މިހާރު ކުޅުދުއްފުށީގައި ކުރިއަށްދާ ރާއްޖޭގެ ފުރަތަމަ ބީޗް ގޭމްސް ކަމަށްވާ ބާދުޝާހު ޑަބްލިއު އެސްއޭ ބީޗު ސްޕޯޓްސް ގޭމްސްގެ ހާއްސަ އިވެންޓަކަށް ތްރީ އޮން ތްރީ ބާސްކެޓްގެ ދުނިޔޭގެ ޗެމްޕިއަން ކަމަށްވާ ސާބިއާގެ ދުސަން ޑޮމޮވިޗް ކުޅުދުއްފުއްޓަށް އަތުވެއްޖެއެވެ.
އޮންލައިން ނިއުސް ވީ ސްޕޯޓްސްއަށް މައުލޫމާތުދެމުން ޑަބްލިއު ސްޕޯޓްސް އެކަޑަމީން ބުނީ ދުނިޔޭގެ ޗެމްޕިއަން ކުޅުދުއްފުޓަށް ކުރާ މި ދަތުރުގެ ތެރެއިން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބީޗު ގޭމްސްގެ ތެރެއިން ކުރިޔަށްދާ ހާއްސަ އިވެންޓެއްގެ ގޮތުގައި މިއަދު ހަވީރު ހާއްސަ އެގްޒިބިޝަން ތްރީ އޮން ތްރީ މެޗެއް ކުޅޭނެ ކަމަށާއި އަދި ކުޅުދުއްފުށިން ހޮވާލެވޭ ޓީމަކާއި ދުސަން އާއެކު ހާއްސަ މެޗެއް ކުޅޭނެއެވެ.
މީގެއިތުރުން ކުޅުދުއްފުށީ ރައްޔިތުންނަށް ފޮޓޯނެގުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށާއި މި ހަރަކާތްތައް ކުރިޔަށްގެންދާނީ ކުޅުދުއްފުށި ރައްޔިތުންނާއި ވީހާވެސް ބޮޑަށް ގުޅިގެން ކަމަށްވެސް ޑަބްލިއު ސްޕޯޓްސްއިން ފާހަގަކުރި އެވެ.
ދުނިޔޭގެ އެއްވަނަަ ތްރީއޮންތްރީ ބާސްކެޓް ކުޅުންތެރިޔާއަށް މަރުހަބާކިއުމަށް ކުޅުދުއްފުށީގައި ބާސްކެޓް ކުޅޭ ގިނަ އަދަދެއްގެ ޒުވާނުން ވަނީ ރޭ ހަނިމާދޫއަށް ގޮސްފައެވެ.
ދުސަން އަކީ ދުނިޔޭގެ ތްރީ އޮން ތްރީގައި ފާހަގަކޮށްލެވޭ ސާބިއާގެ ގައުމީ ޓީމު ކުޅުންތެރިއެ ކެވެ. މިހާރު އޭނާ ކުޅެމުން އަންނަނީ ޔޫއޭއީގެ ކުލަބެއް ކަމަށްވާ ނޮވި ސާދް އަށެވެ.
ދުނިޔޭގެ ބާސްކެޓްބޯޅައިގެ މައި އިދާރާ ކަމަށްވާ އެފްއައިވީބީން ހޮވާ ތްރީ އޮން ތްރީ ބާސްކެޓުގެ އެއްވަނައިގައި މިވަގުތު ހުރީ ދުސަން އެވެ. އޭނާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި ތްރީ އޮން ތްރީ ބާސްކެޓްބޯޅަ ކުޅުންތެރިޔާ އާއެވެ.