނުން ގޮތަކަށް ލިޔުމާއި ބުނުމުގެ މިނިވަން ކަމުގެ ނަމުގައި ލިޔުއްވާ" ހުސެއިން ކުރެއްވި ޕޯސްޓުގައި ބުނެފައި ވެއެވެ. މީގެ އިތުރުން ދައުލަތުގެ ފައިސާއެއްގައި ޖެހިފަ ނޯންނާނެކަމަށްވެސް ޕޯސްޓުގައި ބުނެފައި ވެއެވެ.
ހިޔާނާތުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުންނަށް ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ އިރު ފުލުހުންގެ މުއައްސަސާގެ އިސް ވެރިއަކު ވެސް ތަކުރާރުކޮށް ފައިސާ ނެންގެވި ކަމަށެވެ.
ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި އެ ބައްދަލުވުމުގައި، ޚިޔާނާތުގެ ފައިސާ އިން ވަކިވަކި ފުލުހުންނަށް ބައި އަޅައި، ގާނޫނާ ޚިލާފަށް ބޮޑެތި ޖަރީމާތަކެއް ހިންގި ކަމަށް ތުހުމަތުކުރި އެވެ.