twitterviber whatsapp telegramfacebookyoutube instagram
20th April 2024

އާތިފާ އަލީ، ކުޅުދުއްފުށި ސިޓީ ކައުންސިލް މެންބަރުކަމަށް ވާދަކުރައްވަނީ

Jan 13, 2020
14

ކުޅުދުއްފުށީ ކައުންސިލްގެ މެންބަރުކަމަށް ކުޅުދުއްފުށި، ދިވެހިގެ އާތިފާ އާލީ ވާދަކުރައްވަން ނިންމަވައިފިއެވެ. މިކަން އިއުލާން ކުރައްވާފައިވަނީ އޭނާގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށެވެ. އާތިފާ ވާދަކުރައްވަން ނިންމަވާފައިވަނީ ކުޅުދުއްފުށީ މެދު ދެކުނު ދާއިރާގެ ކައުންސިލް މެންބަރުކަމަށެވެ. އަދި އާތިފާ ވާދަކުރައްވަނީ އެމްޑީޕީގެ ތެރެއިންނެވެ. އެހެންކަމުން އާތިފާ ފުރަތަމަ ވާދަކުރައްވާނީ އެމްޑީޕީގެ ޕްރައިމަރީގައެވެ.

ސްކޫލް ދައުރުގައިވެސް ތައުލީމީ ގޮތުން ފާހަގަކޮށްލެވުނު އާތިފާއަކީ އޯޕަން ޔުނިވާސިޓީ މެލޭސިއާ އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ.) ހާސިލްކޮށް، ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯރ އަދި ކެނެޑާގެ ޔުނިވާސިޓީ އޮފް ޓޮރޮންޓޯ އިން ބެޗްލަރ އޮފް ސައިންސް ހާސިލްކޮށްފައިވާ ފަރާތެކެވެ. އާތިފާ އަކީ 2004 ވަނަ އަހަރު ޖީސީއީ އޭލެވެލްގައި ޤައުމީ ލެވެލްގައި ގަދަ 10 ގައި ހިމެނުނު ފަރާތެކެވެ. ޖަލާލުއްދީން ސްކޫލުގެ 2001 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކީވެސް އާތިފާ އެވެ. މީގެ އިތުރުން ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 1998 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކީވެސް އާތިފާ އެވެ.

ކުޅުދުއްފުށީ ބިޒްނަސް ސެންޓަރ، މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ، އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ ގައި އާތިފާ ވަޒީފާ އާދާކުރައްވާފައިވެއެވެ.

ސްކޫލް ދައުރުގައިވެސް ޙަރަކާތްތެރި ކަމަށް ފާހަގަކުރެވުނު އާތިފާއަކީ ދިވެހި ރެޑް ކްރެސެންޓްގައިވެސް ވަރަށް ގިނަ ދުވަސްވަންދެން ޚިދުމަތް ކުރައްވާފައިވާ އަދި އިޖުތިމާޢީ ކަންކަމުގައިވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ. އެގޮތުން މުޖުތަމަޢުގެ އެކި ކަންކަމުގައި ޢާންމުން ހޭލުންތެރި ކުރުވައި، އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކާ ކުރެވޭ ތަފާތު މަސައްކަތްތަކުގައްޔާއި ރަށުގެ ތައްރައްޤީއާއި ރައްޔިތުންގެ އެކުވެރިކަމާއި ލާބަޔަށްޓަކާ ކުރެވޭ ތަފާތު މަސައްކަތްތަކުގައި އޭނާގެ ބައިވެރިވުން ފާހަގަކޮށްލެވެއެވެ.

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ ބޯޑު މެންބަރެއްގެ ގޮތުގައި ސްކޫލްގެ ކުރިއެރުމަށާއި ދަރިވަރުންގެ ތަޢުލީމަށް، އެސްކޫލުގެ ބޯޑު މެންބަރެއްގެ ގޮތުން އާތިފާ ކުރައްވާ މަސައްކަތްތަކަކީވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ.

މާލޭގައި އަދާކުރަމުންދިޔަ ވަޒީފާ ދޫކޮށް ޢާޠިފާ ކުޅުދުއްފުއްޓަށް ބަދަލުވީ އުފަން ރަށަށް ޚިދުމަތް ކުރުމުގެ މަގްސަދުގައެވެ. އަދި އެކަން ދަނީ އަމަލީގޮތުން ދައްކަމުންނެވެ.

އިންސާނިއްޔަތާ ބެހޭ ކަންކަމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ އަދި އެހީތެރިކަން ފޯރުކޮށްދޭ، މިނިވަން މުސްތަޤިއްލު ޖަމާއަތެއް ކަމުގައިވާ ދިވެހި ރެޑްކްރެސެންޓުގެ ހދ. ބްރާންޗުގެ އެގްޒެކެޓިވްގެ މަޤާމް އަދާކުރައްވާ އާތިފާ ވިދާޅުވި ގޮތުގައި އޭނާގެ ތަސައްވުރަކީ ފުދުންތެރި، ދުޅަހެޔޮ، ހޭލުންތެރި، އަދި ކިޔަމަންތެރި މުޖުތަމައެއްއް ބިނާކުރުމަށް އެހީތެރިވެދިނުމެވެ. އެމްޑީޕީގެ އެޖެންޑާ 19 ގެ ސިޔާސަތުތަކާ އެއްގޮތަށް ލާމަރުކަޒީ ރާއްޖެ މެދުވެރިކޮށް، ސަރުކާރުގެ ވައުދުތައް ފުއްދައިދިނުމުގައި އެހީތެރިވެދިނުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355