ކޮންމެ ރަށަކަށްވެސް، ނުވަތަ ދާއިރާއަކަށްވެސް އުމްރާނީ ތަރައްޤީ ގެނައުމާ، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމުގެ މަސްޢޫލިއްޔަތާއި ޒިންމާ އުފުލަންޖެހޭ ފަރާތަކީ، އެރަށެއް ނުވަތަ އެދާއިރާއެއް ނިސްބަތްވާ ކައުންސިލުތަކެވެ. އެގޮތުން އެރަށެއްގެ، ނުވަތަ އެދާއިރާއެއްގެ މާލިއްޔަތު ރަނގަޅަށް ބެލެހެއްޓުމަކީ، ޤާނޫނީ ގޮތުން އެކައުންސިލެއްގެ ޒިންމާއެކެވެ.
މިއަދު، ކައުންސިލްތަކަށް އިތުރު ބާރުތަކެއް ލިބިގެން ގޮސްފައިވާކަމީ ދެބަސްވެވެންނެތް ޙަޤީޤަތެކެވެ. އެގޮތުން އެރަށެއްގެ، ނުވަތަ އެދާއިރާއެއްގެ، އުމްރާނީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޭނުންވާ ފައިސާ، ކައުންސިލުތަކުގެ ބެލުމުގެ ދަށުގައިހުރި މުދާ ވިއްކައިގެން، ނުވަތަ އާމްދަނީ ހޯދުމުގެ ގޮތުން ކައުންސިލްތަކުންދޭ ޚިދުމަތްތަކަށް ފީއެއް ނަގައިގެން، ނުވަތަ ކުއްޔެއް ނަގައިގެން ކަމުގައިވިޔަސް، ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުތައްވަނީ ޤާނޫނުން ފަހިކޮށްދީފައެވެ.
ކައުންސިލުތަކުން ހިންގާ މަޝްރޫޢުތަކަށް ފައިސާ ހޯދިދާނެ ގޮތްތައް ބަލާލަމާތޯއެވެ.
ކައުންސިލުގެ ބަޖެޓަށް، ނުވަތަ ރަށުގެ މާލިއްޔަތަށް ފައިސާ ހޯދިދާނެ އެއްގޮތަކީ، ކައުންސިލުތަކުންދޭ ޚިދުމަތްތަކަށް ފީއެއް ނުވަތަ ކުއްޔެއް ކަނޑައަޅާ، އެ ފީ ނުވަތަ ކުލި ނެގުމެވެ. މިސާލަކަށް ރަށުގެ ނުވަތަ ދާއިރާގައި އުފެދޭ ކުނި ޖަމާކޮށް، ރައްކާތެރިގޮތުގައި ނައްތާލުމަކީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތެއްނަމަ، އެޚިދުމަތް ފޯރުކޮށްދެވޭ މީހުންގެ އަތުން ކޮންމެ މަހަކު ފީ އެއް ނެގިދާނެއެވެ. އަދި އެ ރަށުގައި ރަޖިސްޓްރީކޮށްފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުން، އަހަރަކު އެއްފަހަރު ފީ އެއްގެ ގޮތުގައި ނަގާ ފައިސާއާއި، ނުވަތަ ކައުންސިލުގެ ޢިމާރާތްތަކާއި މުދާ ކުއްޔަށް ދޫކޮށް ލިބޭ ފައިސާއަކީވެސް، ކައުންސިލުގެ ބަޖެޓަށް ވަންނަ ފައިސާއަށްވާނެއެވެ.
ކައުންސިލުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމާއި، ފަޅާއި އަދި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ ގޮތުގައި ދަޢުލަތަށް ލިބޭ އާމްދަނީގެ 40% ފައިސާއަކީ، ދަޢުލަތުން ކައުންސިލްތަކަށް ދޭންވާނެ ފައިސާއެކެވެ. ސަރުކާރުން ކަނޑައަޅާ ދަޢުލަތުގެ ބަޖެޓު ފާސްވުމުން، އެ ފާސްވި ބަޖެޓާ އެއްގޮތަށް، އެއަހަރަކަށް އާމްދަނީގެ ގޮތުގައި އަންދާޒާކުރާ މިންވަރުން މަދުވެގެން 5% ފައިސާއަކީ، ދަޢުލަތުން ކައުންސިލްތަކަށް ދޭންވާނޭ ފައިސާއެކެވެ. މިފައިސާ ކައުންސިލުތަކަށް ދަޢުލަތުން ދޫކުރާނީ، މިނިސްޓްރީ އޮފް ފިނޭންސްއިން ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އުޞޫލެއްގެމަތިން، ދިވެހިރާއްޖޭގެ ހުރިހާ ކައުންސިލަކަށް ބެހިގެންދާގޮތަށެވެ.
ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭންކުތަކުންނާއި، އެހެނިހެން މާލީ އިދާރާތަކުން ލޯނު ނެގުމަކީ، ކައުންސިލުގެ ބަޖެޓަށް ނުވަތަ ރަށުގެ މާލިއްޔަތަށް ފައިސާ ހޯދިދާނެ ގޮތެކެވެ.
މި ފުރުޞަތުގެ ސަބަބުން، މުޖުތަމަޢުއަށް ފައިދާވާނެ މަޝްރޫޢުތަކަށް ފައިސާ ހޯދޭނެ ފަސޭހަމަގެއް ޤާނޫނުން ފަހިކޮށްދިން ނަމަވެސް، ލޯނު ނެގުމުގެ މަރުޙަލާ ފަށަންވާނީ، ކައުންސިލުން އެކަމުގެ ޕްރޮޕޯސަލް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިގެންނެވެ. ލޯނު ނެގުމަށްފަހު، އެ ލޯނަށް ދައްކަންޖެހޭ ފައިސާ ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ކައުންސިލުގެ ބަޖެޓްގައި ހިމަނަންވާނެއެވެ.
އެއް ކައުންސިލުން އެހެން ކައުންސިލަކުން ލޯނެއް ނެގުމަކީވެސް ކައުންސިލުގެ ބަޖެޓަށް، ނުވަތަ ރަށުގެ މާލިއްޔަތަށް ފައިސާ ހޯދިދާނެގޮތެކެވެ. މިސާލަކަށް ކައުންސިލަކުން އެރަށެއްގެ މަގުތަށް ތަރައްޤީ ކުރުމަށް ލަފާކުރި ބަޖެއްޓަށްވުރެ ބޮޑު ބަޖެޓެއް ބޭނުންވާނަމަ، އެހެން ކައުންސިލްއަކުން ލޯނެއްގެ ގޮތުގައި، އިތުރުވާ ބަޖެޓަށް ވާވަރަށް ފައިސާ ހޯދުމުގެ ފުރުސަތު ޤާނޫނުން ފަހިކޮށްދީފައިވެއެވެ. އެހެންނަމަވެސް، މިފަދަ މުޢާމަލާތެއް ކުރާކަމުގައި ވަނީނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެކަމެއް ޙިއްސާކުރަންވާނެއެވެ.
ކައުންސިލުތަކުން ވިޔަފާރިކޮށްގެން އެ ކައުންސިލުތަކުގެ މާލިއްޔަތަށް ފައިސާ ހޯދުމުގެ ފުރުޞަތު ޤާނޫނުންވަނީ ފަހިކޮށްދީފައެވެ. އެގޮތުން ކައުންސިލަކުން، ނުވަތަ ގިނަ ކައުންސިލުތަކެއް އެކުވެގެން ކުންފުންޏެއް އުފައްދާ ވިޔަފާރި ކުރެވިދާނެއެވެ. މީގެ އިތުރުން، އަމިއްލަ ފަރާތަކުން ހިންގާ ވިޔަފާރިއެއްގައި %20 ހިއްސާއަށްވުރެ އިތުރުނުވާ ގޮތުގެމަތިން، ހިއްޞާދާރެއްގެ ގޮތުގައި ކައުންސިލުތަކަށް ބައިވެރިވެ، ވިޔަފާރި ހިންގުމުގެ ފުރުޞަތުވެސްވަނީ ލިބިފައެވެ.
ކޮންމެ ކައުންސިލަކަށްވެސް ނިސްބަތްވާ ރަށް، ނުވަތަ އިދާރާތައް އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ކުރިއެރުވުމުގެ އެންމެ މުހިންމު ޒިންމާ އަދާކުރާނީ އެކައުންސިލަކުންނެވެ. އެހެންކަމަށްވާއިރު، އެފަދަ ތަރައްޤީތައް ޙާސިލްކުރުމަށް އެކުލަވާލާފައިވާ މަޝްރޫޢުތައް، ނުވަތަ ހަރަކާތްތައް އިންތިޒާމްކޮށް ހިންގޭނީ، އެކައުންސިލެއްގެ މާލިއްޔަތުގައި ފައިސާ ހުރެގެންނެވެ. ކައުންސިލްތަކުން އާމްދަނީ ހޯދުމަށް ޤާނޫނުން ފަހިކޮށްދީފައިވާ މަގުތައްހުރެ، ކުރިއަށްދާންވީ ގޮތް ރަނގަޅަށް ދެނެގަނެގެންނެވެ.
އެޑިޓޯރިއަލް ނޯޓް: މިއީ، އާންމު ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި، އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށްވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.