twitterviber whatsapp telegramfacebookyoutube instagram
18th March 2026

އާތިފް، ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ

އަބްދުލް ވާހިދު ޙަސަން
Oct 25, 2023
5

ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމުގައި ހުންނެވި އަހުމަދު އާތިފް އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވާކަން ހާމަކުރައްވައިފި އެވެ.

އާތިފް އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ނިންމަވާފައިވާ ކަމަށެވެ.

އެހެންވުމުން ކުޅުދުއްފުށީގެ އެމްޑީޕީ ދެކުނު ދާއިރާގެ ވީހާވެސް ގިނަ ރައްޔިތުންގެ ތާއިދަށް އޭނާ އެދިވަޑައިގެންނެވި އެވެ.

އާތިފް ވަނީ 19 ވަނަ ރައްޔިތުން މަޖިލީހުގައި ވާދަކުރެއްވުމަށް އެމްޑީޕީ ޕްރައިމަރީގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވާފަ އެވެ. އެފަހަރު އެމްޑީޕީގެ ޓިކެޓް ކާމިޔާބުކުރެއްވީ މިހާރު އެ ދާއިރާ ތަމްސީލުކުރައްވާ މެމްބަރު ޖަމްޝީދު މުހައްމަދެވެ.

ޓޫރިޒަމް މިނިސްޓްރީގެ ނައިބަކަށް އާތިފް އައްޔަންކުރެއްވީ 2020 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގަ އެވެ. އޭރު އޭނާ ހުންނެވީ ހދ އަތޮޅު ކައުންސިލްގެ ކައުންސިލަރެއްގެ މަގާމުގަ އެވެ.

ކުޅުދުއްފުށީ މޭޔަރުގެ މަގާމަށް ވާދަކުރައްވާނެކަންވެސް އޭނާ އިއުލާންކުރެއްވި އެވެ. އެކަމަކު އެ ނިންމުން ބަދަލުކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ނައިބުކަމުގެ މަގާމު ލިބިވަޑައިގެންނެވުމުންނެވެ.

އާތިފް ވަނީ އޭގެ ކުރިންވެސް އަތޮޅު ކައުންސިލްގެ ރައީސްކަމާއި ނައިބު ރައީސްކަމުގެ މަގާމުވެސް ފުރުއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355