twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގާނޫނީ ކޮލަމް - ހޮސްޕިޓަލުން ލިބޭ ގެއްލުމަށް ބަދަލު ހޯދުން

Dec 5, 2019
4

ބައްޔެއްވެގެން ދިޔުމުން، ނުގުޅޭ ބޭހެއްދީގެން، ގެއްލުންލިބެއެވެ. ބަލަންވާވަރަށްނުބަލައި، ބޭހެއް ލިޔެދީގެން ގެއްލުންވެއެވެ. ކުރަންނުޖެހޭ އޮޕަރޭޝަންކުރުވައިގެން ގެއްލުންލިބެއެވެ. މިކަހަލަ ކަންކަންދިމާވުމުން، ބައެއްފަހަރު ދުނިޔެއަޅާގޮސްފައި އެބަހުއްޓެވެ. ގުނަވަންތައް ބޭކާރުވެފައި އެބަހުއްޓެވެ. އަބަދު އުފުލަންޖެހޭ ތަކުލީފުތަކާއެކު ހަޔާތުގެ ބާކީބައި ވޭތުކުރަންޖެހިފައި އެބަހުއްޓެވެ. އަދި، ތާއަބަދަށް ބޭސްފަރުވާކުރުމުގައިވެސް އުޅެންޖެހިފައި އެބަހުއްޓެވެ.

ސުޕްރީމްކޯޓުގެ ޙުކުމް

މިފަދަ ހާލަތުގައި މީގެ ކުރިން، މާބޮޑު ކަމެއް ކުރެވެން ނެތްކަމަށް ހީކުރެވުނުނަމަވެސް، ދާދިފަހުން، 25 ޖުލައި 2019 ގައި ސުޕްރީމްކޯޓުން ކުރި ޙުކުމަކީ، މުޅި މަންޒަރު ބަދަލު ކޮށްލި ޙުކުމެކެވެ.

އެ ޙުކުމުން ގެނައި އެންމެ ބޮޑު ބަދަލަކީ، އަމިއްލަ ބަހުން ބުނާނަމަ، ބަލިމީހަކަށް ފަރުވާކުރުމުގައި، ފަރުވާދޭ ޑޮކްޓަރު ފަރުވާބަހައްޓަންވާ ވަރަށް ފަރުވާ ނުބެހެއްޓުމުގެ ސަބަބުން، ބަލިމީހާއަށް ލިބޭގެއްލުމަށް، ފައިސާއިން އަގުކުރެވޭ ބަދަލެއް ނަގައިދިނުމެވެ. ޑޮކްޓަރުގެ ޒިންމާގެ ދާއިރާ ކަނޑައަޅައިދިނުމެވެ. އަދި، ގެއްލުމުގެ ބަދަލު ފައިސާއިން ނަގައިދިނުމަކީ، ރާއްޖޭގައި، ކުރެވިދާނެކަމެއްކަން ކަށަވަރުކޮށްދިނުމެވެ.

ޒިންމާގެ މައިގަނޑު ބިނާ

ޑޮކްޓަރުން ފަރުވާކުޑަވެގެން ލިބޭގެއްލުމަށް ޒިންމާވާންޖެހޭ ސަބަބުތަކެއް ހުރެއެވެ. އޭގެ ތެރޭން ބައެއްކަންކަން ތިރީގައި އެވަނީއެވެ:

- ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަލިބިގެން މަސައްކަތްކުރާ ޑޮކްޓަރުންނަކީ، އިލްމީގޮތުންނާއި ފަންނީގޮތުން، އެކަށޭނަ އިލްމާއި ތަޖުރިބާހުރެގެން، - - ޚިދުމަތަށް ނުކުތުމުގެ ހުއްދަދެވޭ ބައެއްކަމުގައިވުން؛
- ޑޮކްޓަރުން މަސައްކަތްކުރުމުގައި އަމަލުކުރަންޖެހޭ ޤާނޫނީ އުސޫލުތަކަކާއި ހަމަތަކެއް ހުންނަކަން؛
- ޑޮކްޓަރުން ޚިދުމަތްދިނުމުގައި ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤުގެ މިންގަޑުތަކެއް ހުންނަކަން؛
- ޑޮކްޓަރުން ބަލިތައް ދެނެގަތުމުގަޔާއި، ޓެސްޓުތައް ހެދުމުގަޔާއި، ބޭސްލިޔެދިނުމުގަޔާއި، ދޭންވީ ފަރުވާ ކަނޑައެޅުމުގައި އަމަލު ކުރަންޖެހޭ މިންގަޑުތަކެއް ހުންނަކަން؛ އަދި
- ބައްޔާގުޅޭގޮތުންނާއި ފަރުވާއާ ގުޅޭގޮތުންނާއި ދެވޭ ބޭހާ ގުޅޭގޮތުން، ބަލިމީހާއަށް އަންގަމުންގެންދަންޖެހޭ ކަންތައްތަކެއް ހުންނަކަން ހިމެނެއެވެ.

ތިންނުކުތާ ގެ ޓެސްޓް

ޑޮކްޓަރަކު ދޭ ފަރުވާއަކުން ދެރަނަތީޖާއެއް ނުކުންނަ ކޮންމެ ފަހަރަކީ، އެކަމުގެ ޒިންމާ ޑޮކްޓަރު އުފުލަންޖެހޭ ފަހަރަކަށް ނުވެދާނެއެވެ. އޭނާގެ ޒިންމާ އޭނާ އަދާ ކުރުމުގައި، އަމަލުކުރަންޖެހޭގޮތަށް އަމަލުކޮށްގެން ނުކުންނަ ނަތީޖާ އަކީ، އެންމެ އެދެވޭ ނަތީޖާއަށް ނުވުމަކީ، ފަހަރުގައި ހަމަވެދާނެކަމެކެވެ. ޑޮކްޓަރުންގެ މަސައްކަތަކީވެސް އެފަދަ މަސައްކަތެކެވެ.

ބަލިމީހަކަށް ދިމާވާ ދެރަ ޙާލަތަކީ، ޑޮކްޓަރަކު ޒިންމާ އުފުލަންޖެހޭ ޙާލަތެއްކަން ނުވަތަ ގެއްލުމެއްކަން، ކަނޑައަޅަނީ، ތިން ނުކުތާގެ ޓެސްޓެއްގެ މައްޗަށް ބަލައިގެންނެވެ. އެ ތިންނުކުތާ އެކުގައި ސާބިތުކޮށްދެވިގެންނެވެ.

  • ޑޮކްޓަރުގެ ޒިންމާ އަދާކުރުމުގައި ނުވަތަ ބަލިމީހާއަށް ފަރުވާ ދިނުމުގައި، ކުރަންވީގޮތަށް ނޫންގޮތަކަށް ނުވަތަ ނުރަނގަޅުގޮތަކަށް ކޮށްފައިވާ ވަކި އަމަލެއް އޮތުން؛ އަދި
  • ބަލިމީހާއަށް އެކަމުގެ ސަބަބުން ގެއްލުމެއް ކުރިމަތިވުން؛ އަދި،
  • ބަލިމީހާއަށް ލިބުނު ގެއްލުމާއި ޑޮކްޓަރު ނުރަނގަޅުކޮށް ކުރި އަމަލާ ދެމެދު ސީދާ ގުޅުމެއް އޮތުން.

މިދެންނެވި ތިން ކަންތައް އެކުގައި އެއްފަހަރާ ފުރިހަމަވާނަމަ، އަދި، އެ ތިން ކަންތައް ސާބިތުކުރެވޭ ވަރަށް ހެކިހުރިނަމަ، ބަލިމީހާއަށް ލިބޭ ގެއްލުމަށް، ގެއްލުމުގެ ބަދަލު ފައިސާއިންނެގިދާނެއެވެ. ސުޕްރީމްކޯޓުގެ ބުނެވިދިޔަ ޙުކުމުގެ އަލީގައެވެ.

އެޑިޓޯރިއަލް ނޯޓް: މިއީ، އާންމު ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި، އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށްވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355