އުތުރުގެ ވިޔަފާރީގެ މައިހަބު، ކުޅުދުއްފުށި ސިޓީން ކާޑު ހުސްނުވެ ލިބޭނެކަމަށް އެސްޓީއޯގެ ކާޑު އެޖެންޓް މިތުރު ކޮމްޕެނީން ހާމަކޮށްފި އެވެ.
ހަލުވިކަމާއެކު ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އާންމު ފަރާތްތަކުން ގިނަ އަދަދަކަށް ކާޑުގަނެ ގޭބިސީތަކުގައި އަންނަނީ ރައްކާކުރަމުންނެވެ. އަދި އެގޮތަށް އަމަލުނުކުރުމަށް ކަމާގުޅުން ހުރި މުވައްސަސާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.
އެހެންވުމުގެ ސަބަބުން ކާޑު ސްޓޮކްގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
މިތުރު ކޮމްޕެނީގެ ވެރިޔާ މުހައްމަދު ޒުހެއިރު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުޅުދުއްފުށިން ކާޑު ހުސްނުވެ ލިބޭނެ ކަމަށާ، އެކަމަކު ބައެއް ފަރާތްތަކުން ގިނަ އަދަދަކަށް ކާޑު ނެގުމުން ސްޓޮކްއަށް އަންނަ ބަދަލާ ގުޅިގެން ވިއްކާ މިންވަރަށް ބަދަލު ގެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
""އާންމު ހާލަތުގައި ދޮޅު މަސް ދުވަހު ވިއްކާހާ ކާޑު މިދިޔަ ދިހަ ދުވަސްތެރޭގައި ވަނީ ވިއްކާފަ."މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޒުހެއިރު ވިދާޅުވި އެވެ.
އެގޮތުން ކާޑުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ހަކުރާއި ހަނޑޫ މިވަގުތު ވިއްކަމުން ދަނީ މީހަކަށް ފަސް ކިލޯއިންނެވެ. އެކަމަކު ގޮދަން ފުށް ބަސްތާއިން ލިބެން އެބަހުއްޓެވެ. އޭނާ ވިދާޅުވީ، ސްޓޮކް މަދުވުމުން ކިލޯއިން ވިއްކުމުގެ އެންމެ ބޮޑު ބޭނުމަކީ ބޭނުންވާ ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
"އާންމު ހާލަތުގައި ދޮޅު މަސް ދުވަހު ވިއްކާހާ ކާޑު މިދިޔަ ދިހަ ދުވަސްތެރޭގައި ވަނީ ވިއްކާފަ." މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޒުހެއިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ހަފްތާތެރޭގައިވެސް އެ ކުންފުނީގެ ތިން ބޯޓެއްގައި ކާޑުގެ ބާވަތްތައް ހިފައިގެން ކުޅުދުއްފުއްޓަށް އަންނާނެކަމަށާއި ސްޓޮކް ލިބޭވަރަކު ވިއްކާ ލިމިޓް އިތުރުކުރަމުންދާނެ ކަމަށެވެ.
ކުޅުދުއްފުށީގެ އެހެން ބައެއް ވިޔަފާރިވެރިންވެސް ބުނީ ސްޓޮކްގައި ދަތިތަކެއް އުޅެނީ ކުއްލިއަކަށް ގިނަ ބަޔަކު ކާޑުގެ ބާވަތްތައް ގަނެ ޖަމާކުރާތީ ކަމަށެވެ. ވިޔަފާރިވެރިން ބުނީ ބައެއް ގެތަކަށް ފަސް ބަސްތާއިންވެސް ކާޑު ނަގަމުންދާ ކަމަށެވެ.
ސަރުކާރުންވެސް އިލްތިމާސްކޮށްފައިވަނީ ކާޑުގެ ބާވަތްތައް ހުސްނުވެ ރާއްޖޭއިން ލިބެން ހުންނާނެ ކަމަށާ މި ދަނޑިވަޅުގައި ގިނައިން ކާޑު ގަނެ ގޭގައި ގުދަން ނުކުރުމަށެވެ.