twitterviber whatsapp telegramfacebookyoutube instagram
19th April 2024

ސިއްހީ ދާއިރާ ތަރައްގީކުރުމަށް ބަޖެޓްގައި 4.1 ބިލިއަން ރުފިޔާ ހިމަނައިފި

• މިއީ މިހާތަނަށް ސިއްހީ ދާއިރާއަށް ކުރާ އެންމެ ބޮޑު ހޭދައެއް
• ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަން ތަރައްގީކުރުމަށް 184 މިލިއަން ހިމެނިފައިވޭ
• ކުޅުދުއްފުއްޓާއި ތިނަދޫ ހޮސްޕިޓަލް ތަރައްގީކުރުމަށް 141 މިލިއަން ހިމަނާފައިވޭ

Nov 4, 2019

ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީކޮށް ހަރުދަނާކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި 4.1 ބިލިއަން ރުފިޔާ ހޭދަކުރަން ހިމަނައިފި އެވެ.

އަންނަ 2020 ވަނަ އަހަރު ބަޖެޓް ރައްޔިތުން މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވީ، ސަރުކާރުން ނިންމާފައިވާ 5 ސަރަހައްދީ ހޮސްޕިޓަލްތައް ތަރައްގީކުރުމާއި ސިއްހީ ވަސީލަތްތައް ތަރައްގީކުރުމަށް ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކެޕިޓަލް ޚަރަދަށް 566 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަނޑައަޅާފައިވާއިރު އޭގެ ތެރެއިން 51 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށެވެ. އަދި 90 މިލިއަން ރުފިޔާ ގދ ތިނަދޫ ޓާޝަރީ ހޮސްޕިޓަލަށް ބަދަލުކުރަމަށެވެ.

އަދި 184 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ އެކި ރަށްރަށުގައި ސިއްޙީ ހިދުމަތްދޭ ތަންތަން އިތުރަށް ތަރައްގީކޮށް ހިދުމަތް ފުޅާ ކުރުމަށެވެ.

މިނިސްޓަރު ވިދާޅުވީ، ފަސް ސަރަހައްދުގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލުތަކާއެކު ސިއްހީ ދާއިރާ އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަނގަޅު ފެންވަރުގެ ބޭސްފަރުވާގެ ހިދުމަތް ލިބެން ފަށާނެ ކަމަށެވެ.

ސިއްޙީ ދާއިރާއަށް 4.1 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިފައިވާއިރު ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވަނީ 3541 މިލިއަން ރުފިޔާ އެވެ. އެގޮތުން މެޑިކަލް ކޮންސިއުމަބަލްސްގެ ގޮތުގައި 743.61 މިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު މުވައްޒަފުންނަށް ހިނގާނެ ހަރަދުގެ ގޮތުގައި ބަޖެޓުގައި ވަނީ 2124.6 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި އެހެނިހެން ރިކަރަންޓް ހަރަދުގެ ގޮތުގައި 672.79 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355