ކޮވިޑް-19 އާ ގުޅިގެން ކާޑުގެ ބާވަތްތައް ރާއްޖެ ގެނައުމުގައި ހުރި ދަތިތަކާ ހެދި ކުޅުދުއްފުށީގައި ކާޑުގެ ބާވަތްތައް ކޮންޓްރޯލްކޮށްގެން ވިއްކަން ފަށައިފި އެވެ. މިގޮތަށް ކާޑުގެ ބާވަތްތައް ވިއްކަން ފަށާފައިމިވަނީ ކާޑު ބޭނުންވާ ހުރިހާ ފަރާތްތަކަށް ކާޑު ހުސްނުވެ ފޯރުކޮށްދިނުމަށްށެވެ.
ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ކާޑު އެޖެންޓް މިތުރު ކޮމްޕެނީން ބުނީ ކުޅުދުއްފުށި ސިޓީން ކާޑު ހުސްނުވެ ލިބޭނެކަމަށާއި ބައެއް ފަރާތްތަކުން ގިނަ އަދަދަކަށް ކާޑު ނެގުމުން ސްޓޮކްއަށް އަންނަ ބަދަލާ ގުޅިގެން ވިއްކާ މިންވަރަށް ބަދަލު ގެންނަ ކަމަށެވެ. އެގޮތުން މިހާރު ކާޑުގެ ބާވަތްތައް ވިއްކަމުން ގެންދަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރަމުންނެވެ.
މިތުރުން މިހާރު ކާޑުން ވިއްކަމުން ގެންދަނީ މީހަކަށް ދިހަ ކިލޯ ހަނޑުލާއި ފަސް ކިލޯ ފުއް އަދި ދެ ކިލޯ ހަކުރެވެ.
މިތުރު ކޮމްޕެނީގެ ވެރިޔާ މުހައްމަދު ޒުހެއިރު ވިދާޅުވީ، ސްޓޮކް މަދުވުމުން ކިލޯއިން ވިއްކުމުގެ އެންމެ ބޮޑު ބޭނުމަކީ ބޭނުންވާ ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށާ، ކޮންޓްރޯލްކޮށްގެން މިވަގުތު ވިއްކުމަށް އެސްޓީއޯއިންވެސް ބާރު އަޅާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ގިނަ ބަޔަކު ބޭނުންވާ ވަރަށް ވުރެއް ގިނައިން ކާޑު ގަނެ ގޭބިސީތަކުގައި ރައްކާކުރުމުގެ ސަބަބުން ކާޑުގެ ސްޓޮކް ވަނީ ހުސްވެ، ދަތިތަކާ ކުރިމަތިވެފަ އެވެ. ނަމަވެސް ސަރުކާރުން ދަނީ ކާޑުގެ ބާވަތްތައް ހުސްނުވެ ރާއްޖެއިން ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.
އާންމު މަސްމަހު ކާޑު ވިއްކާ މިންވަރާ އަޅާ ކިޔާއިރު މި މާރޗުމަހުގެ މިހާތަނަށް ކުޅުދުއްފުށިން ކާޑު ވިއްކި އަދަދު ވަނީ ދެގުނައަށް އިތުރުވެފައި އެވެ.
ޒުހެއިރު ވިދާޅުވީ، އޭޕްރީލްމަހު ފުރަތަމަ ދުވަހުވެސް ކާޑުގެ ސްޓޮކެއް ކުޅުދުއްފުއްޓަށް ލިބޭނެ ކަމަށާ، ލިބޭވަރަކަށް ކޮންޓްރޯލް ދޫކޮށްލަމުންދާނެ ކަމަށެވެ.
ކުރަން އެސްޓީއޯއިން ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލް ކޮށް އަގު ހެޔޮކޮށް ވިއްކަން ފަށައިފި އެވެ. އަދި ސްރީލަންކާއިން 10 ޓަނުގެ މުދާ މޯލްޑިވިއަންގެ ކާގޯ ފްލައިޓުގައި އިއްޔެވަނީ ރާއްޖެ ގެނެސްފަ އެވެ.