ސިޓީއަކަށް ބަދަލުވެގެން މިގެނައި ގޮތުން ކުޅުދުއްފުށި މާބޮޑަށް ނިކަމެތިވެގެންދާކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ދާއިރާތައް ކަނޑައެޅުމަށް ރޭ ހދ އޭއީސީގައި ބޭއްވި ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ކޭއޯއަށް ދެއްވި އިންޓަވިއުގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގެ އެހެން ސިޓީތަކާ ތަފާތުކޮށް، ވަކި ރަށެއް ސިޓީއަކަށްވެގެން ދިޔަ މިއީ ފުރަތަމަ ފަހަރު ކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، ކުރި އާއި އަޅާބަލާއިރު ސިޓީއަކަށް ބަދަލުވެގެން މިގެނައި ގޮތުން ކުޅުދުއްފުށި މާބޮޑަށް ނިކަމެތިވެގެންދާ ކަމަށެވެ.
"މިހާރު ކޮބާތޯ ކުޅުދުއްފުށީގެ އިހްތިސޯސްއަކީ މިރަށާއި ރަށާ ގުޅިގެން 700 މީޓަރު، އެއީ ކޯއްޗެއް ތޯ. އިނގޭތޯ. އެހެންވީމަ ކުރިއާއި އަޅާބަލާއިރު ސިޓީއަކަށް ބަދަލުވެގެން މިގެނާ ގޮތުން އަސްލު ކުޅުދުއްފުށި މާބޮޑަށް ނިކަމެތި އެބަވޭ." ޝިޔާމް ވިދާޅުވި އެވެ.
"ސިޓީއެއްގެ ނަން މިދެވުނީ. ސިޓީއެއްގެ އުރަ މި ލިބުނީ. އާބާދީގައި ދިހަހާސް ހަމަވީމަ ނަން މިޖަހާލީ ހަމައެކަނި." ސިޓީގެ ދަރަޖަ ކުޅުދުއްފުއްޓަށް ދިން ގޮތަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ބޭނުންވީ މައުނަވީ ގޮތަށް މި ސިޓީއަށް ނަން ދެވުން ކަމަށެވެ. އެއީ އެހެން ހުރިހާ ވަސީލަތްތަކަކާއެކީގައި ސިޓީގެ ދަރަޖަދިނުން ކަމަށެވެ.
"އަތޮޅުތެރޭގެ އެހެން ހިސާބުތަކާ އަޅާ ބަލާއިރު މިތަނަކީ އެކޮނޮމިކް ބޮޑު ހަބެއް، މިހާރުވެސް. ބައިވަރު ވިޔަފާރީގެ މޫވްމަންޓްތައް އެބަހިނގާ މިތާގައި. ބިން އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރާ ބަޔަކަށް ކުޅުދުއްފުށި ވާނެ މިސާލަކަށް. އެކަމަކު މިހާރު ވާގޮތަކީ ކުޅުދުއްފުށީގެ އިހްތސޯސްގެ ތެރެއިން ކުޅުދުއްފުށި ހޯދާ އާމުދަނީ އެކޮށް މި ޖެހެނީ ފިނޭންސް މިނިސްޓްރީއަށް ދޭން. ދެން ފިނޭންސް މިނިސްޓްރީން މިޖެހެނީ އެ އާމްދަނީގެ 40 ޕަސެންޓް މި ބަހަނީ." ޝިޔާމް ވިދާޅުވި އެވެ.
ހުރިހާ ކައުންސިލްތަކުން ލިބޭ އާމުދަނީގެ 40 ޕަސެންޓް އާބާދީގެ ނިސްބަތުން ހުރިހާ ރަށަކަށް ފިނޭންސް އިން ބަހާފަ އަނެއް 60 ޕަސެންޓް ލިބިގެންދާނީ ދައުލަތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ މީގެ ކުރިން ކުޅުދުއްފުށީ ބިމުން ލިބޭ އެންމެ ފައިސާއެއްވެސް ފިނޭންސް މިނިސްޓްރީއަކަށް ނުދާނެ ކަމަށެވެ.
"އެއީހޭ ކުޅުދުއްފުށީ ބިމުން ހައްގުވާ މިންވަރަކީ. އެހެންވީމަ ނަމުން ލާމަރުކަޒީ. ކުރީގައި މިރަށުގެ ބިމުން ލިބުނު އާމުދަނީ އާ ގާތަށްވެސް ދެން މިހާރު ގާނޫނު އޮތް ގޮތަކުން މިރަށަކަށް ނުލިބޭނެ." ޝިޔާމް ވިދާޅުވި އެވެ.