ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އާބެހޭ މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އާ މުއައްސަސާތައް ގުޅިގެން ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
މައުލޫމާތު ދިނުމުގެ މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ކުޅުދުއްފުށީގެ ސިޓީގެ ހުރިހާ މުއައްސަސާތަކުގެ މުވައްޒިފުންނާއި ސްކޫލުތަކުގެ ބެލެނިވެރިންގެ އިތުރުން އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ކުޅުދުއްފުށީގައި އެވެ. މި ސެޝަންތަކުގައި މައުލޫމާތު ދެއްވާނީ އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ އެވެ.
އެދުވަހު އެންމެ ފުރަތަމަ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ހެނދު 10:00 ޖަހާއިރު ހުރިހާ މުއައްސަސާތަކުގެ މުވައްޒަފުންނަށް ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ. 16:30 ގައި ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އެ ސްކޫލުގެ ބެލެނިންނަށާއި ޖަލާލުއްދީން ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ އިރު އެރޭ 20:30 ގައި އަފީފުއްދީން ސްކޫލު އަދި އަމީރު އަމީން ސްކޫލު ބެލެނިވެރިންނަށް މައުލޫމާތު ދިނުން އަފީފުއްދީން ސްކޫލު ހޯލުގައި އޮންނާނެ އެވެ.
މި ހުރިހާ ސެޝަންތަކުގައި ވެސް އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެ އެވެ.