twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުއްލިއަކަށް ބިންދާލި ކެންސަރުގެ ރާޅު، ވޭނީ އިހްސާސްތައް އަސަރާއެކު

އަބްދުލް ވާހިދު ޙަސަން
Oct 29, 2019
2

މީގެ 9 އަހަރެއްހާ ދުވަސްކުރިން ރަމްލާ އަލީ އުޅެމުންދިޔައީ ވަރަށް އުފާވެރި ދިރިއުޅެމެކެވެ. މައިން ބަފައިންނާއި ފިރިމީހަ އާއި 6 ކުދިންނާއެކު އެވެ. ރަމްލާ ބުނާގޮތުން ނަމަ އެ ދުވަސްތަކުގައި އޭނާގެ ތަރި ހުރީ މެދު އުޑުގައި އެވެ. އެހާވެސް އުފާވެރި ދިރިއުޅުމެއްގަ އެވެ. އެކަމަކު އޭނާގެ މުޅީ ހަޔާތް ކަޅު ވިލާގަނޑަކުން ބަނަކޮށްލީ ހަމަ ކުއްލިއަކަށެވެ.

"ހަމަ ކުއްލިއަކަށް އަޅުގަނޑުގެ ހަޔާތަށް އައީ ހީނުކުރާ ކަހަލަ ބޮޑު ރާޅެއް. ހަމަ ކުޑަކުޑަ ގަނޑުކޮޅެއް އުރަމަތީގައި ލީ. އެންމެ ނަސޭހަތްދިން ޑޮކްޓަރަށް ދައްކަން އެކަމަކު ގިނަ ދިވެހިންނޭކޭ އެއްގޮތަށް އަޅުގަނޑަކީވެސް ތަންކޮޅެއް ބޯހަރުގޮތެއް ހުންނަ މީހަކަށް ވާތީ ނުގޮސް ހުރީ."

އުރަމަތީގެ ކެންސަރަށް ހޭލުންތެރި ކުރުމަށް ބާއްވާ "ޕިންކް ރިބަން ރަން-ވޯރކް" ކުޅުދުއްފުށީގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިދިޔަ ހޮނިހިރު ދުވަހު ވާހަކަދައްކަވަމުން ގޮފި، ރަމްލާ އަލީ(52އ) ވަނީ ކެންސަރުގެ ވޭނުގައި ހޭދަކުރި ދުވަސްތަކުގެ ހިތްދަތި އަސަރުގަދަ ވާހަކަތައް ކިޔަދީފަ އެވެ.

ރަމްލާއަކީ އުރަމަތީގެ ކެންސަރާއި އިތުރު އެހެން ގުނަވަނަކަށް ކެންސަރު ޖެހި އެ ވޭނީ ދުވަސްތައް ހޭދަކުރި މީހެކެވެ. ﷲ ހެޔޮ ރަހުމަތުން މިހާރު އޭނާވަނީ އެ ބިރުވެރި ބަލިން ރަނގަޅުވެފަ އެވެ. އަލްހަމްދުލިއްލާހް. އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި ޕިންކް ރިބަން ރަން-ވޯކްގައި ރަމްލާ އެ ވާހަކަތައް ބައިވެރިންނަށް ކިޔަދިނީ އެ ވޭނީ ތަޖުރިބާއިން އިބުރަތް ހާސިލްކޮށްދިނުމަށެވެ.

ގިނަ ދިވެހިންގެ އާދައެކޭ އެއްގޮތަށް ރަމްލާވެސް އޭނާ އުރަމަތީގައި ލީ ކުޑަ ގަނޑުކޮޅާ މެދު މާ ބޮޑު ފަރުވާލެއް ނުބެހެއްޓި އެވެ. އެހެން ހުރެލާފަ ރަނގަޅުވާނެކަމަށް ބަލާފަ ފަރުވާކުޑަކޮށްލީ އެވެ.

އެހެން ހުރެފަ ރަމްލާގެ އުފަން ރަށް ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ދެއްކި އެވެ. އުރަމަތީގައި އިން ގަނޑުކޮޅު ނަގަން ވެގެން ސާޖަރީ ހަދަން އުޅުމުން ޕްރެޝަރު މަތިވެގެން އެކަމެއް ކުރެވޭގޮތެއް ނުވި އެވެ. އޭރު އަދި ކެންސަރު ކަމެއް ނޭނގެ އެވެ. އެންމެ ފަހުން މާލެ ގޮސް ޓެސްޓް ހެދުމުން ކެންސަރަށް ޕޮޒިޓިވްވެފައިވާކަން އެނގުނެވެ.

"އެކަމަކު މިހެން ހުރެފަ އަޅުގަނޑު ފުދޭވަރަށް ގިނަ ދުވަސް ފަހުން ދައްކާލެވުނުއިރުގައި އަޅުގަނޑު ހުރީ ހަމަ އުރަމަތީގެ ކެންސަރަށް ޕޮޒްޓިވްވެފަ. ސްޓޭޖްވެސް ހުރީ ތިނެއް ޕްލަސްގަ. ދެން ހަމަ ހިތަށްވެސް ނާރާކަމެއް އެއީ އަޅުގަނޑަށް." ރަމްލާގެ އަސަރާއެކު އެވާހަކަތައް ކިޔައިދެމުން ބުންޏެވެ.

ރަމްލާ ބުނީ މާލޭގައިވެސް ސާޖަރީއަކަށް ތައްޔާރުވި ކަމަށާއި އެކަމަކު މާލޭއިންވެސް ސާޖަރީ ހެދޭވަރެއް ނުވި ކަމަށެވެ. ރަމްލާގެ ކެންސަރުގެ ސްޓޭޖް ދެނެގަނެވުނީ ލަންކާއަށް ގޮސް ހެދި ޓެސްޓްތަކުންނެވެ. އޭރު ހުރީ ތިނަކަށްވުރެ ވެސް މަތީގައި އެވެ.

ފަރުވާއަށް އުފުލި ވޭނާއި ކެކުޅުން

އޭރަކީ ހުސްނުވާ އާސަންދަ އޮންނަ ދުވަސްވަރެއް ނޫންކަމުން އެވަރުގެ ބޮޑު ބައްޔަކަށް ބޭސްކުރާނެ ތަނަވަސްކަން ނެތުމުން ރަމްލާގެ އާއިލާއަށް އިތުރު މާޔޫސްކަމެއް ކުރިމަތިވި އެވެ. އެކަމަކު ރަމްލާގެ ބޮޑުބޭބެއެއްގެ ދީލަތި އަތްދިކޮށްލީ އެންމެ މުހިންމު ވި ވަގުތުގައި އެވެ. ރަމްލާ ބުނީ އޭނާގެ ބައްޔަށް ފަރުވާގެ ހަރަދުތައް ހަވާލުވީ ބޮޑުބޭބެއަކު ކަމަށެވެ.

"ވަރަށް އަގުބޮޑު ހަރަދުތަކެއް ކުރަނީ. ކީމޯތެރަޕީ ދިނަސް ރޭޑިއޭޝަން ދިނަސް މި ހުރިހާ އެއްޗަކީވެސް ވަރަށް އަގުބޮޑު ފަރުވާތަކެއް. މާތްﷲ ގެ ހެޔޮ ރަހުމަތްފުޅުން އަޅުގަނޑުގެ ބޮޑު ބޭބެއެއްގެ ވަރަށް ދީލަތި އެހީތެރިކަމާއެކީ އަޅުގަނޑުގެ ފަރުވާ ވަރަށް ރަނގަޅަށް ކުރިއަށްދިޔަ." ރަމްލާ ބުންޏެވެ.

2011 ވަނަ އަހަރު ރަމްލާގެ ދިރިއުޅުމަށް ބިންދާލި ކެންސަރުގެ ރާޅުން އޭނާ ސަލާމަތްކުރުމަށް އާއިލާއިންވީ އިންތިހާ ބޮޑު ގުރުބާނީ އެކެވެ.

ރަމްލާގެ މުޅި އާއިލާއަށް ދިމާވި އެ ހިތާމަ މިހެން ހުރެފައި ކިޔާ ދިންނަމަވެސް އެކަން ތަޖުރިބާ ނުކުރާ މީހަކަށް އެކަން އިހްސާސެއްވެސް ނުކުރެވޭނެ އެވެ. އެ އުފުލި ތަކުލީފުތަކެއް ތަހައްމަލެއް ނުކުރެވޭނެ އެވެ. ރަމްލާ ބޭހަށް ލަންކާއަށް ދިޔައިރު އެންމެ ހަގު ދަރިފުޅުގެ އުމުރަކީ 6 އަހަރެވެ. ދޮށީ ދަރިފުޅަށް 25 އަހަރެވެ.

"ފައިސާގެ ގޮތުން ވިޔަސް، އާއިލާއާ ވަކިވާން ޖެހުމާއި މިހެންގޮސް އެފަދަ ކިތަންމެ ކަމެއް. 2011 ވަނަ އަހަރުން ފެށިގެން ގާތްގަނޑަކަށް 2014 ވަނަ އަހަރާ ހަމައަށް އަޅުގަނޑު އުޅުނީ ރާއްޖެއިން ބޭރުގައި އާއިލާއާ ވަކިން." ވަރަށް ހިތްވަރާއެކު ރަމްލާ ކިޔައިދެމުންދިޔަ އެވެ.

ފަރުވާއަކަށް ފަހު ފަރުވާ ދެމުންދިޔަ އެވެ. އެހެން ބަލިތަކާ ތަފާތުކޮށް ކެންސަރު ބައްޔަކީ ފަރުވާކުރަން ފަށައިފިނަމަ މީހާ ވަރަށް ބޮޑަށް ބަލިކޮށްލާ ފަރުވާ އެވެ. އިސްތަށިގަނޑާއި ނިޔަފަތިތައް ގޮސް، އިނގިލިތަކުން ރޯ މަސް ނިކުތެވެ. އެފަދަ އެތަކެއް ވޭން ދެނިވި ހާލަތަށް މީހާ ދެ އެވެ. ގައިގައި ފެންކޮޅެއް ޖައްސާނުލެވި ތިން ހަތަރު މަސްވެސް ދާން ޖެހުނެވެ އަވިކޮޅެއްގައި ނުޖެހި، ފިނިއެއްޗެއް، ހޫނު އެއްޗެއްގައި އަތް ނުޖެއްސި ކޮންމެ ކޮންމެ އެއްޗެހި ނުކެވި، އެތައް ހާލަތެއްގައި އުޅެން ޖެހުނުކަމަށް ރަމްލާ ބުންޏެވެ.

އެތަކެއް ފަރުވާތަކަށްފަހު ބަލިން ފަސޭހަވެގެން އެނބުރި ރަށަށް އާދެވުނެވެ. އެއަށްފަހު ދުވަސްކޮޅެއް ފަހުން ޓެސްޓް ހެދިއިރު އަނެއްކާވެސް ހުރީ ކެންސަރަށް ޕޮޒިޓިވް ވެފަ އެވެ.

"އަނެއްކާ ދެން ޖެހުނީ އެއަށްވުރެ އަގުބޮޑު އިތުރު ފަރުވާތަކެއް ނަގަން މި ހުރިހާ އުނދަގޫތަކީ ވަރަށް ވޭނުގައި ބުނަށްވެސް ނޭނގޭ. ވަރަށް އުނދަގޫ ހާލަތެއްގައި ދިރިއުޅެން ޖެހި. އިރާދަކުރެއްވިއްޔާ މިހާރު ﷲ ގެ ހެޔޮ ރަހުމަތުން މި ބަލިން އަރާގަނެވިފައި." ރަމްލާ ބުންޏެވެ.

ދެ ވަނަ ފަހަރު ކެންސަރަށް ޕޮޒިޓިވް ވި ގުނަވަންވެސް އެއްކޮށް ނަގައި ﷲ ރަހުމަތްފުޅުން މިހާރު ވަނީ ކެންސަރުން އަރާގަނެވިފަ އެވެ.

ރަމްލާގެ ނަސޭހަތް

ކެންސަރުގެ ވޭން ތަހައްމަލު ކުރި މީހެއްގެ ހައިސިންޔަތު ރަމްލާ ބުނީ އެއްވެސް މީހަކު މިއީ ކުޑަކަމެއް ކަމަށް ހީކޮށް ޓެސްޓް ނުހަދާ ނުހުރުމަށެވެ. ވޭނެއް ނެތް ކަމުގައިވިޔަސް އުރަމަތީގައި ގަނޑުކޮޅެއް ލައިފިނަމަ ވީ އެންމެ އަވަހަކަށް ޓެސްޓް ހެދުމަށް ނަސޭހަތްތެރިވި އެވެ. އަދި ދޭތެރެ ދޭތެރެއިން ކެންސަރަށް ސްކްރީން ކުރުމަށް އެދުނެވެ.

"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ އެއްވެސް މީހަކު ކުޑަކުޑަ ކަމެކޭ ހީކޮށް ވޭނެއް ނެތްކަމުގައިވިޔަސް ކުޑަކުޑަ ގަނޑުކޮޅެއް ހުރިކަމުގައި ވިޔަސް ދައްކަން ނުގޮސް ނުހުންނާށޭ. އަވަހަށްގޮސް ޓެސްޓް ހަދާށޭ." ރަމްލާ ނަސޭހަތްތެރިވި އެވެ.

އެންމެ ފުރަތަމަ ރަމްލާ ހީކޮށްގެން ހުރީ ކެންސަރަކީ ރަނގަޅުކުރެވޭނެ ބައްޔެއް ނޫން ކަމަށެވެ. ފަރުވާކުރިއިރު ރަމްލާ ހީކޮށްގެން ހުރީ "ދޫކޮށްލަން" ނުކެރިގެން ރަނގަޅުވާނެކަމަށް ކިޔައިގެން ފަރުވާކުރަނީ ކަމަށެވެ. މިއީކީއެއް ރަނގަޅުވާނެ ބައްޔެއް ނޫން ކަމަށެވެ. ރަނގަޅުވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނޯވެ އެވެ. އެއީ ބައްޔަށް ފަރުވާކުރަން ފެށުމުން މީހާގެ ހާލަތު ބޮޑުތަކުން ބަލިކޮށްލާތީ އެވެ.

އެހެންވެ ރަމްލާގެ އަބަދުވެސް ޑޮކްޓަރާ ސުވާލުކުރަމުންދެ އެވެ. ބަލި ރަނގަޅުވާނެ ތޯ އެވެ. ސުވާލު ކުރާލެއް ގިނަ ކަމުން ރަމްލާއަށް ޑޮކްޓަރު ވަރަށް ވަރުގަދަ މެސެޖެއް ދިނެވެ. އެއީ ޑޮކްޓަރުން ދޭ ފަރުވާއަށް އެމީހެއްގެ ހިތުގައި އޮންނަ ޔަގީންކަމެވެ.

"އަސްލު ޑޮކްޓަރު ދޭ ފަރުވާއަށްވުރެ އެމީހެއްގެ ހިތުގައި އޮންނަ ޔަގީންކަން. އަޅުގަނޑަށް ވިދާޅުވި ފަރުވާކުރަން ފެށީމަ އެމީހަ ޑޮކްޓަރާމެދު ޔަގީންކަން އޮވެއްޖެނަމަ އެމީހަކު ސިކުނޑިން އުފައްދާނެޔޭ ވަރަށް ވަރުގަދަ ކެމިކަލެއް. އެ ކެމިކަލްގެ ސަބަބުން އެމީހަކު ރަނގަޅުވުމަށް ވަރަށް ބޮޑު ބާރަކަށްވާނެ." ރަމްލާގެ ޑޮކްޓަރު އޭނާއަށް ދިން މެސެޖް އެހެން މީހުންނާ ހިއްސާކުރި އެވެ.

ދެ ވަނަ ފަހަރު ކެންސަރަށް ޕޮޒްޓިވް ވެގެން ފަރުވާ ހޯދަން ދިޔައިރު ރަމްލާ ހުރީ ބައްޔަށް ހޭލުންތެރިވެފަ އެވެ. ކުރިން ފަހަރު ޑޮކްޓަރުން ދެއްވި އިރުޝާދާއި ނަސޭހަތުގައި ހިފަހައްޓާ ފަރުވާ ކުރަން ފެށުމުން ﷲ ގެ ރަހުމަތްފުޅުން ރަނގަޅުވި އެވެ.

"ބަލިވެދާނެޔޭ ކޮންމެ މީހަކުވެސް އެހާލަތު ދިމާވެދާނެ. އެކަމަކު އަޅުގަނޑު ދަންނަވާނީ އެއްވެސް ބޭފުޅަކު މާޔޫސް ނުވާށޭ. ސަބަބުތަކުގައި ހިފަހައްޓާފަ ﷲ އަށް ވަކީލުކުރާށޭ. ﷲ އަށް ވަކީލު ކުރީމަ ކޮންމެ މީހަކުވެސް ރަނގަޅުވުމުގެ ފުރުސަތު އޮންނާނެޔޭ." ނަސޭހަތްތެރިވަމުން ރަމްލާ ބުންޏެވެ.

ސަރުކާރަށް ދޭ މެސެޖް:

ކެންސަރުގެ ފަރުވާއަކީ އަގުބޮޑު ފަރުވާއެއްކަމުން ރޭޑިއޯތެރަޕީ އާއި ޕެޓް ސްކޭނިންގ ފަދަ މުހިންމު ފަރުވާތައް ރާއްޖެއިން ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ސަރުކާރަށް ގޮވާލި އެވެ. މިހާރުވެސް އަހަރަކު އެއްފަހަރު ކެންސަރު ހުރި ތޯ ބެލުމަށް ޕެޓް ސްކޭންގ ރަމްލާ ހަދަ އެވެ. އިންތިހާއަށް އަގުބޮޑު ޓެސްޓްތަކަށް ވާއިރު އެކަމަށް ލުއި ފަސޭހަގޮތެއް ހެދައިދިނުމަށް އޭނާ އެދުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355