އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމަށް އަބްދުލް ހަސީބު އިސްމާއީލް ހަމަޖައްސައިފި އެވެ.
އެ މަގާމަށް ހަސީބު އައްޔަން ކޮށްފައިވަނީ މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭނާ އެ މަގާމަށް އައްޔަންކުރި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމެވެ.
އިސްލާމިކް މިނިސްޓްރީގެ ޕީއެސްއަކަށް މިއަދު އައްޔަން ކުރެއްވި ހަސީބަކީ އިންޑިއާގެ ގާޑަން ސިޓީ ކޮލެޖުން ބެޗެލާސް އޮފް ކޮމާސް (އެކައުންޓިން) ފުރިހަމަކުރައްވާފައިވާ އަދި ވިލާ ކޮލެޖުން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
އޭގެ އިތުރުން އޭނާއަކީ ނޭޝަނަލް ސެކިއުރިޓީ ސާވިސަސްގެ އެކައުންޓްސް އެސިސްޓަންޓް ކަމާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ އެސިސްޓަންޓް އެކައުންޓްސް އޮފިސަރު ކަމާއި ކުރިމިނަލް ކޯޓުގެ ހެޑް އޮފް ބަޖެޓް އެންޑް ފައިނޭންސް ސެކްޝަންގެ އެސިސްޓަންޓް މެނޭޖަރު ކަމާއި ފިނޭންސް މިނިސްޓްރީގެ ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްގެ މަގާމު ވެސް ފުރުއްވާފާއިވާ ބޭފުޅެކެވެ. ހަސީބް އެންމެ ފަހުން އަދާކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ފައިނޭންސް ސެކްޝަންގެ ޑިރެކްޓަރުގެ މަގާމެވެ.
އިސްލާމިކް މިނިސްޓްރީއަށް އާ ޕީއެސްއަކު އައްޔަންކޮށްފައި މިވަނީ އެމަގާމުގައި ކުރިން ހުންނެވި މުސްއަބް އަބްދުﷲ އާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު އޭނާ ވަކިކޮށްފައި ވަނިކޮންނެވެ.