ހދ ނޮޅިވަރަމުން 75 ގޯތި ދިނުމުގައި އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި ގުރުއަތުލުން އަލުން ބާއްވާ ގޯތިތައް ހަވާލުކުރުމަށް އެރަށު ކޯޓުން ހުކުމްކޮށްފި އެވެ.
އެގޮތަށް ހުކުމްކޮށްފައިމިވަނީ އެރަށުން އެންމެ ފަހުން ދޫކޮށްފައިވާ ގޯތިތައް ދިނުމުގައި މައްސަލަތަކެއް އުޅޭކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައާކާ ގުޅިގެންނެވެ. އެރަށު އަޒުމް، ހުސެއިން ރަޝީދު ކޯޓަށް މައްސަލަ ހުށަހެޅީ ކައުންސިލުން ގޯތި ދިނުމަށް ކުރި އިއުލާނާ ގުޅިގެން ގޯއްޗަށް އެދި ހުށަހެޅުމުން، ކައިވެންޏަށް ލިބޭ މުއްދަތައް ޕޮއިންޓް ދީފައިނުވުމުން ގޯތި ލިބުމުންގެ ހައްގުން އޭނާ މަރުހޫމްވެފައިވާތީ އެވެ.
ހުސެއިން ރަޝީދު ހުށަހެޅި އެމައްސަލަ ބެލުމަށްފަހު ހދ އަތޮޅު އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމު ނެރުއްވި ހުކުމުގައި ވަނީ ހުސެއިން ރަޝީދަކީ ގޯއްޗަށް އެދި ހުށަހެޅި ފޯމާއެކު ހުށަހަޅަން ޖެހޭ ހުރިހާ ތަކެތި ފުރިހަމަކޮށް ހުށަހަޅާފައިވާ ފަރާތެއްކަން މައްސަލައާ ގުޅިގެން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުންނާއި އޭނާގެ ބަހުން އެނގޭ ކަމަށެވެ. އަދި ދައުވާއާ ގުޅިގެން ހުސެއިން ރަޝީދު ހުށަހަޅަން ޖެހޭ ކައިވެނީގެ ސްޓްފިކެޓުގެ ކޮޕީގެ ބައެއް ހުށަހަޅާފައިނުވާ ކަމަށް ކައުންސިލުން ބުނި ނަމަވެސް އެކަން ކައުންސިލަށް ސާބިތުކޮށްދެއްވިފައިނުވާކަމަށް ހުކުމްގައިވެ އެވެ.
އަދި ހުސެއިން ރަޝީދަކީ 75 ގޯތީގެ ތެރެއިން ގޯއްޗެއް ލިބެން ޖެހޭ ފަރާތެއްކަމަށް ކަނޑައަޅައި އެ ގޯތިތަކުގެ ތެރޭގައި އެފަދަ ފޯމު ބަލައިގެންފައިވާ ދޭ ލިޔުމުގައި ހަމައަށް ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެތި ހަމައަށް ހުށަހަޅާފައިވާކަމަށް ނޮޅިވަރަމް ކައުންސިލުން ލިޔުން ދޫކޮށްފައިވާ އަސި ކައިވެނީގެ މުއްދަތަށް ޕޮއިންޓް ދީފިނަމަ ގުރުއަތަކާ ނުލައި ނުވަތަ ގުރުއަތުގައި ބައިވެރިވެވޭ ވަރަށް ޕޮއިންޓް ލިބޭ ފަރާތްތަކެއްވާ ނަމަ އެބަޔަކު ހިމަނައި ގުރުއަތުލުން އަލުން ގޯތިތަކުގެ ސްލޮޓް ކަނޑައެޅުމަށްފަހު، އެގޮތުގެ މަތިން ގޯތި ލިބޭނެ ފަރާތްތަކުގެ ހައްގު ވެރިންނާއި އަލުން ގޯތިތައް ހަވާލުކުރުމަށް ނޮޅިވަރަމް ކައުންސިލްގެ މައްޗަށް އަންގައި ހުކުމްކުރާ ކަމަށެވެ.
ނޮޅިވަރަމުން 8 އަހަރު ފަހުން 75 ގޯތި ދޫކޮށްފައިވަނީ މި އޮކްޓޯބަރުމަހު އެވެ. އެންމެ ފަހުން އެރަށުން ގެވަޅު ދޫކޮށްފައިވަނީ 2011 ވަނަ އަހަރު އެވެ.