ކުޅުދުއްފުއްޓަށް ހަމައެކަނި ސިޓީއެއްގެ ދަރަޖަ ދިނުމަކުން އަދި ނުނިމޭނެ ކަމަށާއި އެއާ ގުޅިގެން ރަށަށް ގެންނަން ޖެހޭ ތަރައްގީވެސް ސަރުކާރުން ގެންނަން ޖެހޭނެ ކަމަށް ފީފީއެމް ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
ޕީޕީއެމް ޕީއެންސީއިން ނެރުނު ބަޔާނެއްގައި ބުނީ ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަަރަޖަ ހޯދުމަށް އެ ރަށުގެ ރައްޔިތުން ކުރި ބުރަ މަސައްކަތަށް މަރުހަބާ ކިޔާ ކަމަށާއި އެރަށަކީ ތަރައްގީއަށް ލޯބި ކުރާ ދިވެހި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި އަބަދުވެސް ނުކުންނަ ރައްޔިތަކު އުޅޭ ރަށެއް ކަމަށެވެ.
އެ ބަޔާނުގައި ބުނީ ރައީސް ޔާމީން ކުޅުދުއްފުއްޓަށް ގެނެސްދެއްވި ތަރައްގީގެ މިސްރާބަކީ ފުދުންތެރި އަދި ވިޔަފާރީގެ މަރުކަޒަކަށް ކުޅުދުއްފުށި ހެއްދެވުން ކަމަށާއި އެ ތަސައްވަރު އެ ކޯލިޝަނުން އަބަދުވެސް ދަމަހައްޓާނެ ކަމަށެވެ. އަދި ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަކުން ނުނިމޭ ކަމަށާއި ސިޓީގެ ދަރަޖައާއެކު ގެންނަން ޖެހޭ ތަރައްގީވެސް ގެންނަން ޖެހޭ ކަމަށް ބަޔާނުގައި ވެއެވެ.
ގާނޫނުގައިވާ ގޮތުން އާބާދީގައި 10،000 މީހުން އުޅޭނަމަ އެރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނެއެވެ. ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އަރާފައިވަނީ 2018 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައެވެ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދެކެވެ.
ކުޅުދުއްފުށި ސިޓީއަކަށް ހެދަން ނިންމައި ޖެނުއަރީ އެކަކުން ފެށިގެން އެއީ ސިޓީއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވީ މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު ކުރެއްވި ޓުވީޓެއްގަ އެވެ. އެހެންކަމުން ދެން ކުޅުދުއްފުށީގައި އިންތިހާބު ކުރާނީވެސް ސިޓީ ކައުންސިލެކެވެ.