twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގާނޫނީ ކޮލަމް: އާއިލާގެ މެންބަރަކު ނުވަތަ ރަޙުމަތްތެރިއަކު ބަންދުގައި އެބަހުރިތޯ؟

Mar 12, 2020

ތިމާ ހެޔޮއެދޭ މީހަކު ޖިނާއީ ކުށެއްކޮށްގެން، ތަޙްޤީޤަށް ފުލުހުންގެ މަރުކަޒެއްގައި ބަންދުގައި ހުރުމަކީ އެއްވެސް މީހަކު އެދޭނެ ގޮތެއްނޫނެވެ. އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ކުށުގެ ތުހުމަތުގައި ހުރި މީހާގެ އާއިލާއާއި ރަޙުމަތްތެރިން، އެމީހުންގެ ގާތަށް އެމީހަކު ގެންނަން ބޭނުންވާނެކަމީ، ޝައްކެއް އޮތް ކަމެއްނޫނެވެ. ތިމާގެ ރަޙުމަތްތެރިޔަކު ނުވަތަ އާއިލާގެ ފަރާތެއް، މިފަދަ ޙާލަތެއްގައި އެތައް ދުވަހެއް ބަންދުގައި ހޭދަކުރަން ޖެހިފައިވާނަމަ، އެފަރާތަކީ ކަފާލާތުގެ ދަށުން ދޫކުރެވިދާނެ ފަރާތެކެވެ. ވީމާ ޤާނޫނީގޮތުން ކަފާލާތުގެ ދަށުން ދޫކުރެވޭނެ ގޮތަށް ބަލާލަމާތޯއެވެ.

ކަފާލާތުގައި ދޫކުރުމަކީ ކޮބާކަން

ކަފާލާތުގައި ދޫކުރުމަކީ، ޖިނާއީ ކުށެއްގެ ތަޙްޤީޤަށް، ފުލުހުންގެ މަރުކަޒެއްގައި ބަންދުކޮށްފައި ހުރި މީހަކު ގެއަށް ބަދަލުކުރުމެވެ. ކަފާލާތުގެ ދަށުން ދޫކުރެވޭ ފަދަ ކުށެއްގެ ތުހުމަތުގައި، ބަންދުގައި ހުރި ކޮންމެ ފަރާތަކަށްވެސް، ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދުމުގެ ޙައްޤު ޤާނޫނީ ގޮތުން ލިބިގެންވެއެވެ. ޖިނާއީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކު ކަފާލާތުގެ ދަށުން ދޫކުރެވޭ ދެގޮތެއްވެއެވެ. ފުރަތަމަ ގޮތަކީ، މީހަކު ޖާމިނުވުމުން ކަފާލާތުގެ ދަށުން ދޫކުރުމެވެ. ދެވަނަ ގޮތަކީ، ފައިސާ ބެހެއްޓުމަށްފަހު ކަފާލާތުގެ ދަށުން ދޫކުރުމެވެ.

މީހަކު ޖާމިނުވެ ކަފާލާތުގެ ދަށުން ދޫކުރުން

ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުރި މީހަކު ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި، އެހެންމީހަކު ދޭ ޔަޤީންކަމެއްގެ މައްޗަށް، އެ ބަންދުގައި ހުރި މީހާ ކަފާލާތުގެ ދަށުން ދޫކޮށްދިނުމުގެ ބާރަކީ، ފަނޑިޔާރަށް ލިބިގެންވާ ބާރެކެވެ. ނަމަވެސް ޖާމިނުވާ މީހާގެ ކިބައިގާ، ވަކި ޝަރުތުތަކެއް ހުރުން ރާއްޖޭގެ ޤާނޫނުން ލާޒިމުކުރެއެވެ.

އެޝަރުތުތަކަކީ، އުމުރުން 21 އަހަރު ފުރިހަމަވުމާއި، އަމިއްލަ ދިރިއުޅުމުގައި ޒިންމާނަގާ މީހަކަށްވުމާއި، ސާބިތު ދަރަންޏެއް ނެތުމާއި، ކަފާލާތުގައި ދޫކުރެވޭ މީހާގެ ޤާނޫނީ ވަކީލު ކަމުގައި ނުވުމެވެ. އެމީހަކީ، ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ، އެމީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް ހިނގަމުންދާ، ޖިނާއީ ކުށެއް ސާބިތުވެގެން އަދަބު ލިބިގަންނަމުންދާ، ނުވަތަ ލިބިގަންނަންޖެހޭ މީހަކަށްވެގެން ނުވާނެއެވެ. މީގެ އިތުރުން، މީގެ ކުރިން ޖާމިނުވެގެން ކަފާލާތުގެ ދަށުން ދޫކޮށްލި އެއްވެސް ފަރާތެއް ފިލައިފާނުވުމާއި، ކަފާލާތުގެ ދަށުން ދޫކުރާއިރު، ޖާމިނުވާ މީހާގެ އިޤްރާރާއި ޚިލާފުވެފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.

ކަފާލާތުގެ ދަށުން ދޫކޮށްފައިވާ މުއްދަތުގައި، ބަންދުގައިވާ ފަރާތް އިތުރު ކުށެއް ކުރިޔަނުދީ ބެލެހެއްޓުމަށާއި، ތަޙުޤީޤަށް ނުވަތަ މައްސަލަ ހިނގަމުން ދާއިރު ކޯޓަށް ޙާޟިރުވާން އެންގުމުން ޙާޟިރު ކުރުވާނެކަމަށް، ޖާމިނުވާ ފަރާތް އެއްބަސްވާން ޖެހޭނެއެވެ. މީގެން ޝަރުތަކާއި ޖާމިނުވީ ފަރާތް ޚިލާފުވެއްޖެނަމަ، 1 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމަށް، ނުވަތަ 2 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމަށް، ނުވަތަ 15,000/ރ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ފަނޑިޔާރަށް ލިބިގެންވެއެވެ.

ފައިސާ ބެހެއްޓުމަށްފަހު ކަފާލާތުގެ ދަށުން ދޫކުރުން

ބަންދުގައި ހުރި ފަރާތް، ނުވަތަ އޭނާގެ ފަރާތުން އެހެން ފަރާތެއް، ކަފާލާތުގެ ދަށުން ދޫކުރުމަށް ކޯޓުން ކަނޑައަޅާ އަދަދެއްގެ ފައިސާ ދެއްކުމުން، ބަންދުން ދޫކޮށްލުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. މިޙާލަތުގައިވެސް، މީހަކު ޖާމިނުވެގެން ކަފާލާތުގެ ދަށުން ދޫކުރާއިރު ކޯޓުން ކަނޑައަޅާ ޝަރުތަކަށް، ކަފާލާތުގެ ދަށުން ދޫކުރެވޭ ފަރާތް ތަބާވާން ޖެހޭނެއެވެ. މީގެން ޝަރުތަކާއި ޚިލާފުވެއްޖެނަމަ، ކަފާލާތުގައި ދޫކޮށްދިނުމަށް އެދި ކޯޓަށް ދެއްކި ފައިސާ ނެގުމުގެ ޙައްޤު ދައުލަތަށް ލިބިގެންވެއެވެ.

ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ މައްސަލަތައް

ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ މައްސަލަތަކުގެ ތެރޭގައި، ޤަޞްދުގައި މީހަކު މެރިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާއި، މީހަކު މަރާލެވިދާނެ ފަދަ ހަތިޔާރަކުން މީހަކަށް ޙަމަލާދީ، ނުރައްކާތެރި ހާނިއްކައެއް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާއި، ޓެރަރިޒަމްގެ ޢަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ހިމެނިގެންވެއެވެ. މީގެ އިތުރުން، ދައުލަތުގެ މިނިވަންކަމާއި، އިސްތިޤްލާލަށް ގެއްލުންވާފަދަ ޢަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަތަކާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށްކުށުގެ މައްސަލަތަކަކީވެސް، ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ މައްސަލަތަކެވެ. ކަފާލާތުގެ ދަށުން ދޫނުކުރެވޭނެކަމަށް، އެއްވެސް ޤާނޫނެއްގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައި ހުރި މީހަކު، ކަފާލާތުގެ ދަށުން ދުލެއް ނުކުރެވޭނެއެވެ.

ނިންމުން

ބަންދުގައިވާ ފަރާތް ކަފާލާތުގެ ދަށުން ދޫކުރާ ޙާލަތުގައި އެންމެ އިސްކަންދޭންވި ކަމަކީ، ކޯޓުން ކަނޑައަޅާ ޝަރުތަކާއި ޚިލާފުނުވުމެވެ. މިގޮތަށް ޢަމަލު ބެހެއްޓުމަކީ، ބަންދުގައިވާ ފަރާތުގެ މިނިވަންކަން ދަމަހައްޓަން ލިބިގެންދާ އިތުރު ބާރެކެވެ. ކަފާލާތުގެ ދަށުން ދޫކުރުމުގެ ފުރުސަތު ޤާނޫނުން ފަހިކޮށްދީފައި އޮތުމަކީ، ތަޙުޤީޤުގެ މުއްދަތުގައި ބަންދުގައި އެތައް ދުވަސްތަކެއް ވޭތުކުރަންނުޖެހި، އެފަރާތަށް ލިބިގެންދާ ލުއިފަސޭހަކަމެކެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އެޑިޓޯރިއަލް ނޯޓް: އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355