ކުޅުދުއްފުށީ، ނޫރު މިސްކިތް މަރާމާތަށްފަހު މިފެށޭ ހަފުތާ ތެރޭގައި ހުޅުވޭނެކަމަށް ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވެއްޖެ އެވެ. މިސްކިތް އަލުން ހުޅުވާއިރު ކުރިން ޖެހި މުށިތައްވެސް ވަނީ ބަދަލުކޮށްފަ އެވެ.
ކޭއޯއާގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ، ނޫރު މިސްކިތް މަރާމާތަށް ފަހު މިފެށޭ ހަފްތާތެރޭގައި މިސްކިތް ހުޅުވުމުގެ ތައްޔާރީތައް ވަމުންދާކަމަށެވެ.
"މިސްކިތުގައި މީގެ ކުރިން ޖެހި މުށިގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ހުރި. އެހެންނަމަވެސް މިހާރު ރައްޔިތުންގެ އެކަންބޮޑުވުންތަކަށް ހައްލުގެނެސް މުށިތައް ވަނީ ބަދަލު ކުރެވިފައި. މާދަމާ މިސްކިތް ހުޅުވޭ ވަރު ނުވާކަމަށާއި އަދި މިސްކިތުގެ ދޮރުތަކުގައި ވަރުނީސް ވެސް ލާންޖެހޭ. ރޯދައަށް އިތުރަށް ދެން މަރާމާތެއް ކުރަން ނުޖެހޭގޮތަށް މަސައްކަތްތައް ނިންމާލުމަށްފަހު މިފެށޭ ހަފްތާ ހުޅުވޭނެކަމަށް މިބަލަނީ."ލަތީފް ވިދާޅުވި އެވެ.
ކޭއޯއަށް މަޢޫލޫމާތު ދެއްވަމުން ކުޅުދުއްފުށީ ނޫރު މިސްކިތުގެ މުދިމް ހުސެއިން މުޙައްމަދު ވިދާޅުވީ ނޫރު މިސްކިތް މިރޭ ފަތިސް ނަމާދުކުރެވޭނެ ކަމަށާއި އަދި މިރޭ ފަތިސް ނަމާދުން ފެށިގެން ކުރިއެކޭ އެއްގޮތަށް އެމިސްކިތް ހުޅުވުނީ ކަމަށާއި (28 ފެބްރުއަރީ) މާދަމާ ހުކުރު ނަމާދުވެސް ކުރުމަށް ކައުންސިލުން މިހާރުއެވަނީ އިއުލާންވެސް ކޮށްފައިވާ ކަމަށެވެ.
އަދި ހަމަ އެހެންމެ މިސްކިތްތަކުގެ ހުކުރުކުރާ ތާވަލު ކައުންސިލުން ނެރެފައިވަނީވެސް ނޫރު މިސްކިތުގައި މާދަމާ ހުކުރު ކުރާ ކަމަށެވެ. ކައުންސިލުން ނެރެފައިވާ އެ ލިޔުމުގައި ތައްގަނޑުވެސް ޖަހާފައިވެ އެވެ.
ކުޅުދުއްފުށީ ނޫރު މިސްކިތް މަރާމާތު ކުރުމަށް ބަންދު ކުރީ ޖެނުއަރީމަހު އެވެ. މިސްކިތް މަރާމާތަށް ބަންދުކުރުމަށްފަހު ސަފުލައިނުގައި ރީނދޫ މުށިޖަހާފައި ހުރުމުގެ ސަބަބުން އެމިސްކިތަށް ނަމާދަށް އަރާ ގިނަ ބަޔަކު ޝަކުވާކުރުމުން، އެ މުށިތައް ނައްޓައި އަލުން ވަނީ މުށި ޖަހާފަ އެވެ. ރީނދޫ މުށި ޖެހުމުން ގިނަ ބަޔަކު ވަނީ ކައުންސިލަށް ފާޑުކިޔާފަ އެވެ.