އިބްރާހިމް ހަމީދު
ހދ.އަތޮޅު ތައުލީމީ މަރުކަޒުން ކުރިއަށް ގެންދާ ސްމާޓް ސްކޫލް ޕްރޮޖެކްޓަށް ކުޅުދުއްފުށީ ތަރި މުހައްމަދު ޒުހައިރުގެ އާއިލާއިން އެއްލައްކަ ރުފިޔާގެ ފައިސާގެ އެހީއެއްދީފިއެވެ.
މިއެހީ ސްކޫލާ ހަވާލުކުރުން އޮތީ އެސްކޫލުގައި ރޭ އޮތް ބެލެނިވެރިންގެ ބައްދަލުވުމެއްގައެވެ. އެއްލައްކަ ރުފިޔާގެ އެހީއާ ސްކޫލުގެ ފަރާތުން ހަވާލުވެލެއްވީ އެސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް މުހައްމަދު އެވެ.
ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ފައިސާގެ އެހީވެދެއްވި އާއިލާގެ ފަރާތުން ވާހަކަދެއްކެވި މުހައްމަދު ޒުހައިރު ވިދާޅުވީ ތަޢުލީމީ މަރުކަޒުގެ މަލްޓިމީޑިޔާ ބޭނުން ކޮށްގެން ކިޔަވައިދިނުމުގެ މަޝްރޫއުގެ ހަރަދުތަކަށް ބޭނުންވާނެކަމަށް ލަފާކުރެވޭ ފަސްލައްކަ ރުފިޔާގެ ތެރެއިން އެސްކޫލުގެ ބެލެނިވެރިނާއި މެނޭޖްމަންޓުން ތިންލައްކައެއްހާ ރުފިޔާ މިހާރު ހޯދާފައިވާކަމަށާއި އެޕްރޮޖެކްޓު ހިންގުމަށްޓަކައި އެއާއިލާގެ ފަރާތުންވެސް ސްކޫލުގެ ދަރިވަރުންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ފައިސާގެ އެހީއެއް ދިނީ ކަމަށެވެ.
“ފަސްލައްކައެއްހާ ރުފިޔާ މުޅި މަސައްކަތަށް ހަރަދުވާނެކަމަށް ލަފާ ކުރެވޭ. އެސްކޫލުގެ ބެލެނިވެރިންނާއި މެނޭޖްމެންޓްގެ ފަރާތުން އެކިގޮތްގޮތުން ވަނީ ތިންލައްކައަށް ވުރެން ގިނަ ރުފިޔާ ހޯދާފަ. އެސްކޫލުގެ އެމަޝްރޫއު ހިންގުމަށް އަޅުގަނޑު މަންމައާއި ދައްތަމެންނާއި އާއިލާގެ ފަރާތުން އެސްކޫލްގައި ކިޔަވާ ކުދިންނަށް އެފުރުސަތު ހޯދައިދިނުމަށް އާއިލާގެ ފަރާތުން އެއްލައްކަ ރުފިޔާފައިސާގެ އެހީއެއް ދޭން މިނިންމީ” މުހައްމަދު ޒުހައިރު ވިދާޅުވިއެވެ.
އަދި އޭގެ އިތުރުން ސްކޫލުގައި އަވިނެޓް ދެމުމުގެ މަސައްކަތަށް އެހީވުމުގެ ގޮތުންތަކެތި ހޯދުމަށް ދިހަހާސް ރުފިޔާގެ ފައިސާގެ އެހީއެއްވެސް އާއިލާއިން ދޭން ނިންމީކަމަށް މުހައްމަދު ޒުހައިރު ވިދާޅުވިއެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިބްރާހިމް މުހައްމަދު މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މުހައްމަދު ޒުހައިރަކީ ތަޢުލީމީ މަރުކަޒަށް ވަރަށް ގިނަ ގުނަ އެހީތެރި ކަމެއް ފޯރުކޮށްދެއްމުންދާ ބޭފުޅެއްކަމަށާއި އަދި އެސްކޫލުގައި ހިންގާ ސްމާޓް ސްކޫލު ޕްރޮޖެކްޓަށް ހިންގުމަށް މުހައްމަދު ޒުހައިރުއާއި އެއާއިލާއިން އެއްލައްކަ ރުފިޔާގެ ފައިސާގެ އެހީއެއް ވެދިނުމަކީ އެސްކޫލުގެ ތާރީހުގައި ލިޔެވިގެންދާނެކަމެއްކަމަށެވެ.
“އަދި މިވީހާތަނަކަށް އާއްމު ފަރާތަކުން މިހާބޮޑު ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދެއްވާފައެއްނުވޭ. އެއާއިލާއިން އެދެއްވި އެހީ ސްކޫލުގެ މެނޭޖްމަންޓްގެ ފަރާތުން އަދި ބެލެނިވެރިންގެ ފަރާތުން އުފަލާއިއެކުބަލައިގަންނަން” ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިބްރާހިމް މުހައްމަދު ވިދާޅުވިއެވެ.
މަލްޓިމީޑިޔާ ބޭނުންކޮށްގެން ކިޔާވައި ދިނުމުގެ މަޝްރޫއު ފެއްޓުމަށް މިހާރު ފައިސާގެ އެއްވެސް ދައްޗެއްނެތްކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ. އެމަޝްރޫއަށް ސަރުކާރުގެ ތެރެއިން އެހީލިބިފައިވާއިރު އެސްކޫލުގެ ބެލެނިވެރިން ތަފާތު ހަރަކާތްތައް ބާއްވައިގެން މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހޯދާފައެވެ.
ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މަލްޓި މީޑިޔާ އާލާތްތައް ކުލާސްތަކުގައި އިންސްޓޯލްކޮށް ޖޫންމަހުގެ ބާރަވަނަދުވަހު މަލްޓިމީޑިޔާގެ ހިދުމަތް ދަރިވަރުންނަށް ލިބިގެންދާނެކަމަށް އެސްކޫލުގެ ޕްރިންސިޕަލް މައުލޫމާތު ދެއްވައެވެ.
ތައުލީމީ މަރުކަޒަށް ފައިސާގެ އެހީވެދިން އާއިލާއަކީ ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިތައް ކުރަމުންދާ އާއިލާއެކެވެ. މަޝްހޫރު ސިކަންދަރު އަދި ބަހާދަރު ބޯޓާއި ކުޅުދުއްފުށީގައި ހިންގަމުންދާ “މިތުރު” ފިހާރަތަކަކީ އެއާއިލާއަށް ނިސްބަތްވާ ވިޔަފާރިތަކެވެ.