twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކައުންސިލުން މިހާރު ނިންމާފައިވަނީ 6 ބުރީގެ އިމާރާތެއް ހަދަން

އިބްރާހިމް ހަމީދު
Nov 4, 2019

ކުޅުދުއްފުށީ ކައުންސިލުން ހަދަން ނިންމާފައިވާ ފަސް ބުރީގެ އިމާރާތަށް އެއްބުރި އިތުރުކޮށް، އެމަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ފުރުސަތު ހުޅުވާލައިފި އެވެ.

ކައުންސިލުން ކުރިން ނިންމާފައިވަނީ ފަސް ބުރީގެ އިމާރާތެއް ހަދަންށެވެ. ނަމަވެސް މިހާރު ވަނީ އެއްބުރި އިތުރުކޮށް 6 ބުރީގެ އިމާރާތެއް އަޅަން ނިންމާ، އެމަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ.

ކައުންސިލުން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ހަ ބުރީގެ އިމާރާތް ހެދުމަށްޓަކާ އިމާރާތުގެ ފައުންޑޭޝަނާއި ފުރަތަމަ ޝީޓާއި ގުރައުންޑް ފްލޯރގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ކައުންސިލުން ބުނީ އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން 10 ނޮވެމްބަރު 2019 ވާ އާދިއްތަ ދުވަހުގެ ކުރިން ކައުންސިލް އިދާރާ ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށެވެ. އެއިދާރާގެ ފޯން ނަމްބަރު 6528831 މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު އޮތްކަމަށާއި އަދި އީމެއިލް [email protected] މެދުވެރިކޮށް ވެސް އެފުރުސަތު ހުޅުވިފައިވާކަމަށެވެ.

ކައުންސިލުން ބުނީ މިމަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ދޭނީ 14 ނޮވެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ކަމަށާއި އަދި އެމަސައްކަތުގެ އަންދާސީ ހިސާބު ހުޅުވުން ނޮވެމްބަރު މަހުގެ 24 ވާ އާދިއްތަދުވަހުގެ 13:30 ގައި ކުރިއަށްދާނެއެވެ.

މައުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން ކުރިއަށްދާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައި އެވެ. މި އަންދާސީ ހިސާބަށް މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ ރަޖިސްޓްރީވުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އެންސީއާރު ގްރޭޑް GC01 ގިންތި 1،2،3،4 އަދި 5 ކުންފުނިތަކަށެވެ.

އިތުރަށް ކައުންސިލުން ބުނީ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނުލިބޭނެކަމަށާއި ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ އެއް އަންދާސީ ހިސާބުކަމަށެވެ. މިބީލަމުގައި ބައިވެރިވުމަށް ނޮންރިފަންޑަބަލް ފީއެއްގެ ގޮތުގައި ފަސްސަތޭކަ ރުފިޔާގެ ފީއެއް ދައްކަންޖެހެ އެވެ. އިތުރު މަޢުލޫމާތު ކައުންސިލް އިދާރާއިންނާއި އަދި 6527174 މިނަމްބަރު ފޯނާއި ގުޅާލުމުން ލިބިގެންދާނެކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ކުރީގެ އުސްގެ ހުރި ބިމުގައި މި އިމާރާތް ހަދަން ނިންމާ އެކަން ފުރަތަމަ ހާމަކޮށްފައިވަނީ މިދިޔަ 2018 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ތެރޭގައި އެވެ. އެ އިމާރާތް ކުރަން ނިންމާފައިވާ ތަނުގައި މިހާރު ހުންނަނީ ބޮޑުފެންޑާ އާއި ފެމެލީ ބޭކަރީގެ އިމާރާތެއްކެވެ. 2400 އަކަފޫޓް ބިމެއްގައި ހަދަން ނިންމާފައިވާ މި އިމާރާތް ހަދާނީ އެތަނުގައި މިހާރު ހުރި އިމާރާތްތައް ނަގާފަ އެވެ.

މި އިމާރާތްތަކީ ކައުންސިލްގެ މާލިއްޔަތު ތަނަވަސްކުރުމުގެ ގޮތުން ހަދާ އިމާރާތެކެވެ. އަދި މި އިމާރާތުގެ ސަބަބުން އިޖުތިމާއީ ގޮތުން ތަރައްގީއަށް ގިނަ ކަންތައްތަކެއް ކުރުމަށް ކައުންސިލަށް ފުރުސަތު ފަހިވެގެންދާނެކަމަށް ކައުންސިލުން ބުނެ އެވެ.

މި ބިމަކީ ރަށުގެ ވަރަށް މުހިންމު ސަރަހައްދެއްގައި ހުރި ބިމަކަށް ވާތީ އެބިމުން އެންމެ އެކަށީގެންވާ ފައިދާ ކައުންސިލަށް ހޯދުމުގެ މައިގަނޑު ބޭނުމުގައި ހަދަން ނިންމި މި އިމާރާތުގައި ފިހާރައަކާއި ލައިބުރަރީއެއް އަދި ހޯލެއްގެ އިތުރުން އެޕާޓްމަންޓާއި ވީއަޕީ އެޕާޓްމަންޓް އަދި ވީއައިޕީ ރޫމްތަކެއް ހުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355