ނައިބު ރައީސް މަގާމުގައި ހުރެ ބޭއްވި ހުރިހާ އިންތިހާބެއް ކާމިޔާބުކޮށްފައިވާ ކަމަށާއި ޕާޓީއެއްގެ ލީޑަރޝިޕް ބަދަލުކުރަން ޖެހޭނީ އިންތިހާބުތަކުން ފެއިލްވީކަމަށް ދެކިވަޑައިގަންނަވާ ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިޕާޒް(ޝިއްޕެ) ވިދާޅުވެއްޖެ އެވެ.
ޝިފާޒް މިހެން ވިދާޅުވީ މިމަހު އެމްޑީޕީގެ ރައީސް އާއި ނައިބް ރައީސް ހޮވުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ކެމްޕެއިނުގައި އެންމެން އެކުގައި އެކަކަށް ތިލަދުންމަތީގެ ބައެއް ރަށްރަށަށް ފައްޓަވާފައިވާ ދަތުރުގައި ރޭ ކުޅުދުއްފުށީ އެމްޑީޕީ މެމްބަރުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ. އޭނާ ވިދާޅުވީ ނައިބު ރައީސްކަމުގެ ޒިންމާ އަދާކުރެވިއްޖެ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައިވެސް އެޒިންމާ އަދާކުރެވޭނެކަމަށެވެ.
ޝިފާޒް ވިދާޅުވީ ނައިބު ރައީސް ކަމާއި އަޅުގަނޑު ހަވާލުވިތާ މާގިނަ ދުވަހެއް ނުވާކަމަށާއި ގާތްގަނޑަކަށް މިވީ ހަތް އަހަރު ދުވަހުގެ ތެރޭގައި ޕާޓީގެ ނައިބެއްގެ ގޮތުގައި ހުރެ ރައީސް ނަޝީދު އިރުޝާދާއެކު ފާޓީއަށް މަސައްކަތްތަކެއް ކުރެވި ކާމިޔާބީތަކެއް ހޯއްދެވުނުކަމަށާއި އަދި އެޒިންމާ އަދާ ކުރެވިއްޖެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އަދި މިމަހު ޕާޓީގެ ރައީސްއާއި ނައިބްރައީސް ނެގުމަށް ބާއްވާ އިންތިހާބުގައި މެމްބަރުން އަޅުގަނޑު ޕާޓީގެ ނައިބަކަށް އިންތިހާބު ކޮށްދެއްވިފައިނަމަ ކުރިއަށް އޮތް ތަނުގައިވެސް އެޒިންމާ އަދާ ކުރެވޭނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.
"މީގެ ކުރިން ރާއްޖޭގެ އެއްވެސް ރަށަކަށް އަމިއްލައަށް ވޯޓެއް ބޭނުން ވެގެން އަޅުގަނޑު ދަތުރެއް ނުކުރަން. އެމްޑީޕީގެ މަސައްކަތަށް ރާއްޖޭގެ ތިން ހަތަރު ފަހަރަށް ނާރާ އެންމެ ރަށެއްވެސް ހަމަގައިމުވެސް އަޅުގަނޑެއް ނޯންނާނެ." ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ އެމްޑީޕީގެ އެންމެންވެސް ދަންނާނެ އަދި ރައްޓެހިވެސްވާނެ ކަމަށާއި އެކީގައި ވަގުތުވެސް ހޭދަކުރެވިފައިވާނެ ކަމަށެވެ. އެމްޑީޕީގެ މެމްބަރުން ހަގީގަތުގައިވެސް ނޯޅޭނެކަން ފާހަގަ ކުރައްވަމުން ޝިފާޒް ވިދާޅުވީ އެމްޑީޕީގެ މިސްރާބަކީ ކޮބައިކަމާ ކުރަން މިއުޅެނީ ކޮންކަމެއް ކަން ދުވަހަކުވެސް ނޯޅޭނޭކަމަށެވެ. އަދި އެމްޑީޕީގެ އެންމެ ރީތި އެއްސިފައަކީ ހިޔާލު ތަފާތުވުމަށް ޖާގަ އޮތުން ކަމަށެވެ.
"އެބޭފުޅެއް ބޭނުންވާ ހިޔާލަކަށް ފުރުސަތު އޮތުން އެ ތެރޭގެ އިންތިހާބުތަކުގެ އެންމެ ބޮޑު އެއްބޭނުމަކީ ވެސް އެއީ ކަމަށާއި މެމްބަރުން ބޭނުންވާގޮތަކީ ކޮބައިތޯ ހޯދުން އެ މެމްބަރުން ބޭނުންވާ ކަމެއް އެ މެމްބަރުން ކުރަންވާނީ." ޝިފާޒް ވިދާޅުވި އެވެ.
ޕާޓީއަށް ސާދަ އަހަރު ވެގެން ދިޔައިރު ޕާޓީ މިއޮތީ ބޮޑުވެ ފައްކާވެ މޭވާއަޅާފައިވާކަން ފާހަގަ ކުރައްވަމުން ވިދާޅުވީ އެއީ ހަމަ ޕާޓީގެ މެމްބަރުންގެ ވަރަށް ބުރަކޮށް ދިގު މުއްދަތެއްގައި މަސައްކަތްތަކެއް ކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީގެ ނައިބްރައީސް ކަމާއި އަޅުގަނޑު ހަވާލުވިފަހުން ރައީސް ނަޝީދު ވެރިކަމުގައި ބަގާވާތް ކުރި ދުވަހުން ފެށިގެންނާއި މިފާއިތުވި ފަސް އަހަރު ޖުމްލަ ހަތް އަހަރަށް ވުރެން ގިނަދުވަސްވެފައި މިވަނީ. ތިޔަ ހުރިހާ ބޭފުޅުން ތިބީ އެމްޑީޕީގެ ވެރިކަމަކަށް ބޭނުންވެފައި. އެމްޑީޕީގެ ވެރިކަމަކަށް ބޭނުން ވުމަށް ވުރެން ލިބެމުންދިޔަ އަނިޔާއިން ސަލާމަތް ވެވޭނެ ގޮތެއް ބޭނުންވެފައި އެ ހަތް އަހަރު ދުވަސް ފާއިތުވެގެން ދިޔައީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ނޭވާލެވޭ ވަރުވެއްޖެ. ދެން މަސައްކަތް ކުރަންވީ ބޭނުންވާ ކަންކަން ހާސިލުކުރުމަށް." ރައީސް އޮފީހުގެ މިނިސްޓަރުކަންވެސް ކުރައްވާ ޝިފާޒް ވިދާޅުވި އެވެ.
ރައީސް ނަޝީދު ޖަލަށްލުމާއެކު މުޅި ޕާޓީގެ ފޯކަސް އޮތީ ރައީސް ނަޝީދު ޖަލުން ސަލާމަތްކޮށް މިނިވަން ކުރުމަށްޓަކައި ކަމަށާ ލީޑަރޝިޕުން ތިރީހަކަށް މީހުން ގޮވައިގެން މަގުމައްޗަށް ނިކުމެ ރެއާއި ދުވާލު މުޒާހަރާ ކޮށް އެމަނިކުފާނު ސަލާމަތް ކުރުމަށްޓަކައި މަސައްކަތްކޮށް މިއަދު މިވަނީ އެކަން ކާމިޔާބު ކުރެވިފައިވަނީ ޕާޓީގެ މެމްބަރުންގެ މަސައްކަތުން ކަމަށް ޝިފާޒް ވިދާޅުވި އެވެ.
"ރައީސް ނަޝީދު ޕާޓީގެ ލީޑަރޝިޕާ ބައްދަލުކޮށް ވަރަށް އަވަހަށް ޖަލަށް ދާންޖެހިދާނެކަމަށް ވިދާޅުވުމުން އަޅުގަނޑު ދެއްނެވިން ނައިބްރައީސްގެ ޒިންމާ އެބައޮތޭ ޕާޓީގެ ގައުމީ މަޖިލީހުން ކޮންގުރެސުން ފާސްކޮށް އަސާސީ ގަވައިދުގައި ލިޔެފައި ޕާޓީގެ ރައީސް ނެތިއްޔާ ރައީސްގެ މަސްޢުލިއްޔަތު އަދާކުރުން އެކަން އަދާކުރިން. އަދި ރައީސް ނަޝީދަށް ޔަގީންކަން ދިނިން މިޕާޓީގެ ރައީސަކަށް އަބަދުވެސް ހުންނަވާނީ މަނިކުފާނުކަމަށް." ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް އިތުރަށް ވިދާޅުވީ މިޕާޓީއަކީ އައްޑިހަހާސް މީހުންގެ ޕާޓިއެއްކަން ފާހަގަ ކުރައްވަމުން މިމަހު ޕާޓީގެ ރައީސް އާއި ނައިބް ރައީސް ހޮވުމަށް ބާއްވާ އިންތިހާބުގައި ހިތްހަމަނުޖެހުމެއް މެމްބަރަކު އޮތިއްޔާ ވާހަކަ ދައްކައިގެން އެކަންކަން ހައްލުކޮށް ދިނުމަށް ހުންނެވިކަމަށެވެ. އަދި އަޅުގަނޑާއި ދޭތެރޭގައި ހިތްހަމަނުޖެހުނަސް ރައީސް ނަޝީދު އަށް ވޯޓް ދެއްވުމަށް ސިފާޒް މެމްބަރުން ކިބައިން އެދި ވަޑައިގެންނެވި އެވެ. މިރަސްމިއްޔާތުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ޓްރާންސްޕޯޓްގެ ސްޓޭޓް މިނިސްޓަރު އާދިލް އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ.