އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބުރާސްފަތި ދުވަހު މަޖިލީހަށް ހުށައަޅާނެކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ޖުލައި މަހުގެ މަޖިލީހަށް ފޮނުވާފައިވާ ފިސްކަލް ސްޓްރެޓެޖީގައިވާ ގޮތުން މިއަހަރަށް ލަފާކުރާ ބަޖެޓުގެ އަދަދަކީ 39.6 ބިލިއަން ރުފިޔާ އެވެ.
ބަޖެޓު އެކުލަވައިލަނީ ފިކްސަލް ސްޓްރެޖީ ރިޕޯޓަށް ބަލައިގެން ނަމަވެސް އެ ރިޕޯޓުގައިވާ ބަޖެޓު އަދަދާ މި އަހަރު ދައުލަތުން ހުށަހަޅާ ބަޖެޓުގެ އަދަދާ ސީދާ ދިމާނުވުން އެކަށީގެންވާ ކަމަށް މިނިސްޓްރީން މައުލޫމަތު ދެއެވެ.
އެ މިނިސްޓްރީން ބުނީ ބަޖެޓްގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ބަޖެޓް ފޮތް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ސަރުކާރުގެ ވުޒާރާތަކަށް ބަޖެޓުކުރާ އަދަދުތައް މިހާރު ކަނޑައަޅާފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ބަޖެޓަށް ގެންނަން ޖެހޭ ކުދިކުދި ބަދަލުތައް ގެނައުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއަހަރަށް ދައުލަތުން ހުށަހެޅީ 31.9 ބިލިއަން ރުފިޔާ އެވެ. މިއަހަރުގެ ބަޖެޓުގެ 80 ޕަސެންޓް ހާސިލް ކުރެވޭނެ ކަމަށް ފިނޭންސުން ވަނީ ބުނެފަ އެވެ. ބެލޭވޭ ގޮތުގައި މިދިޔަ އަހަރު ހުށަހެޅި ބަޖެޓަށް ވުރެ މިއަހަރު ހުށަހަޅާ ބަޖެޓު ބޮޑުވާނެ އެވެ.