ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ އެހީގައި ކ. ގާފަރުގައި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ކްލާހެއް ހުޅުވައިފި އެވެ.
ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ޕްރޮޖެކްޓުތަކަށް އެހީވާން ހުޅުވި ކޮމިއުނިޓީ ފަންޑުން ވަނީ މި ކްލާސްރޫމް މަރާމާތުކޮށް ކްލާސްރޫމަށް ބޭނުންވާ ސެން އިކުއިޕްމަންޓްތައް ފޯރުކޮށްދީފަ އެވެ. މި ކްލާސް ފެށީ މި އަހަރަށް ސްކޫލްތައް ހުޅުވުމާ އެކީގަ އެވެ.
އުނގެނުމުގައި ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނަށް ހިންގާ މި ކްލާސްރޫމް ފަރުމާ ކޮށްފައިވަނީ އެފަދަ ކުދިންނަށް ކިޔަވައިދޭން ބޭނުންވާ ހުރިހާ ވަސީލަތްތައް ހިމަނައިގެންނެވެ. އަދި މި ކްލާސްރޫމަކީ މިފަދަ ކުދިންނަށް ކިޔަވައިދިނުމުގައި މިހާރު ދިމާވާ ދަތިތަކަށް ލިބޭނެ ފުރިހަމަ ހައްލަކަށް ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ގާފަރުގައި ސެން ކްލާހެއް ހުޅުވުމަކީ އެ ރަށުގެ ބެލެނިވެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ކޮމިއުނިޓީ ފަންޑުން ރަށްތަކުގައި ހިންގާ މިފަދަ ޕްރޮޖެކްޓުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޕްރޮޖެކްޓަކީ އެ ރަށުގެ "އަބޫބަކުރު ފައުންޑޭޝަނާ" ގުޅިގެން ބިއެމްއެލް އިން ހިންގި ޕްރޮޖެކްޓެކެވެ. އެ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އައިޝަތު ސާނާ ވިދާޅުވީ ސެން ކްލާހެއް އަޅަން އެ ފައުންޑޭޝަނުން ވަރަށް ގިނަ ދިރާސާތައް ކުރި ކަމަށާއި ކުރިން ހުރި ސެން ކްލާހުގައި ޓީޗަރުން އަމިއްލައަށް އުފައްދާ އެއްޗެހި ހުރި ނަމަވެސް ބީއެމްއެލްގެ އެހީގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އޮކިއުޕޭޝަނަލް ތެރަޕީ އާއި ޕްލޭ ތެރަޕީ ދޭން ފަށާފައިވާ ކަމަށް ވެސް ސާނާ ވިދާޅުވި އެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭނީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށެވެ. މިފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ޕްރޮޖެކްޓެެއް ހިންގުމަށް ބީއެމްއެލުން 50,000ރ. ދޭނެ އެވެ.
ބީއެމްއެލުން ވަނީ ކޮމިއުނިޓީ ފަންޑުގެ ދަށުން މިދިޔަ އަހަރު ތެރޭގައި 20 ރަށެއްގައި އެއް މިލިއަން ރުފިޔާގެ ޕްރޮޖެކްޓުތައް ހިންގައިފަ އެވެ.