ދިރާސީ އާ އަހަރު ފެށުމަށް 3 ދުވަހަށް ވެފައިވާއިރު ސްކޫލުންތަކުން ދަނީ ކިޔެވުން ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން މި އަހަރު ކިޔެވުން ފެށޭއިރު ކުޅުދުއްފުށީގެ ތިން ސްކޫލަށްވެސް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. އަފީފުއްދީން ސްކޫލަށް ބަލާއިރު އެ ސްކޫލުގައި މިއަހަރުގެ ދިރާސީ އާ އަހަރު ފެށިގެންދާނީ ދިގު ދަންފަޅިއަށް ނުވަތަ ސިންގަލް ސެޝަން ސްކޫލިންގ މަންހަޖަށެވެ.
ހުރިހާ ސްކޫލުތަކަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން ހިންގުނު ސިންގަލް ސެޝަން ސްކޫލް ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބުކަމާއެކު މިދިޔަ އަހަރު ވަނީ 22 ސްކޫލެއްގައި ކުރިއަށްގެންގޮސްފަ އެވެ. ހދ އަތޮޅު މި ޕްރޮގުރާމް ކުރިއަށްގެންދިޔައީ މަކުނުދޫ ސްކޫލުގަ އެވެ. އެރަށުގައި މި ޕްރޮގުރާމް ނިންމާލީ ވަރަށް ކާމިޔާބުކަމާއެކު އެވެ.
އަފިީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވި ދިގު ދަންފަޅިއަށް ސްކޫލް ބަދަލު ކުރުމަށް ނިންމީ، މަކުނުދޫ ސްކޫލުގެ އަޖުމަ ބެލުމަށްފަހު ކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ އަހަރު ސްކޫލްގެ ޓީމެއް އެރަށަށް ގޮސް މައުލޫމާތު ސާފުކުރެއްވި ކަމަށާއި އެ ސްކޫލުން ލިބުނު ފީޑްބެކް ވަރަށް ރަނގަޅުކަމަށެވެ.
އެގޮތުން ކޮންމެ ދުވަހަކު ހެނދުނު ކަސްރަތު ޕްރޮގްރާމެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ އެވެ.
މި ބަަދަލާއެކު ސްކޫލު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 6 ޖަހާއިރު އެެވެ. 6:00 ން 7:00 ކަސްރަތު ޕްރޮގްރާމް ކުރިއަށްދާނެ އެވެ. ކަސްރަތު ޕްރޮގުރާމް ނިންމާލުމަށްފަހު ދަރިވަރުން ދާނީ ގެޔަށެވެ. އެއަށްފަހު ދެން ސްކޫލަށް އަންނާނީ ހެނދުނު 8 ޖަހާއިރު އެވެ. ކިޔެވުން ފެށިގެންދާނީ ނާސްތާއަށް ފަހު އެވެ. ކުރިން ނާސްތާ ދޭ ގަޑި އަވަސްވުމުން ބެލެނިވެރިންގެ ޝަކުވާ ލިބުނުކަމަށާއި، މިއައި ބަދަލާއެކު މިހާރު ދަރިވަރުން ނާސްތާ ކުރާނީ އާންމުކޮށް ހެނދުނު ނާސްތާގެ ގަޑީގައި އެވެ.
ނާސްތާއަށް ފަހު ސްކޫލްގެ ކިޔެވުން ފެށިގެން ދާނީ 08:20 އެވެ. އަދި މެންދުރު 12 އާހަމައަށް ކިޔެވުން ކުރިއަށްދާނެ އެވެ. އެއަށްފަހު ލަންޗު ބުރޭކް 12:00 ން 13:00 ދަރިވަރުންނަށް ލިބިގެންދާއިރު އެންމެ ފަހު ގަޑި ނިމޭނީ 13:35 ގަ އެވެ. އެކަމަކު، އެއަށްފަހު މެންދުރު 15:00 ހަމައަށް ކުރިއަށް ދާނީ އެކްސްޓްރާ ކްލާސްތަކެވެ. މިބަދަލާއެކު ދަރިވަރުންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަން ނާސިހާ ފާހަގަކުރެއްވި އެވެ. އެގޮތުން ދަރިވަރުންނަށް ފިލާވަޅު ހެދުމަށާއި ދަސްކުރުމަށް އިތުރު އެހީތަކެއް ލިބި، ގޭގައި ހަދަން ދޭ މަސައްކަތްތައް އިތުރަށް ޓީޗަރުން ކައިރީ އަހާ އޮޅުން ފިލުވުމަށް ވަގުތު ލިބިގެން ދާނެކަން ފާހަގަ ކުރެއްވި އެވެ.
ސްކޫލްގެ ކިޔެވުމުގެ ދަންފަޅި ނިމުމާއެކު އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 5 ދުވަހަށް ބަހާލައިގެން ކަމަށާއި އެގޮތުން އެއް ދުވަހު ޔުނިފޯމް ބޮޑީސްގެ ހަރަކާތްތަައް ކުރިއަށް ދާއިރު، އަންގާރަ ދުވަސް ފިޔަވާ 3 ދުވަހެއް ހާއްސަކޮށް ކުދިންނަށް އެހީވުމަށް އެކްސްޓްރާ ކްލާސްތައް ނަގައިދޭނެ ކަމަށް ނާސިހާ ވިދާޅުވި އެވެ.
"އަންގާރަ ދުވަސް އެއީ އަޅުގަނޑުމެންގެ ޕްލޭނިންތަކާއި ޑިސްކަޝަންތައް ޓީޗަރުންއެކު ކުރިއަށްގެންދާ ދުވަސް. އަނެއް 3 ދުވަހަކީ ހަމަ ކުދިންނަށް އިތުރު އެހީ، އެކްސްޓްރާތަކާއި ލައިފް ސްކިލްއާ. އަޅުގަނޑުމެންގެ އެންމެ ބޮޑު އިސްކަމެއް ދީގެން ގެންދާނީ ހަމަ ކުދިންނަށް އިތުރު އެހީދީގެން މިއައި ބަދަލާއެކީގައި މިނިސްޓްރީ ބޭނުންފުޅު ވެލައްވާ ގޮތަށް ކުދިންގެ ފެންވަރު މަތިކުރުމަށް ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރުމަށް" ނާސިހާ ވިދާޅުވި އެވެ.
ޓީޗަރުންގެ ދަތިކަން ކޮންމެވެސް ވަރަކަށް އެބަ އުޅޭކަމަށާއި ޓީޗަރުން ހޯދުމަށް އިއުލާންކޮށްފައިވާނެ ކަމަށް ނަސިހާ ވިދާޅުވި އެވެ. އަދި މިއަހަރު ސްކޫލަށް ކުދިން އިތުރުވުމާއި ގުޅިގެން އައި މަގާމުތަކަށް ބޭފުޅުން ގުޅެމުންދާކަންވެސް ފާހަގަ ކުރެއްވި އެވެ.
އިތުރަށް ސެން ޓީޗަރުންތަކެއް ސްކޫލަށް ގުޅިފައިވާ ކަމަށާއި އެހެން ނަމަވެސް ކިޔެވުން ފެށެންވާއިރަށް ޓީޗަރުން ހަމަވާނެ ކަމަށް ނަސިހާ ވިދާޅުވި އެވެ.
"ޓީޗަރުންގެ ދަތިކަމޭ މި ވިދާޅުވީ މި ވަގުތައް ވިހެއުމުގެ ޗުއްޓީއާއި، ވިހަން ޗުއްޓީ ނަގާފައި ހުރުމުން ދިމާވާ ކުޑަ ތާއްޓެއް. 12 ގައި ކިޔެވުން ފަށާނީ ޓީޗަރުން ހަމަވެގެން" ނާސިހާ ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓްރީ މިިދިޔަ އަހަރު ވަނީ 2020 ގައި އަފީފުއްދީން ގައި ސެން ޔުނިޓެއް އުފައްދާނެކަމަށް ވިދާޅުވެފައި ކަމަށާއި އެންމެ ފުރަތަމަ މިނިސްޓްރީން ބޭނުންވީ ޓީޗަރުން ހަމަކުރަން ކަމަށް ނާސިހާ ވިދާޅުވި އެވެ. އެގޮތުން އަންނަ އަހަރު އަފީފުއްދީން ސްކޫލުގައި ސެން 9 ޓީޗަރުން މަސައްކަތް ކުރައްވާނެ ކަމަށާއި ނަމަވެސް ޓްރެއިންޓް ޓީޗަރުން ނުލިބުނު ނަމަވެސް މިނިސްޓްރީގެ ވިސްނުން ހުރީ ސެން ޓީޗަރުން ކުރިއަށް އޮތްތަނުގައި ޓްރެއިން ކުރުވުމުގެ ވިސްނުމެއްކަމަށެވެ.
އަފީފުއްދީން ސްކޫލަކީ އިތުރު ހަރަކާތައް ގަވައިދުން ކުރިއަށް ގެންދާ ސްކޫލެެކެވެ. އެގޮތުން މި އަހަރު އަލަށް އެ ސްކޫލުގައި ޕްރީ ކަބް ފެށިގެންދާނެކަން ފާހަގަ ކުރައްވާ ނާސިހާ ވިދާޅުވީ ޕްރީ ކަބް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އަންހެން އަދި ފިރިހެން ކުދިނަށްވެސް ހުޅުވާލައިގެން ކަމަށެވެ. އެގޮތުން ޔޫކޭޖީ އަދި ގްރޭޑް 1 ގެ ދަރިވަރުންނަށް ޕްރީކަބަށް ވަދެވޭނެ ކަމަށެވެ.
މީގެ އިތުރުން މި އަހަރުގެ ސެޝަނަށް އަންނަ ބަދަލާއެކު ސްކޫލްގެ ކްލަބުތައް ކުރިއަށް ވުރެ އެކްޓިވް ކުރުމަށް މިއަހަރު މަސައްކަތް ކުރާނެ ކަމަށްވެސް ނާސިހާ ވިދާޅުވި އެވެ.
ނާސިހާ ވިދާޅުވީ ސްކޫލަށް މި އަންނަ ބަދަލީ ވަރަށް އުންމީދީ ބަދަލެއް ކަމަށާއި މިއީ ޓީޗަރުންނާއި ދަރިވަރުން އަދި ގިނަ ބެލެނިވެރިންގެ ފަރާތުންވެސް އެކަމަށް އެދި ބޭނުންވެފަ އޮތް ބަދަލެއް ކަމަށެވެ. ދުވަސްފެށުމުގެ ގޮތުން މިކުރިއަށް ގެންދާ ކަސްރަތު ޕްރޮގްރާމުގެ ސަބަބުން ކުދިންގެ ވިސްނުމާއި ފިކުރަށް ވަރަށް ބޮޑު ބަދަލުތެއް އަންނާނެ ކަމަށާއި ކުދިން ކަންކަމަށް ދޭ ސަމާލުކަން އިތުރުވާނެ ކަމަށް ނާސިހާ ވިދާޅުވި އެވެ. އަދި އުންމީދަކީ އަފީފުއްދީނަށް މި ފެށޭ ޕްރޮގްރާމަކީ ފަހި ޕްރޮގްރާމަކަށް ވެގެން ދިއުންކަމަށެވެ.
މިހާތަނަށް އަފީފުއްދީން ސްކޫލާއި 907 ދަރިވަރުން ގުޅިފައިވާއިރު މިއީ އެސްކޫލްގެ އާބާދީ އެންމެ ބޮޑު އަހަރަށް ވެގެން ދާނެއެވެ. އަދި ޓީޗަރުންނާއެކު އެސްކޫލުގެ މުވައްޒަފުންގެ އަދަދު ވަނީ 130 އަރާފައެވެ.
ކުދިންނަށް ވަނުމުގެ ފުރުސަތު މިހާރުވެސް އޮތް އިރު ދެވަނަ ޓާމުގައިވެސް ގްރޭޑް 10 އަކަށް ފިޔަވާ ޖާގަ އޮތް މިންވަރަކުން ކުދިން ވެއްދުމުގެ ފުރުސަތު އޮންނާނެ ކަމަށް ނާސިހާ ވިދާޅުވި އެވެ.
އަފީފުއްދީން ސްކޫލަކީ ފައުންޑޭޝަން ގުރޭޑުން، ގުރޭޑް 10 އަކާ ހަމައަށް ކިޔަވައިދޭ ސްކޫލެވެ.