ދެމަފިރިން އެކީގައި ދިރިއުޅުމެއް ބިނާކޮށް ދަރިންލިބި، ދިރިއުޅުމުގައި އެކިއެކި ގޮންޖެހުންތަކާ ކުރިމަތިވެ، ޙައްލެއް ނުހޯދި ވަރިވާ މީހުންގެ ނިސްބަތްދަނީ މުޖުތަމަޢުގައި ގިނަވަމުންނެވެ. މިފަދަ ޙާލަތްތަކުގައި އެންމެ ފުރަތަމަ ނުކުންނަނީ ޙަޟާނަތުގެ މައްސަލަތަކެވެ.
ޙަޟާނާތުގެ މައްސަލާގައި ކުރިއަށްދާންވީ މަގެއްނުފެނި، ކުއްޖާގެ ޅަފުރާވޭތުވަނީ މިފަދަ އާއިލީ ހަމަނުޖެހުމެއްގެ ތެރޭގައެވެ. އެގޮތަށް ވޭތުވެގެންދާ ކޮންމެދުވަހަކީ، އެކުދިންނަށް ލިބެންޖެހޭ ޙައްޤުތައް ގެއްލިގެންދާ ދުވަސްތަކެކެވެ.
ޙަޟާނާތަކީ ދެމަފިރިން ވަރިވެގެންދާއިރު، ދެމަފިރިންނަށްވެސް ލިބިފައިވާ ދަރިންބެލުމުގެ ޙައްޤެވެ. ދަރިން ތަރުބިއްޔަތުކުރުމާއި، އެކުދިންނަށް ރައްކާތެރިކަން ދިނުމަށް، ކުއްޖާގެ ޒިންމާނެގުމުގެ ޤާބިލުކަންހުރީ ކާކުތޯ ކަނޑައެޅުމެވެ. އަދި އެކުއްޖެއްގެ ޙާލަތަށްބަލައި، އެންމެ އެކަށޭނަ މާޙައުލެއް ޤާއިމުކޮށްދެވޭނެ ފަރާތެއް ކަނޑައެޅުމެވެ.
މިސާލަކަށް، ދެމަފިރިން ވަރިވާއިރު، ކުދިންނަށް އެންމެ އެކަށޭނަ މާޙައުލެއް ފޯރުކޮށްދީ، ރަނގަޅު ތަރުބިއްޔަތެއް ދެވެން އޮތީ ބައްޕައަށް ކަމުގައި ވަނީނަމަ، އެކުދިން ބެލުމުގެ ޒިންމާ ކޯޓު މެދުވެރިކޮށް ބައްޕައާ ޙަވާލުކުރުމެވެ.
ކުއްޖެއްގެ ޙަޟާނާތު ޙަވާލުކުރުން އެންމެ އިސްވެގެންވަނީ މަންމައަށެވެ. މަންމަނޫން އެހެންފަރާތަކަށް، ޙަޟާނަތުގެ ޙައްޤު ކޯޓުން ޙަވާލުކުރާނީ، ކަނޑައެޅިގެން މަންމަގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ނެތްކަމުގައިވާނަމަ އެކަންޏެވެ. އެ ސިފަތައް ތިރީގައި އެވަނީއެވެ.
• މުސްލިމަކު ކަމުގައިވެ، އިސްލާމީ ޝަރީޢަތުގައި މަނާކޮށްފައިވާ ފާޙިޝް ޢަމަލުކުރާ މީހަކުކަމަށްނުވުން؛
• ބުއްދިހަމައަށް ހުރުން؛ އަދި
• ކުއްޖާ ބަލައި ބޮޑުކުރުމުގައި އަނިޔާވެރިނުވެ، ބޭނުންވާ އޯގާތެރިކަމާއި އަޅާލުންދެވޭ ފަދަ މީހަކު ކަމުގައިވުން.
މި ސިފަތައް ހުރޭތޯ ކަނޑައެޅުމާއި، ޙަޟާނާތް ޙަވާލުކުރުމުގައި ކުއްޖާއަށް އެންމެ ރަނގަޅުގޮތް ކަނޑައެޅުމަކީ ކޯޓުގެ ޒިންމާއެކެވެ.
ޙަޟާނާތުގެ ޙައްޤު ގެއްލުން
ކޯޓުން ޙަޟާނަތު ހަވާލުކޮށްފައިވާ މީހާގެ ފަރާތުން، އެ ޙައްޤު ގެއްލިދާ ޙާލަތްތައްވެސް އާދެއެވެ. އެ ޙާލަތްތައް ތިރީގައި އެވަނީއެވެ.
• ޙަވާލުކޮށްފައިވަނީ މަންމައާ ކަމުގައިވާނަމަ، ކުއްޖާގެ މަޙްރަމަކު ނޫން މީހަކާ ކައިވެނިކުރުން؛ (ކުއްޖާގެ މަންމަ ކައިވެނި ކުރަނީ ކުއްޖާގެ ގާތްތިމާގެ މަޙްރަމުންގެ ތެރެއިން، މިސާލަކަށް ބައްޕަ ފަރާތުގެ ބޮޑުބޭބެ ނުވަތަ ބޮޑުބޭބެގެ ފިރިހެން ދަރިއަކާއި ނޫންކަމުގައި ވަނީނަމަ، މަންމަގެ ކިބައިން ޙަޟާނަތުގެ ޙައްޤު ގެއްލިދެއެވެ.)
• ދީނުން ބޭރުވުން؛ އަދި
• ޙަޟާނާތް ހަވާލުކޮށްފައިވާ މީހަކު ބަލަދުވެރިޔާގެ ރުޙުމަކައިނުލައި، ދިރިއުޅޭ ރަށް ބަދަލުކުރުން، ނުވަތަ ކުއްޖާއަށް ޒިޔާރަތްކުރުމަށް ބައްޕައަށް ލިބިގެންވާ ޙައްޤަށް، އުނިކަން ލިބޭފަދަ ގޮތަކަށް ދިރިއުޅޭގެ ބަދަލުކުރުން (ނަމަވެސް، ކުއްޖާ ގޮވައިގެން، ޙަޟާނަތު ލިބިފައިވާ ފަރާތުން، އުފަން ރަށަން، ނުވަތަ އަމިއްލަ ރަށަށް ދާދިއުން މީގައި ނުހިމެނޭނެއެވެ.)
ބަޔާންކުރެވިފައިވާފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޙަޟާނަތުގެ ޙައްޤު މަންމައަށް ލިބިފައިވާނަމަވެސް، އެޙައްޤު ގެއްލިދާނެއެވެ. އަދި ކޯޓު މެދުވެރިކޮށް ޙަޟާނަތުގެ މައްސަލަ ބައްޕަ ހުށަހަޅާއިފިނަމަ، ޙަޟާނަތުގެ ޙައްޤު ބައްޕައަށް ލިބިގެންދާނެއެވެ.
ކުއްޖެއްގެ ޙަޟާނަތު އޮންނާނީ ހިޖުރީގޮތުން އެކުއްޖަކަށް 7 އަހަރު ފުރެންދެނެވެ. ނަމަވެސް ކޯޓުގައި އެދިއްޖެނަމަ، އަންހެން ކުއްޖެއްނަމަ ހިޖުރީގޮތުން 11 އަހަރު ފުރެންދެން އަދި ފިރިހެން ކުއްޖެއްނަމަ، ހިޖުރީގޮތުން 9 އަހަރު ފުރެންދެން، ޙަޟާނަތު ޙަވާލުކުރެވިދާނެއެވެ.
ޙަޟާނަތު ބޭނުންވާކަމުގައި ވަނީނަމަ، ކޯޓަށް މައްސަލަ ހުށަހަޅައިގެން ޙަޟާނަތުގެ މައްސަލައަށް، ވީހާވެސް އަވަސް ޙައްލެއް ހޯދުމަކީ ވަރަށްވެސް މުޙިންމުކަމެވެ. ކޯޓަށް ހުށަހެޅި ނުވަތަ ހުށަނޭޅި ގިނަދުވަސް ވާކަމުގައިވަނީނަމަ، އެކުއްޖަކަށް އޭގެ ސަބަބުން ނުރަނގަޅު އަސަރު ފޯރައި، އެކުއްޖަކަށް ލިބެންނުޖެހޭ އެތައް ގެއްލުމަކަށް އެކުއްޖާ ހުށަހެޅިގެން ދިއުމުގެ ފުރުސަތު ހުޅުވިގެންދެއެވެ.
އެޑިޓޯރިއަލް ނޯޓް: މިއީ، އާންމު ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި، އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށްވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.
ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު