މިއަހަރަށް އެކަނިވެސް މިސަރުކާރުން ހަމައެކަނި ކުޅުދުއްފުއްޓަށް 250 މިލިއަން ރުފިޔާއަށް ވުރެން ގިނައިން ހަރަދު ކުރައްވާނެކަމަށް ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު ޔާސިރު އަބްދުލްލަތީފް ވިދާޅުވެއްޖެ އެވެ.
މެމްބަރު ޔާސިރު މިހެން ވިދާޅުވީ، ރޭ ކުޅުދުއްފުށީ ހިއްކިބުމުގައި އެމްޑީޕީއިން ބޭއްވި "އެޖެންޑާ 19 ރަށަށް" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޔާސިރު ވިދާޅުވީ ރައްޔިތުން އެތަކެއް ދުވަހު ގޮވަމުން ލިޔަމުން ދައްކަމުން އެ ދެމުންދިޔައީ ރަށުގެކަންކަން ނިންމުމަށް ރަށުގެ ދަރިންގެ ބަހެއް އޮންނަންޖެހޭނެކަމަށެވެ.
މިއަދު އެވައުދުތައް ރައްޔިތުންނަށްޓަކާ މިޕާޓީއިން މިވެރިކަމުން އެގެންދަވަނީ ފުއްދައިދެމުންކަން ފާހަގަ ކުރައްވަމުންމެމްބަރު ޔާސިރު ވިދާޅުވީ މިސަބަބަށްޓަކައި ކައުންސިލް އިންތިހާބުގައި އެމްޑީޕީ މެމްބަރުން އިސްކުރަންޖެހޭ ކަމަށެވެ.
"ހަމައެއާއެކު އަޅުގަނޑުމެން ބަލާލަމާ ހިނގާ ޕީއައިއެސްޕީގެ މަޝްރޫއުތަކަށް މިދިޔަ އަހަރު 53 މިލިއަން ރުފިޔާ އިންކަމުގައިވިއަސް މިއަދު އަޅުގަނޑުމެންގެ ބަޖެޓަކީ 2020 ވަނައަހަރުގެ ޕީއައިއެސްޕީގެ ބަޖެޓަކީ 67 މިލިއަން ރުފިޔާ. ހަމައެކަނި މިކުޅުދުއްފުއްޓަށްވެސް މިއަހަރު އެކަނިވެސް 250 މިލިއަން ރުފިޔާ އަށް ވުރެން ގިނައިން މިސަރުކާރުން ހަރަދު ކުރައްވާނެ." މެމްބަރު ޔާސިރު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ފަސް އަހަރަށް އިޝާރާތް ކުރައްވަމުން ޔާސިރު ވިދާޅުވީ އެއީ ވަރަށް ހިތިފަސްއަހަރުކަމަށާއި އެފަސް އަހަރު ނިމުމަށްފަހު މިހާރު ފެށިގެން ކުރިއަށް މިދަނީ އުޖާލާ ފަސް އަހަރުކަމަށެވެ.
"އަޅުގަނޑުމެންނަށް ދެއްކި ހުވަފެނެއް ދެ އަހަރު ދުވަހުގެ ތެރޭގައި އެއާޕޯޓް ނިންމަދެއްވާނެވާހަކަ އެހެންނަމަވެސް ފަސްއަހަރުވެގެންދިޔައިރު ވެސް އެކަންއޮތީ. މިއަދު މިވެރިކަން އައިސް އަޅުގަނޑުމެންގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވައުދުފުއްދަވާދެއްވާ އެކަން ކުރިއަށް ގެންގޮސް އެދެއްވަނީ." ރައީސް ބައިވެރިވަޑައިގެން އިންނެވި ޖަލްސާގައި ޔާސިރު ވިދާޅުވި އެވެ.
ޔާސިރު އިތުރަށް ވިދާޅުވީ މިދިޔަ އަހަރު ކައުންސިލްގެ ބަޖެޓަކީ 6 މިލިއަން ރުފިޔާ އެހެންނަމަވެސް ދިވެހިރައްޔިތުންގެ ޑިމޮކްރެކްޓިވް ޕާޓީން މިއަދު ގާނޫނު ބަދަލުކޮށް ބޮޑުބަޖެޓް ވަނީ ގެނެސް ދެއްވާފައި ވާކަމަށެވެ. މިއަހަރު ކުޅުދުއްފުށީ ކައުންސިލްގެ ބަޖެޓަކީ 42.9 މިލިއަން ރުފިޔާ އެވެ. މިއީ ހިތައްވެސް ގެނައި އަދަދެއް ނޫން ކަމަށާއި އަދި އުއްމީދުކުރި އަދަދެއްވެސް ނޫން ޔާސިރު ވިދާޅުވީ އެވެ.
ވަކިކަމެއް ވަކިގޮތަކަށް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެ މިހާތަނަށް އެއްވެސް ކަމެއް ކޮށްނުދީ ނެތްކަމަށާއި އެކަމެއް ފުއްދަވައިދެއްވާ ކަމަށް މެމްބަރު ޔާސިރު ވިދާޅުވިއެވެ.