އެމްޑީޕީ އަޑިއަޅައިގެން ދިޔަ ވަގުތު ޕާޓީ ނެގެހެއްޓީ އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްކަމަށް ވިދާޅުވެ އޭނާއަށް ތާއިދުކުރާކަން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުއްލަތީފް ހާމަކުރައްވައިފި އެވެ.
އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަގާމަށް ދެ ވަނަ ދައުރަކަށް ޝިފާޒް ވަނީ ކުރިމަތިލައްވާފަ އެވެ. އަދި ތާއިދު ހޯދުމުގެ ގޮތުން ޝިފާޒް ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރޭ ވަނީ ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކޮށްފަ އެވެ.
މި ޖަލްސާގައި ޝިފާޒްއަށް ތާއިދުކޮށް ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ، ޝިއްޕެއަށް ވޯޓް ދޭން ބޭނުންވަނީ ޕާޓީ ދޫނުކުރާނެކަން ޔަގީން ވާތީ ކަމަށެވެ. އަދި ޕާޓީ އެންމެ ބޮޑަށް އަޑިއަޅައިގެން ދިޔަ ވަގުތު ޕާޓީ ނެގެހެއްޓީ ޝިފާޒްކަމަށް ޔާސިރު ވިދާޅުވި އެވެ.
"މަގުމައްޗަށް ނިކުމެ، ވެރިކަން އަލުން ގެނައުމަށްޓަކާ ކުރި މަސައްކަތްތަކުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވި އެއް ލީޑަރަކީ ޝިއްޕެ." ޔާސިރު ވިދާޅުވި އެވެ.
ޔާސިރު ވިދާޅުވީ ޕާޓީ ތެރޭގައި ކަންކަން ކުރިއަށްގެންދާނެ ގޮތާއި ހިންގާނެ ގޮތާއި ޕާޓީ ތެރޭގައި ވަރަށް ގިނަ ކަންތައްތައް ރޭވުމުގައި ޝިފާޒް މަސައްކަތްކުރައްވާ ކަމަށެވެ. އަދި އެ މަންޒަރު މިއަދު ވަރަށް ގާތުން ފެނިވަޑައިގަންނަވާ ކަމަށެވެ.
"ޝިއްޕެއަށް ވޯޓް ދޭން ބޭނުންވަނީ ޕާޓީ ދޫނުކުރާނެކަން ޔަގީން ވާތީ. ޕާޓީގައި އޮންނަ އެންމެ ބޮޑު އަސާސަކީ ޕާޓީ ދޫކޮށްގެން ނުވާނެ ކަން. ކިތައްމެ އުފަލުގައި އުޅެން ޖެހުނަސް އަދި ކިއްތަމެއް ހާލުގައި އުޅެން ޖެހުނުކަމުގައި ވިޔަސް ޕާޓީ ދޫކޮށްގެން ނުވާނެ. އެއީ އަޅުގަނޑު ޝިއްޕެއާއެކު ހުރި އެއްސަބަބަކީ." ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ވިދާޅުވި އެވެ.
ޔާސިރު ވިދާޅުވީ ކުޅުދުއްފުށީގެ ރައްޔިތުންގެ އުދާސްތައް ފިލުވައިދިނުމަށް ޝިއްޕެ މަސައްކަތްކޮށްދޭ ކަމަށާ ރައްޔިތުންގެ ކަންކަމުގައި އެންމެ ގިނައިން މަޝްވަރާކުރެވިފައި ހުންނާނީ ޝިއްޕެއާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަފާތުއެކި ގޮތްގޮތުން ޝިއްޕެއާއެކު މަސައްކަތްކުރަން ކަމަށާ ރައްޔިތުންގެ ކަންތައްތައް ފުއްދައިދިނުމަށްޓަކާ ގޮތްތައް ހޯދައި މަސައްކަތެއް ކުރަން ކަމަށެވެ. އަދި އެކަންތައްތައް ކާމިޔާބުކުރާނެ ކަމަށާ އެއީ ދޫކޮށްލާނެ ކަންތައްތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީގެ މުސްތަގުބަލު އަޅުގަނޑަށް އެބައޮތް ޝިއްޕެއާ ދޭތެރޭ ޔަގީންކަން. އެ ޔަގީންކަމަކީ ކައިރީގައި އުޅެވިފައި ފެނުނީމަ އުފެދުނު ޔަގީންކަމެއް."