ޔޫރަޕްގެ އެންމެ ޝަރަފްވެރި މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ޔޫރަޕްގެ ބޮޑެތި ޓީމުތައް ދަތުރުކޮށްފި އެވެ.
މިބާރާތުގައި ރޭ ކުޅެވުނު އެންމެ ވަރުގަދަ މެޗުގައި ރިއަލް މެޑްރިޑާއި ޕީއެސްޖީ ބައްދަލުކުރި މެޗު ނިމިގައިވަނީ 2-2 އިން އެއްވަރު ވެގެންނެވެ. މި މެޗުގައި ވަރުގަދަ ކުޅުމެއް ދެއްކި ރިއަލް އިން ފުރަތަމަ 2 ލަނޑު ޖެހީ އެޓީމުގެ ފުރާންސް ފޯވާޑް ކަރީމް ބެންޒީމާ އެވެ. މިދެގޯލާއެކު ޗެމްޕިއަންސް ލީގުގައި އޭނާ މިހާތަނަށް ވަނީ 64 ގޯލް ޖަހާ ލަނޑު ލިސްޓްގެ 4 ވަނައަށް އަރާފައެވެ. ރެއާލް އިން 2 ގޯލުގެ ލީޑެއްގައި އޮއްވާ ފަހު 10 މިނެޓްގައި ޕީއެސްޖީއަށް އެއްވަރު ކޮށްދިނީ ކިލިއަން އެމްބައްޕޭ އަދި ޕަބްލޯ ސަރާބިއާ އެވެ. މި ގުރޫޕުން ދެވަނަ ބުރު ކަށަވަރު ވެފައި ވަނީ މިދެޓީމަށެވެ.
ގުރޫޕް ބީ ގައި ބަޔާން މިއުނިކް ވަނީ ރެޑްސްޓަރ ބެލްގްރޭޑް ކޮޅަށް 6 ގޯލު ޖަހާފައެވެ. މި މޮޅާއެކު ގުރޫޕުގެ އެއްވަނަ ހޯދައި ބަޔާން ވަނީ ދެވަނަ ބުރަށް ގޮސްފައެވެ. ގުރޫޕުގެ 2 ވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔަ ޓޮޓެންހަމް ރޭ އޮލިމްޕިއާކޯސް އަތުން މޮޅުވީ 4-2 އިންނެވެ.
ގްރޫޕް ސީގައި މެންޗެސްޓަރ ސިޓީ ރޭ ޝަކްތަރު އާ 1-1 އިން އެއްވަރުވި ކަމަށް ވިޔަސް އެޓީމުވެސް ވަނީ ދެވަނަ ބުރު ކަށަވަރު ކޮށްފައެވެ. މި ގުރޫޕުގައި ބާކީ އޮތް 3 ޓީމަށްވެސް އަދި ދެވަނަ ބުރުގެ ފުރުސަތު ނުގެއްލެއެވެ.
ޕައުލޯ ޑިބާލާގެ ގޯލުން ޔުވެންޓަސް ރޭ އެތުލެޓިކޯ މެޑްރިޑު އަތުން މޮޅުވެ 1 ވަނަ ކަށަވަރުކޮށް، ދެވަނަ ބުރަށް ވަނީ ގޮސްފައެވެ. ދެވަނަ ބުރުގެ ޖާގަ އަކަށް އެތުލެޓިކޯއާ ދެން ވާދަކުރަނީ ޖާމަނީގެ ލެވަކޫސަން އެވެ.
ޗެމްޕިއަންސް ލީގުގައި މިރޭވެސް ވަރުގަދަ މެޗުތަކެއް ކުޅޭނެއެވެ. އެގޮތުން ބާސެލޯނާ އާ ޑޯޓްމުންޑް ބައްދަލުކުރާ މެޗާއި ލިވަޕޫލް އަދި ނާޕޮލީ ބައްދަލުކުރާ މެޗުތައް ފާހަގަ ކޮށްލެވެއެވެ.