twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދޮގު ހަބަރު ނުވަތަ ފޭކް ނިއުސް ހުއްޓުވާނީ އަހަރެން

ނަބީލާ އިސްމާޢީލް
Mar 7, 2020

ހަބަރު ފަތުރާ ވަސީލަތް ތަކަކީ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ވަސީލަތަކަކަށްވުން ނުހަނު މުހިންމެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަން އޭގެ އެންމެ ތާޒާ ކަންމަތީ އަސްލާއި އެތްގޮތަށް ރައްޔިތުންނަށް ވާސިލްކޮށްދޭ އެއްޗަކީ ހަބަރު ފަތުރާ ވަސީލަތްތައް ކަމަށްވާތީއާވެސް އެކުގައެވެ.

އިހު ޒަމާނުއްސުރެ ހަބަރު ފެތުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަމުންދަނީ އެގައުމެއްގައި ނެރެމުންދާ ނޫސްތަކެވެ. ދުވަހު ނޫސްތަކާއި މަޖައްލާތަކެވެ. އަދި އޭގެފަހުން ޓީވީތައް ތައާރަފު ވުމާއެކު، ހަބަރު ޗެނަލްތަކަކީ ހަބަރު ފެތުރުމުގެ އާރުކާޓީއަށް ވެގެންދިޔައެވެ. އަހަރުތަކަކަށްފަހު، އެންމެފަހުން އިންޓަނެޓް ތައާރަފްވެ ހަބަރު ފެތުރުމުގެ މުޅި ޑައިނަމިކްސް މިއަދު ވަނީ ބަދަލުވެފައެވެ. ކުރިން ނެރުނު ދުވަހު ނޫސްތައް މިއަދު ވަނީ 24 ގަޑިއިރު އަބަދުވެސް އަޕްޑޭޓް ވަމުންއަންނަ އޮންލައިން ނޫސް ތަކަކަށް ބަދަލު ވެފައެވެ. ކުރިން ސިޓިން ރޫމްތަކުގައި ބެލި ޓީވީ ޗެނަލްތައް ވަނީ އިންޓަނެޓުން ކޮމްޕިއުޓަރު އަދި ފޯނަށް ސްޓްރީމް ކޮށްލެވޭ ޗެނަލްތަކަށް ވެފައެވެ. މިހިސާބުން ހުއްޓުނީ އެއްނޫނެވެ.

ނަމަވެސް ސޯޝަލް މީޑިއާތައް ތައާރަފްވުމާއެކު މިއަދު ކޮންމެ ފަރުދަކީވެސް ބްރޯޑްކާސްޓް ކުރާ މީހެކެވެ. ހަބަރު ލިޔެ ފަތުރާ މީހެކެވެ. ޗެނަލް ހިންގާ މީހެކެވެ. އެހެންކަމުން އާއްމުންނާހަމައަށް ގެނެސްދެނީ ތެދު ވާހަކަތައްކަން އަދި ދޮގު ހަބަރު ނުފަތުރާނެކަން ޔަގީން ކުރެވޭނެ ހަމައެކަނި ގޮތަކީ އަމިއްލަ ފަރުދީ ޒިންމާއަކީ ކޮބައިކަން އެނގުމެވެ. އަދި މިކަމަކީ ކިހާ ސީރިއަސްކަމެއްކަން ގަބޫލު ކުރުމެވެ. ކުރިންނަމަ އިސްވެ ދެންނެވުނު ހަބަރު ފަތުރާ ކޮންމެ މަސްދަރަކީ ކޮންމެވެސް އިދާރާއެއްގައި ރަޖިސްޓަރ ކުރެވިފައިވާ އެއްޗިއްސެވެ. އަދި ކޮންމެވެސް ގާނޫނެއް އަދި ގަވައިދެއްގެ ދަށުން މޮނިޓަރ ކުރެވި ޒިންމާދާރު ކުރެވޭ ތަންތަނެވެ. ނަމަވެސް ފަރުދީގޮތުން ފަތުރާ ވާހަކަތަކަކީ ކިހާވަރެއްގެ ތެދު ވާހަކަތަކެއްކަން ޔަގީން ކުރުމުގެ ޒިންމާއަކީ ފަރުދީ ޒިންމާއެކެވެ.

ހަގީގަތާއި ހިލާފު ހަބަރު ނުވަތަ ދޮގު ހަބަރު ފެތުރުމަކީ ފިތުނަ އުފެދި ހަބަރު ފަތުރާ ވަސީލަތް ތަކާއިމެދު މީހުންގެ އިތުބާރުގެއްލޭފަދަ ކަންކަމެވެ.

އެގޮތުން ނޫސް މީޑިއާއެއް ނުވަތަ ނޫސްވެރިކަންވާން ވާނީ ތެދު ދޮގު ޔަގީންކޮށްފައިވާ ވަކި ކޮޅަކަށް ނުޖެހޭ މިނިވަން އަދި ޖަވާބުދާރީ ވެވޭފަދަ ހިދުމަތަކަށެވެ. ބައެއް ހަބަރުތަކަކީ ތެދުމައުލޫމާތު ފެތުރިނަމަވެސް ހަގީގަތް އޮޅޭގޮތަށް ގެނެސްދޭ ހަބަރުތަކެވެ. ހަމަ މިބީދައިން، ފަރުދީ ގޮތުން ފޭސްބުކް ގައި ލިޔާ ސްޓޭޓަސްއެއް ނުވަތަ ފޫހިވެގެން ކޮށްލާ ކޮންމެ ޓްވީޓަކީ އަދި ޝެއަރ ކޮށްލާ ޕޯސްޓަކީ އެތައްބަޔަކާ ހަމައަށް ފޯރާއެއްޗަކަށް ވާއިރު، އެކަމާމެދު ދެވަނަ ފަހަރަށް ވިސްނާލުން މުހިއްމެވެ.

ސޯޝަލް މީޑިއާގައި ހުންނަ ހަބަރުތައް ނުވަތަ އާއްމުން ކޮށްފައި ހުންނަ ޕޯސްޓުތައް ޝެއަރ ކޮށްލާއިރު، ނުވަތަ ރީޓްވީޓް ކޮށްލައިއިރު، އެއީ އިތުބާރު ހިފޭ މަސްދަރަކުން އައިސްފައިވާ ވާހަކައެއްތޯ ރަނގަޅަށް ޔަގީން ކުރާށެވެ. އެއީ ކޮންއިރަކު ޝައިއު ކުރެވިފައިވާ ހަބަރެއްތޯ ބަލާށެވެ. ލިޔުންތެރިއަކީ އިތުބާރު ހިފޭ މީހެއްތޯ ބަލާށެވެ. ސުރުހީ ކިޔާލުމަށްފަހު، ލިޔުމުގައި އޮތީ ކީކޭކަން ބަލައިނުލާ އެހަބަރެއް ނުފަތުރާށެވެ.

ދޮގު ހަބަރު ނުވަތަ ފޭކް ނިއުސް ހުއްޓުވުމުގައި ފަރުދީ ޒިންމާ ވަރަށް ބޮޑެވެ. އެޒިންމާއަކި މިއަދުގެ މުޖުތަމައުގައި ކޮންމެ މީހެއްގެވެސް ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. ދޮގު ހަބަރު ހުއްޓުވުމަށް އަހަރެންގެ ޒިންމާ އަދާކުރާނަމެވެ. އެކަމުގައި ތިބޭފުޅުންގެ ޒިންމާވެސް އަދާކޮށްދެއްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355