ކުޅުދުއްފުށީގައި ހުންނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ބާދުޝާހު ޑަބުލިއުއެސްއޭ އިންޓަރ އޮފީސް ވޮލީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ 13 ވަނަ ދުވަހުއެވެ.
މި މުބާރާތަކީ ޑަބްލިއު ސްޕޯޓްސް އެކަޑަމީ އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިއީ މި މުބާރާތް ބާއްވާ ތިން ވަނަ އަހަރެވެ. ކުރިން ދެ އަހަރުގެ މުބާރާތް ކާމިއާބުކޮށްފައިވަނީ ފެނަކައިން ނެވެ.
ޖެނުއަރީ 25 ގެ ނިޔަލަށް މުބާރާތުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާއިރު މުބާރާތުގައި ބައިވެރިވުމަށް ހުށައަޅާ ފޯމާއި މުބާރާތުގެ ގަވައިދު ޑަބްލިއު ނިޓް (W Knit) ލިބެން ހުންނާނެ އެވެ.
ފޯމް ހުށައެޅުމުގެ ފަހު ތާރީހަކީ އަންނަ ފެބްރުއަރީ 3 ވަނަ ދުވަސް ކަމަށާއި ރަޖިސްޓްރޭޝަން ފީ އަކީ 800 ރުފިޔާ އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއް ވަނީ ކަނޑަ އެޅިފަ އެވެ.
މިއީ ހަމައެކަނި ފިރިހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބަރާތެއް ކަމަށާއި މި މުބާރާތުގައި އޮފީހުން ބޭރު 3 ކުޅުންތެރިއެއް ހިމެނުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް އޮންނާނެ ކަމަށް އެ އެކަޑެމީން މައުލޫމާތު ދެއެވެ. ނަމަވެސް އެތަނުން އެއް ކުޅުންތެރިއަކު ވާންވާނީ ކުޅުދުއްފުށީގެ ކުޅުންތެރިއަކަށް ކަމަށެވެ. ކުޅުދުއްފުށީ ކުޅުން ތެރިއެއް ކަމުގައި ބެލެވޭނީ މަންމަ ނުނީ ބައްޕަ ކުޅުދުއްފުށީ ނަމަ ނުވަތަ ކުޅުދުއްފުށީ މީހަކާއި ކައިވެނިކޮށްގެން އުޅޭ ކަމުގައި ވާނަމަ އެވެ.
މި މުބާރާތުގެ މަގުސަދަކީ ރަށުގައި ވޮލީ އާލާކޮށް، ޒުވާނުންގެ މެދުގައި ވާދަވެރި ކުޅިވަރަކަށް ހެދުމާއި މި ކުޅިވަރާމެދު ޒުވާނުންގެ ހިތުގައި ލޯބި ޖެއްސުންކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
ޑަބްލިއު ސްޕޯޓްސް އެކަޑަމީ އަކީ ކުޅުދުއްފުށީގައި ރަށު ފެންވަރުގައި އާއި ގައުމީ ފެންވަރުގެ ގިނަ މުބާރާތް ތަކެއް ހިންގަމުން އަންނަ އެކަޑަމީ އެކެވެ.