- ދެ މެގަވޯޓާއި އެއް މެގަވޯޓްގެ ޖަނަރޭޓަރު ސެޓް ފޮނުވުމަށް ހަމަޖެހިފައިވޭ
- މިއަހަރު ޒަމާނީ ފެންވަރުގެ އާ އިންޖީނުގެއެއް އެޅޭނެ
- ކަރަންޓް ކެނޑޭ މައްސަލައަށް ވަގުތީ ހައްލެއް މާދަމާ ލިބިގެންދާނެ
ކުޅުދުއްފުށި ސިޓީގެ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް އިތުރު ދެ ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރެޝަނުން ހާމަކޮށްފި އެވެ.
ކުޅުދުއްފުށީގައި ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ ޖަނަރޭޓަރުތަކުގެ ތެރެއިން އެއް މެގަވޯޓްގެ ދެ ޖަނަރޭޓަރުގައި މައްސަލަ ޖެހި، ކަރަންޓް ކަނޑަން ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެންނެވެ. އެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން 800 ވޯޓްގެ ޖަނަރޭޓަރެއް ގެނެސް އިއްޔެ ވަނީ ކަރަންޓް ދޭން ފަށާފަ އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މިއަދު ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކުޅުދުއްފުށީގެ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން، ފެނަކައިން ތާވަލުކުރިގޮތަށް މަސައްކަތްތައް ކުރިއަށްދިޔަ ނަމަ އެއްވެސް މައްސަލައެއް ދިމަލެއް ނުވެ ދާއިމީ ހައްލެއް ގެނެވުނީސް ކަމަށެވެ. އެގޮތުން އެ ކުންފުނިންގ ކުރިންވެސް ނިންމާފައިވަނީ މިއަންނަ އޭޕްރީލްމަހު 1.2 މެގަވޯޓްގެ ޖަނަރޭޓަރު ސެޓެއް ފޮނުވުމަށެވެ.
ސައީދު ވިދާޅުވީ، 1.2 މެގަވޯޓްގެ ޖަނަރޭޓަރު ސެޓްގެ އިތުރުން، ދެ މެގަވޯޓްގެ ޖަނަރޭޓަރު ސެޓެއް ކުޅުދުއްފުއްޓަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށާ އަދި މިއާއެކު ނެޓްވޯކަށް ގެންނަން ޖެހޭ ބަދަލުތައްވެސް ގެންނަމުންދާނެކަމަށް އޭނާ ވިދާޅުވި އެވެ.
އިއްޔެ ގެނައި 800 ވޯޓްގެ ޖަނަރޭޓަރު ސެޓާއެކު މިހާރުވެސް ކުޅުދުއްފުށީގައި އެއް މެގަވޯޓްގެ ތިން ޖަނަރޭޓަރާއި 800 ކިލޯވޯޓްގެ ތިން ޖަނަރޭޓަރު ހުރެ އެވެ. އެކަމަކު އެ ޖަނަރޭޓަރުތަކުން ކުޅުދުއްފުއްޓަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދުމުގައި ދަތިތަކެއް ހުރެ އެވެ. އެގޮތުން އެ ޖަނަރޭޓަރުތަކުން އުފެއްދެނީ ކުޅުދުއްފުއްޓަށް ބޭނުންވާ ކަރަންޓްގެ 75 އިންސަތަ އެވެ.
އެހެންވެ ކުޅުދުއްފުށީގެ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފެނަކަ އިން މިއަހަރުތެރޭގައި ގިނަ މަސައްކަތްތަކެއް ވަނީ ރާވާފަ އެވެ. އެގޮތުން އެއް މެގަވޯޓްގެ ޖަނަރޭޓަރު ސެޓް ފޮނުވުމުގެ އިތުރުން ޒަމާނީ ފެންވަރުގެ އާ އިންޖީނުގެ އެޅުމުގެ މަސައްކަތްވެސް މިއަހަރު ފަށާނެކަމަށް ސައީދު ވިދާޅުވި އެވެ.
ކުޅުދުއްފުށިން ކަރަންޓް ކެނޑޭ މައްސަލައަށް ވަގުތީ ހައްލެއް މާދަމާ ލިބިގެންދާނެ ކަމަށާއި ކަރަންޓް ކެނޑޭ މި ދަނޑިވަޅުގައި ރައްޔިތުންގެ ފަރާތުން ދައްކައި ކެތްތެރިކަމުގެ ނަމޫނާއަށް ޝުކުރުއަދާކުރައްވާކަމަށް ސައީދު ވިދާޅުވި އެވެ.