ކުޅުދުއްފުށީ ސިޓީގައި ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ އިންޖީނުތަކުގެ ތެރެއިން އެއް މެގަވޯޓްގެ ދެ ޖަނަރޭޓަރުގައި މައްސަލަ ދިމާވީ ފޭކް ސްޕެއަރ ޕާޓްސް ތަކެއްގެ ސަބަބުންކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށި ސިޓީއަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ 6 އިންޖީނުގެ ތެރެއިން އެއް މެގަވޯޓްގެ ދެ ޖަނަރޭޓަރަށް މައްސަލަ ޖެހުނީ އޯވަރހޯލްކުރުމަށްފަހު، ބައެއް އާ ސްޕެއަރތައް އެޅުމުންނެވެ.
ފެނަކައިގެ އެމްޑީ އަހުމަދު ސައީދު ވިދާޅުވީ، ޖަނަރޭޓަރު ސެޓް އޯވަރ ހޯލްކުރުމަށް ގެންދެވުނު ސްޕެއަރތަކަކީ ބަޔަކު އެ ކޯޕަރޭޝަނަށް ޖެނުއިންގ ސްޕެއަރތަކެއްކަމަށް ބުނެ ވިއްކި ފޭކް ސްޕެއަރތަކެއްގެ ސަބަބުން ކަމަށެވެ.
"ޖެން ސެޓް އޯވަރ ހޯލްކުރުމަށް (މާލެއިން) ގެންދެވުނު ސްޕެއަރތަކަކީ ބަޔަކު އަޅުގަނޑުމެންނަށް ޖެނުއިންގ ސްޕެއަރތަކެއްކަމަށް ބުނެ ވިއްކި ފޭކް ސްޕެއަރތަކެއް. ކުންފުންޏަށް އޮޅުވާލައިގެން ފޭކް ސްޕެއަރ ވިއްކި ކަމުގެ ހިތްދަތި ހިތި ނަތީޖާ ރައްޔިތުންނަށް މި ފެންނަނީ." ފެނަކައިގެ އެމްޑީ ވިދާޅުވި އެވެ.
އަސްލު ސްޕެއަރތަކެއް ކަމަށް ބުނެ އެކުންފުންޏަށް ވިއްކި ފޭކް ސްޕެއަރތަކުގެ މައްސަލަ ބަލަމުންދާ ކަމަށާ، އެކަމުގައި އަޅަން ޖެހޭ ފިޔަވަޅު ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
އަދި ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ވިހާވެސް ކުޑަކުރުމަށްޓަކާ ކުރެވެން ހުރި ހުރިހާކަމެއް ކުރަމުންދާކަމަށްވެސް ސައީދު ވިދާޅުވި އެވެ.
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކަރަންޓް ކެނޑެމުންދާ މައްސަލަ ހައްލުކުރުމަށް މިހާރު ވަނީ 800 ކިލޯވޯޓްގެ ޖަނަރޭޓަރު ސެޓެއް ފޮނުވާފަ އެވެ. އަދި 1.2 މެގަވޯޓާއި 2 މެގަވޯޓްގެ ޖަނަރޭޓަރު ސެޓެއް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން މިއަދު ވަނީ ހާމަކޮށްފަ އެވެ.