އިދިކޮޅު ފަރާތްތަކުންދަނީ ގައުމެއް ހަލާކުވެގެންދާނެ ހުރިހާ ސިފަތަކެއް ސިޔާސީ ހަރަކާތްތަކުގައި ދައްކަމުންދާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވީ، ރޭ ކުޅުދުއްފުށީ ހިއްކިބުމުގައި އެމްޑީޕީއިން ބޭއްވި "އެޖެންޑާ 19 ރަށަށް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިސާރާތް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޅަފަތުގައި ބަލާ ބޮޑުކުރަމުން އައި ދަރިއެއް ކަމަށެވެ.
އިދިކޮޅު ޕީޕީއެމް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ޕީޕީއެމް އިން ވަނީ ޅަފަތުގައި މިނިޒާމް ރޫޅާލުމަށް މަސައްކަތްތަކެއް ކޮށް ލާމަރުކަޒީ ގާނޫނަށް ފަސް އަހަރުދުވަހުގެ ތެރޭގައި ފަސް ފަހަރަށް އިސްލާހުތަކެއް ގެނެސް އުލުބައިންދާ މިނިޒާމްވަނީ ހަލާކު ކޮށްލާފައިވާކަމަށެވެ.
"އަނެއްކާވެސް އައިސް މިތިބީ ރައްޔިތުން އުއްމީދުކުރައްވާ އެހެންގޮތް އަނެއްގޮތް މާރަނގަޅުގޮތް ހޯދައިދިނުމުގެ މަސައްކަތުގައި. އެއީއަބަދުވެސް އަޅުގަނޑުމެން ތިބޭ މަސައްކަތް ކަމަށާއި އެއީ ދިވެހިރައްޔިތުންގެ ޑިމޮކްރެކްޓިވް ޕާޓީގެ އަމާޒުކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އިތުރަށް ނަޝީދު ވިދާޅުވީ އެމްޑީޕީ އައިސް މިތިބީ ރައްޔިތުން ބޭނުންވާ އުސޫލުތަކާއި ހަމަތަކާއި ތަނަވަސްކަމާއި އުފާވެރި ދިރިއުޅުން ހޯދައިދެވޭނެ ސިޔާސަތުތަކެއް އުސޫލުތަކެއް މި ދިވެހިރާއްޖޭގައި ތައާރަފްކޮށް ހިންގަމަށް ގެންދިއުން ކަމަށާއި ލާމަރުކަޒީ ނިޒާމަކީ އެއީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވައުދެއް ކަމަށެވެ.
"ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވައުދުވަމުން އެގެންދެވީ ހިތުގެ އަޑީން އެބޭފުޅާ ގަބޫލުފުޅު ކުރައްވާ ވާހަކައެއް. އެއީ މިޑިމޮކޮރެކްޓިވް ޕާޓީ އުފެދުމުގެ އަސާސް އެއީ އަޅުގަނޑުމެން ކުރާކަމެއް . އެއީކީއް އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ވާދަވެރީން ކުޑަކޮށްވެސް ދަންނަކަމެއް ނޫން. އެބޭފުޅުން ދަންނަކަންތައް އެގޭކަމަށާއި އެއްވެސް ބަޔަކު ނުދަންނަ ކަންތަކާއިގެން އުޅެންފަށައިފިނަމަ އެއިން ރަގަޅެއް ނުނިކުނާނެ އިދިކޮޅަށް ދަންނަވަން އޮތްހާވެސް ވާހަކައަކީ ރަށުތެރެއިން އެހެން ކަމެއް ހޯދައިގެން އެކަމަކާއިގެން ކުރިއަށް ދިއުން ކަމަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.
"އެބަފެނޭ ޕީޕީއެމްއާއި އަޅުގަނޑުމެންގެ ވާދަވެރިން ވަރަށް ކުރިއަރާ މޮޅުވެފައިވާ ކަންތައްތައް ފުރަތަމަ ކަމަކީ އަޅުގަނޑުމެންނާއި ދިމާލަށް ލާދީނީއޭ ގޮވުން އެއީ ދިވެހިރާއްޖޭގެ އެއްވެސް މީހަކު ގަބޫލު ކުރާނެ ވާހަކައެއްވެސް ނޫން. އެބޭފުޅުންގެ އެންމެ ބޮޑުހުރަހަކީ ފިތުނައާއި ފަސާދަ އުފެއްދުމާއި ދޮގުހެދުމާއި ދެބައޮޑުވުން. ގައުމެއް ހަލާކުވެގެންދާނޭ ހުރިހާ ސިފަތަކެއް އެބޭފުޅުންގެ ސިޔާސީ ހަރަކާތްތަކުގައި ދައްކަވަމުން ގެންދަވަނީ." މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.