އެފްއޭއެމްގެ ބޮޑު ތިން ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަށް ކޮރެއާގެ ސްކައިވިންޑް ގްލޯބަލްއާ ކުންފުންޔާއި ހަވާލުކޮށްފި އެވެ.
އެފްއޭއެމްގެ ދުރުރާސްތާ ޕްލޭންގައި ހިމެނޭ މި ތިން ޕްރޮޖެކްޓް ހިންގަން އެފްއޭއެމް އިން ހަވާލުކޮށްފައިވާ ކޮރެއާގެ ކުންފުނި ސްކައިވިންޑް ގްލޯބަލްއާއި އެކު މި ޕްރޮޖެކްޓްތައް ފެށުމަށް އިއްޔެ އެފްއޭއެމްއިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެފްއޭއެމްއިން އެ ކުންފުންޏާއި ހަވާލުކުރި ތިން ޕްރޮޖެކްޓަކީ މިހާރު އެފްއޭއެމް ހިންގަމުން އަންނަ އިމާރާތް 20 ބުރިޔަށް ނެގުމާއި ހަތަރު ބުރީގެ ފުޓްސަލް އެރީނާއެއް އެޅުމުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 20 އާޓިފިޝަލް ގްރާސް ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތެއެވެ.
މި ތިން ޕްރޮޖެކްޓާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި ތިން މަޝްރޫއަކީ ދިވެހި ފުޓްބޯޅައަށް ކުރިޔަށްއޮތްތާގައި ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްދޭނެ ތިން ޕްރޮޖެކްޓަށް ވެގެންދާނެކަމަށެވެ.
7000 އަކަފޫޓް ހިމެނޭ ބިމުގައި އިމާރާތްކުރާ އެފްއޭއެމްގެ އައު އިމާރާތް ބޭނުންކުރެވިގެންދާނީ ފުޓްބޯޅައިގެ ކަންކަމުގައިކަމަށާއި މި އިމާރާތް 20 ބުރިޔަށް އިމާރާތް ކުރުމުގެ ބޭނުމަކީ ދިވެހި ފުޓްބޯޅަ މިިހާރުއޮތް ހަރުފަތުން އެހެން ހަރުފަތަކަށް ގެންދަންކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި މި އިމާރާތުގައި ހިމެނޭ ގިނަ ފްލޯތަކަކީ ކުއްޔަށް ދެވޭނެގޮތަށް ހަދާ ފްލޯތަކެއްކަމަށާއި އިމާރާތުން ލިބޭ އާމްދާނީ ހަރަދުކުރާނީ ދިވެހި ފުޓްބޯޅަ ކުރިއަރުވަންކަމަށްވެސް ބައްސާމްވަނީ ވިދާޅުވެފައެވެ.
ބައްސާމު ވިދާޅުވީ މި މަޝްރޫއު ކުރިޔަށްގެންދަނީ 17 މިލިއަން ޑޮލަރާ ގާތްކުރާ އިންޓަރެސްޓް ފްރީ ލޯނެއްގެ ދަށުން ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މި 20 ބުރީގެ އިމާރާތުން އާމްދަނީ ހޯދައި އެ ލޯނު ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެ މަސައްކަތް ފެށެންވާއިރަށް އެފްއޭއެމުން މިހާރު މާފަންނު ދަނޑުގައި ހަދާ އިމާރާތުގެ މަސައްކަތް ނިމޭނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ޕްރޮޖެކްޓުގެ އިތުރުން އެކުންފުންޏާ ވި ދެވަނަ އެއްބަސްވުމަކީ މާލޭގައި ފުޓްސަލް އެރީނާއެއް ގާއިމްކުރުމުގެ އެއްބަސްވުމެވެ. މާލޭ ކުޅިވަރު އެކުވެނީގެ ވެލި ދަނޑުން ލިބިފައިވާ 170000 އަކަފޫޓްގެ ބިމުގައި ހަތަރު ބުރިއަށް މި އިމާރާތް ކުރާއިރު އެއް ބުރީގައި އިންޓަނޭޝަނަލް ފެންވަރުގެ ފުޓްސަލް އެރީނާއެއް އެޅުމަށް ހަމަޖެހިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމަށް ހަމަޖެހިފައިވާ 20 އާޓިފިޝަލް ގްރާސް ދަނޑުގެ ތެރެއިން ތިން ދަނޑު އެޅުމަށް ހަމަޖެހިފައިވަނީ މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ކަމަށާއި ބާކީ 17 ދަނޑު އަޅާނެ ރަށްތައް ނިންމާނީ ސަރުކާރުންކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.