ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ނާދެވިފައި ސްރީލަންކާގައި ތިބި ދިވެހިން ގެންނަން އިނަ މޯލްޑިވްސް ހޮލިޑޭސް އިން ރާއްޖެ އަށް ފްލައިޓެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.
ސްރީލަންކާގައި ދިވެހިންގެ 15،000 އަށް ވުރެ ގިނަ މީހުން އުޅެ އެވެ. ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ރޯގާ ސްރީލަންކާގައި ވެސް ވަނީ ފެތުރިފަ އެވެ. އޭގެ ސަބަބުން އެ ގައުމަށް ފްލައިޓްތަކުގެ ދަތުރުތައް މަނާކޮށް، ކާފިއު ހިންގާފައި ވެއެވެ. އަދި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 95 ބަލި މީހެއް މިހާތަނަށްސްރީލަންކާއިން ފެނިފައިވެ އެވެ.
ސްރީލަންކަން އެއާލައިންގެ ޖެނެރަލް ސޭލްސް އެޖެންޓްސް ކަމަށްވާ އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ލަންކާގައި ތިބި ގިނަ ބަޔަކު އަންނަން އެދެމުންދާ ކަމަށާ އެކަމަށްޓަކައި ސްރީލަންކާ ސަރުކާރާއި ދިވެހި ސަރުކާރާ ވާހަކަ ދެކެވެމުން ދާކަމަށެވެ.
އެގޮތުން މި މަހުގެ 25 އާއި 27 ގައި ފްލައިޓު ބޭއްވުމަށް ބަލަމުން ދާކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ރޯގާ އާއްމުންގެ ތެރޭގައި ފެތުރިދާނެ ކަމުގެ ބިރަށް ދިވެހި ސަރުކާރުން ވަނީ ބޭރުން އަންނަ ހުރިހާ ދިވެހިން 14 ދުވަހުގެ ކަރަންޓީން އަކަށް ދާން ޖެހޭ ގޮތަށް ހަމަޖައްސާފަ އެވެ. ރާއްޖެ އަންނަ ދިވެހިން ކަރަންޓީންގައި ބޭތިއްބުމަށްޓަކައި 10 ރިސޯޓެއްގެ 2288 އެނދު ކަރަންޓީން ފެސިލިޓީގެ ގޮތުގައި ވަނީ ހަމަ ޖައްސާފަ އެވެ.