އަޙްމަދު އާޠިފު ފާހަގަކުރެއްވިގެން ގޮސްފައިވަނީ ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްފައިވާ ކުޅުދުއްފުށީ ރައްޔިތުން އިތުބާރު ކުރާ ފަރާތެއްގެ ގޮތުގައި އެވެ. އަތޮޅަށް ހައްގު މިންވަރު ހޯދުމަށް އަޑުއުފުލާ ފަރާތެއްގެ ގޮތުގައި އެވެ. އެގޮތުން އޭނާ ކައުންސިލުގައި ހޭދަކުރެއްވި ދުވަސްތަކުގައި އަތޮޅުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ވަނީ މަސައްކަތް ކޮށްފައެވެ. އަދި ހަމަ ރަށަށް އިތުރަށް ހިދުމަތްކޮށްދިނުމުގެ މަގުސަދުގައި އާތިފް ވަނީ ކުޅުދުއްފުށި ސިޓީ މޭޔަރުކަމުގެ ގޮނޑި ހޯދުމަށް ޕްރައިމަރީއަށް ނުކުންނެވި އެވެ. ނަމަވެސް، 29 ޖަނަވަރީ 2020 ވަނަ ދުވަހު ކުއްލި ގޮތަކަށް އާޠިފް ޓޫރިޒަމް މިނިސްޓްރީގެ ނާއިބުގެ މަގާމަށް ހަމަޖެހިގެން ދިޔަ ޚަބަރާއެކު ވަރަށް ގިނަ ގޮތްގޮތަށް ވަނީ ވާހަކަ ދެކެވިފައެވެ. ތިރީގައި މިވަނީ، ކުޅުދުއްފުށި އޮންލައިންގެ ފަރާތުން އަޙްމަދު އާޠިފްއާ ކޮށްފައިވާ ފަސް ސުވާލާއި އާޠިފް ދެއްވާފައިވާ ޖަވާބެވެ.
ހދ. އަތޮޅު ކައުންސިލްގައި ހޭދަކުރި ދެ ދައުރުގައިވެސް އަޅުގަނޑުގެ މެންޑޭޓްގައި ޓުއަރިޒަމް ހިމެނޭ. ހަމަ އެހެންމެ ރާއްޖޭގެ ޓުއަރިޒަމަށް 47 އަހަރުވެގެން ދިއައިރު ހދ.އަތޮޅުގައި ޓުއަރިޒަމް ފެށިފައި ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް. އަތޮޅަށް ޓުއަރިޒަމް ގެންނަން ދެދައުރުގައިވެސް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންގެ ފެންވަރުގައި ކުރެވުނު، އެގޮތުން ރިޒޯޓް ތަރައްޤީކުރަން އަތޮޅުން ދޫކޮށްފައިހުރި ރަށްތަކުގެ ހާލަތު ބަލައި ކަމާބެހޭ އެންމެހައި ފަރާތަކާ އެތަށް ފަހަރަކު ބައްދަލުކޮށް މަޝްވަރާ ކުރިން. ލިޔެކިޔުމުން ކުރަންޖެހުނު ކޮންމެކަމެއްކުރިން. އަތޮޅުގެ އޮންލައިން މީޑިއާތަށް ބޭނުންކޮށްގެން ކެމްޕެއިންކުރިން. އެހެންނަމަވެސް އެދެވޭ ކުރިއެރުމެއް ނުލިބުން. ދެން އަޅުގަނޑަށް ޤަބޫލު ކުރެވުނީ އެހެން ލެވެލެއްގައި މަސައްކަތް ކޮށްގެންނޭ އިތުރު ކުރިއެރުމެއް ގެންނަން ފަސޭހަވާނީ. ބަސްބުނެވޭ ހިސާބަށް ދާން އެބަޖެހެޔޭ. ކައުންސިލުގަ ހުރިއިރުވެސް ބަސްބުނެވޭ. އެކަމަކު މާބޮޑު އަސަރެއް ނުކުރޭ. ޚާއްޞަކޮށް ކުރީގެ ސަރުކާރުން އަޅުގަނޑުމެން ކައުންސިލަރުންނަކީ މުހިންމު ބައެއްގެ ގޮތުގައެއް ނުދެކޭ. އެގޮތުން އައު ސަރުކާރާ އެކީ މިދިމާލަށް މިސްރާބުޖެހީ.
މިއީ އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ވަޒީފާއެއް. ކުރިންވެސް ފާހަގަކުރިގޮތަށް އަޅުގަނޑު ކުރިން މެންޑޭޓްކުރި ދާއިރާ މީ. މިތާ އޮތީ ވަރަށް ރަނގަޅު ޓީމެއް. އަތޮޅަށް އަދި މުޅި ރާއްޖެއަށް މިދާއިރާއިން ރައްޔިތުން ބަލައިގަންނަފަދަ ރަނގަޅު ޚިދުމަތްތަކެއް ކުރުމުގެ އަޒުމުގައި މިމަސައްކަތްކުރަނީ.
މިސަރުކާރުގެ އަދި މިނިސްޓްރީގެ ވިސްނުމަކީވެސް މިހާރު ޓުއަރިޒަމް ނެތް ދިމާތަކަށް އިސްކަންދީގެން ރައްޔިތުންނަށް ޓުއަރިޒަމްގެ މަންފާ ހޯދަދިނުން، ޓުއަރިޒަމް އަޅުގަނޑުމެން މާނަ މިކުރަނީ ހަމައެކަނި ރިޒޯޓްތައް އެކަންޏެއް ނޫން، ލޯކަލް ޓުއަރިޒަމްވެސް ހިމެނޭގޮތަށް، ލޯކަލް ޓުއަރިޒަމްގެ ސިނާއަތުގައިވެސް ކައުންސިލުތަކަށް އިތުރު ބާރުތައް ދީ ކައުންސިލުތަކަށް އާމްދަނީ ލިބޭނެ މަގުދަނީ ފަހިކޮށްދެމުން. ރިޒޯޓް ތަރައްޤީ ކުރުމަށް އަތޮޅުން ދޫކޮށްފައިވާ ރަށްތަކުގެ ކަންތައްތައްވެސް ދަނީ ބަލަމުން. ޤާނޫނީ ގޮތުންވެސް ހުރި ކަންކަން ބަލައި، އެކަމަށްވެސް އަވަސް ފަރުވާ ލިބޭނެ. އަލަށް ދޫކުރުމަށް ލިސްޓް ކުރެވިފައިވާ ރަށްތަށްވެސް އިޢްލާން ކުރެވި ޚިދުމަތަށް ހުޅުވާލުން ޔަޤީން ކުރެވޭނެ. އަދި އެގޮތަށް އެކަންކަން ކުރިއަށް ނުދާނަމަ އެތަންތަން އަނބުރާ ނަގައި އެހެން ބަޔަކާ ހަވާލުކޮށްގެން ނަމަވެސް އެކަން ކުރުން މިނިސްޓްރީގެ ވިސްނުމަކީ. އިރާދަފުޅު ކުރެއްވިއްޔާ މި ދައުރުގައި ރަނގަޅު ބަދަލުތަކެއް ފެންނާނެ.
އަޅުގަނޑަކީ އެކަހަލަ މީހެއްނޫން. އަބަދުވެސް އަޅުގަނޑާ ގުޅޭނެ. ފޯނު ނުނެގޭ ވަގުތުތަށް އަންނާނެ އެކަމަކު ކޯލް ބެކް ކުރާނެ. ވީވަރަކުން ރަށަށްވެސް ދާނަން. ބައްދަލުވެސް ކުރެވޭނެ. މިހާތަނަށް އެއްފަހަރު ރަށަށް ގޮސްފިން. ވީކްއޭންޑް ދެދުވަހުގެ އެދަތުރުގެ ގިނަ ވަގުތު އަޅުގަނޑު ހޭދަކުރީ ރައްޔިތުންގެ ވާހަކަތައް އަޑުއެހުމުގަ. ކޮންމެ ތާކު ހުއްޓަސް އަޅުގަނޑާ ރައްޔިތުންނާ އޮންނަ ގުޅުމަށް ހީނަރުކަމެއް ނާންނާނެ.
އަޅުގަނޑުވެސް ދެކުނިން އެކި މީޑިއާތަކުގައި އެކި ވާހަކަތައް ދައްކާފައި ހުއްޓަ. މީ އެއްވެސް ފަރާތެއް މަޖުބޫރުކަމެއް ނެތް އަޅުގަނޑުގެ އަމިއްލަ ނިންމުމެއް. ތެދެއް އަޅުގަނޑު އެންމެ ފުރަތަމަ ކުރިމަތިލީވެސް، އޭގެފަހުން ޕާޓީގެ ޕްރައިމަރީގައި ވާދަކުރާނެކަމަށް އެހެން ކުއްޖެއް އިޢުލާންކުރީ. އަޅުގަނޑަށް ވިސްނުނީ ޕާޓީއިން ޒުވާން ކުދިން ނުކުތީމަ އެކުދިންނަށް ފުރުޞަތު ދީފަ، އަތޮޅު ރައްޔިތުންގެ އެހެން ކަންބޮޑުވުމަކަށް ހައްލެއް ހޯދަން މަސައްކަތްކުރުން މިދަނޑިވަޅު މާރަނގަޅުވާނޭ. މުޙައްމަދު ޢާޠިފަކީ މޭޔަރކަމަށް ޤާބިލް ޒުވާނެއްކަމަށް އަޅުގަނޑު ޤާބޫލްކުރަނީ. އަނެއް ކޮޅުން އަޅުގަނޑުމެންނަށް ލިބުނު ތަޖުރިބާއާއެކު، އާކުދިން އުފައްދައި ރައްޔިތުންނަށް ނެރެ ދައްކާ ބައެއް، ޕާޓީއެއް އަޅުގަނޑުމެންނަކީ. އަތޮޅު ކައުންސިލް ދެދައުރުގައި އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ ރައްޔިތުންނާ އެތަށް ފަހަރަކު އަޅުގަނޑަށްވަނީ ބައްދަލުވެފަ. އެރައްޔިތުންގެ ކަންބޮޑުވުންތައް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެގޭ. ވަޒީފާގެ ފުރުޞަތު ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް. ޓުއަރިޒަމްއަކީ ވަޒީފާގެ އިތުރުން އެތަށް މަންފާއެއް ލިބޭ ދާއިރާއެއް. އަޅުގަނޑު މިސްރާބު މިޖެހީ އެކަންކަމަށް ހައްލެއް ހޯދުމަށް.