ކުޅުދުއްފުށީ "ކަކާގެ" ގޭގައި ބަހައްޓާފައިހުރި ސައިކަލެއްގައި އަލިފާން ރޯކޮށްލި މައްސަލާގެ މީހަކު ހައްޔަރުކޮށްފި އެވެ. މިމަހު 22 ވަނަ ދުވަހު ރޭ ފަތިހު 4 ޖަހާއިރު ހިންގި މި ހާދިސާގައި ސައިކަލުގެ އިތުރުން އެ ގޭގެ އަސްކެނީގެ ސީލިންގ އާއި ރަށު ޕިކަޕެއްގައި އަލިފާން ރޯވެ ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާގެ ބަންދުގެ މުއްދަތަށް 7 ދުވަސް ކުޅުދުއްފުށީ ކޯޓުން ޖަހާދީފައިވާ ކަމަށެވެ.
އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވިނަމަވެސް އެ ގެޔަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި ދުމުގެ ސަބަބުން ވަގުތީ ގޮތުން އެ ގޭގެ މީހުން އެހެން ގެޔަކަށްވެސް ބަދަލުވި އެވެ. އަދި މި އަލިފާނުގެ ހާދިސާގައި އެ ގެޔާއި ޖެހިގެން ހުރި "ނަހާގެ" އަށްވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނެވެ.
އެ ދުވަހު ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވެފައިވަނީ އަލިފާނުގެ ހާދިސާ ހިނގި ގޭގެ ވެރި މީހައާ ވާހަކަދެއްކުމުން އެއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް އެނގޭ ކަމަށެވެ.
އަދި އެތަނުން އެކަމުގެ ހެކި ފެންނަށް ހުރިކަމަށްވެސް ލަތީފް ފާހަގަކުރެއްވި އެވެ. އަލިފާން ރޯކޮށްލާފައިވަނީ ވިޔަފާރިކުރާ މީހަކަށް ކުއްޔަށް ދީފައިހުންނަ ތަނެއްގައި އެވެ. އެތަނުގައި އެމީހާގެ ސައިކަލަކާއި ރަށު ޕިކަޕެއް ހުރި ކަމަށާއި އެ ތަކެތިވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފަ އެވެ.
ލަތީފް ވިދާޅުވެފައިވަނީ ކުއްޔަށް ހުންނަށް ތަނަށް ހުޅު ލުމަށްޓަކާ ބޭނުންކުރި ބައެއް ސާމާނު އެތަނުން ފެނުނު ކަމަށެވެ. އެގޮތުން ހަރުގަނޑަކާއި ފޮތިގަނޑަކާއި ދަނޑިއެއްވެސް ފެނުނު ކަމަށެވެ. މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މިއީ އެއްގޮތަކަށްވެސް ބަލާ ގަނެވޭނެ އަމަލެއް ނޫން ކަމަށް ލަތީފް ވަނީ ވިދާޅުވެފަ އެވެ.