- ފުލުހުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރެވޭނީ އެކަމަށް މަގުފަހިކޮށްދޭންޖެހޭ ކަންތައްތައް ސަރުކާރުގެ ފަރާތުން މަގުފަހިކޮށްދީގެން
ފުލުހުންގެ ހިދުމަތް މިއަދު ބައްޓަން ކުރެވިގެން މިދަނީ ހަމައެކަނި ކުށްކުރާ މީހުން ހިފަހައްޓާ ހައްޔަރުކުރާ ބައެއްގެ ގޮތުގައި އެކަނި ނޫން ކަމަށާ އެކަމަކު ފުލުހުންގެ މަސައްކަތް މިއަދު ބައްޓަން ކުރެވިގެން މިދަނީ އިޖުތިމާއި ގޮތުންވެސް ރައްޔިތުންނާއެކުގައި މަސައްކަތްކުރާ ބައެއްގެ ގޮތުގައިކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.
ހދ ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، މިއަދުގެ ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ގިނަ ރައްޔިތުން ދިރިއުޅެނީ އަތޮޅުތެރޭގައިކަމަށްވާތީ، އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކާ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ސަރުކާރުގެ ގާބިލުކަން ހުރި އެންމެ ރަނގަޅު މިންވަރަކަށް ފޯރުކޮށްދިނުން ކަމަށެވެ.
ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމުގެ ގޮތުން ފަސް އަހަރު ދުވަހުގެ ސްޓްރެޖެޓިކް ޕްލޭނެއް ހެދި އޭގެ މައްޗަށް އިތުރު އެކްޝަން ޕްލޭންތައް ތަންފީޒުކުރެވި ފުލުހުންގެ މަސައްކަތް ހަރުދަނާކުރެވި، މަސައްކަތް ކުރިއަށްގެންދަނީ ވަރަށްވެސް އިންތިޒާމުކުރެވިފައިވާ އުސޫލުތަކުގެ ތެރެއިންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އާދެ އަޅުގަނޑު ހިތުން މުޖުތަމައެއްގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ އެ މުޖުތަމައުގެ ރައްކާތެރިކަން ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ ފަރާތްތައް އާދެ، ދިވެހި ރާއްޖޭގައިކަމަށްވާނަމަ ފުލުހުންގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވިގެން. ފުލުހުންގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ އެކަމަށް މަގުފަހިކޮށްދޭންޖެހޭ ކަންކަން ސަރުކާރުގެ ފަރާތުން މަގުފަހިކޮށްދީގެން". މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ ވިސްނުން ބައްޓަން ކޮށްފައިމިވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އިގުތިސޯދީ މަސައްކަތްތަކެއް ފެށި، އުފާވެރި ފާގަތި ވެއްޓަކަށް ހެދުމަށްޓަކާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޖަޒީރާވަންތަކަމާއެކު މި ރަށްތައް ބިނާކުރުމުގައި ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
އިމްރާނު ވިދާޅުވީ ދިވެހިރާއްޖޭގެ މުޅި މުސްތަގުބަލަށްޓަކާ މިވަގުތުކުރަން ޖެހިފައި އޮތް އެންމެ މުހިންމު އެއްކަމަކީ ދިވެހިންގެ ވެއްޓަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ވެއްޓަކަށް ހެދުންކަމަށެވެ. ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރެވިގެން ނޫނީ އިގުތިސޯދީ އަދި އިޖުތިމާއީ ހަމަޖެހުން ނުލިބޭނެކަމަށް ވިދާޅުވި އެވެ.
ފުލުހުންގެ މަސައްކަތް ބައްޓަން ކުރެވިގެން މިދަނީ ރައްޔިތުން ކުރަމުންދާ އިގްތިސޯދީ މަސައްކަތްތަކަށްވެސް ފުލުހުންގެ ފަރާތުން އެހީތެރިކަން ލިބިދޭގޮތަށްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.